އިސްރާއީލާއި އެމެރިކާގެ ސޮލީބީ ސަހުޔޫނީ ހަމަލާތަކުގައި ހަލާކުވި ހަތިޔާރުތަކާއި ވަސީލަތްތައް އާބާތުރަފިލުވައި، އިތުރު އާ ސިސްޓަމްތައް ޤައުމަށް އެތެރެކޮށް ހަމަލަ ދޭން ތައްޔާރު ކޮށްފައިވާ ކަމަށް އީރާނުގެ ސިފައިން ބުނެފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، ސިފައިންގެ ކުޅަދާނަކަން އިތުރުކުރުމުގެ ގޮތުން ޤައުމީ ދިފާއީ ސިނާއަތުން އުފެއްދި ސިސްޓަމްތަކުގެ އިތުރުން، ބޭރު ޤައުމުތަކުންވެސް ވަނީ ޒަމާނީ އަސްކަރީ ވަސީލަތްތައް އެތެރެ ކޮށް ހޯދާފައެވެ.
އީރާނުގެ ސިފައިންގެ ތަރުޖަމާނު މުޙައްމަދު އަކްރަމީނިޔާ ވިދާޅުވި ގޮތުގައި، ދުޝްމަނުންގެ ހަމަލާތަކުގައި ގެއްލުންވި ހުރިހާ ވަސީލަތްތަކެއް މަރާމާތުކޮށް، އަލުން އޮޕަރޭޝަންތަކަށް ވަނީ ނެރެފައެވެ.
މި ހިނގާ 2026 ވަނަ އަހަރުގެ ފެބްރުއަރީ 28 ގައި ސޮލީބީންނާއި ސަހުޔޫނީން ދިން ހަމަލާތަކާ އެކު ފެށި ހަނގުރާމަ، އޭޕްރިލް 8 ގައި ވަގުތީ ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ނަމަވެސް، ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި އަދިވެސް ވަނީ ނުތަނަވަސް ކަން އުފެދިފައެވެ. ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައިސްފައިވަނީ އެމެރިކާއިން ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް އުދުވާނީ އަމަލުތައް އިތުރު ކުރުމުންނެވެ.
މީގެ އިތުރުން، ތަރުޖަމާނު އަކްރަމީނިޔާ ވަނީ އީރާނުގެ އަސްކަރީ ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސްފައިވާކަން ހާމަކުރައްވާފައެވެ.
އެގޮތުން، ކުރިން ގެންގުޅުނު "ދިފާއީ" ސިޔާސަތު އިސްކުރުމުގެ ބަދަލުގައި، މިހާރު ގެންގުޅޭނީ އިސްވެ "ހަމަލާދިނުމުގެ" ދިފާއީ އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ޗާޓަރުގެ މާއްދާތަކަށް އަލިއަޅުވާލައްވައި އޭނާ ވިދާޅުވީ، ނުރައްކާ ނައްތާލުމަށްޓަކައި އިސްވެދޭ ހަމަލާތަކަކީ ޤާނޫނީ ގޮތުން ހުއްދަ ކުރެވިގެންވާ ކަމެއް ކަމަށެވެ.





