ޑރ. ވަހީދު: ގާޑަން ސިޓީ ޔުނިވަރސިޓީގެ އާ ދަރިވަރުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުމަށް ތައުރީފުކުރައްވައިފި

ދިވެހިރާއްޖޭގެ ކުރީގެ ރައީސު ޑރ. މުޙައްމަދު ވަހީދު ޙަސަން އިންޑިއާގެ ބެންގަލޫރުގައި ހުންނަ ގާޑަން ސިޓީ ޔުނިވަރސިޓީ (ޖީސީޔޫ) ގެ އޯލްޑް މެޑްރާސް ރޯޑް ކޭމްޕަސްގައި ބޭއްވި އެ ޔުނިވަރސިޓީގެ އާ ދަރިވަރުންގެ އިސްތިޤްބާލީ ހަފުލާގައި ބައިވެރިވެވަޑައިގެން، އާ ބެޗުގެ އެންމެ މޮޅު ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ. އޮގަސްޓް 19 ގައި ބޭއްވި މި ހަފުލާގައި ގާތްގަނޑަކަށް 2،000 އަށްވުރެ ގިނަ އާ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ހަފުލާގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވަނީ 2026-2027 ގެ ދިރާސީ އަހަރަށް ގުޅުނު ދަރިވަރުން، ތަޢުލީމު ހާސިލުކުރުމަށް އިސްކަންދިނުމަށާއި، ރަނގަޅު އުޞޫލުތަކުގައި ހިފެހެއްޓުމަށާއި، އަދި ކޭމްޕަސްގައި ހޭދަކުރާ ދުވަސްވަރު ލީޑަރޝިޕް ދައްކައި ކަންކަމުގައި އިސްނެގުމަށް އިރުޝާދު ދެއްވާފައެވެ.

ގާޑަން ސިޓީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. ޖޯސެފް ވީ. ޖީ. ވަނީ، އާ ދަރިވަރުންނާ ބައްދަލުކުރެއްވުމަށް ކުރީގެ ރައީސް ވަގުތު ދެއްވިކަމަށްޓަކައި އެކަމަށް އުފާކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން އޮގަސްޓް 15 ގައި ޑރ. ވަހީދު ވަނީ ހޮސްކޯޓޭގައި ހުންނަ ގާޑަން ސިޓީ ޔުނިވާސިޓީގެ ނޮލެޖް ޕާކް ކޭމްޕަސްގައި ބޭއްވި އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ އިޙްތިފާލުތަކުގައިވެސް ދަރިވަރުންނާއި މުވައްޒަފުންނާއެކު ބައިވެރިވެވަޑައިގެންފައެވެ.

ޗާންސެލަރ ޑރ. ޖޯސެފްގެ ދަޢުވަތަކަށް އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގަދީމީ އަދި ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

"ދިވެހިރާއްޖެއަށް އިންޑިއާއަކީ ހަމައެކަނި އަވައްޓެރި ޤައުމެއް ނޫން،" ޑރ. ވަހީދު ވިދާޅުވިއެވެ. "އިންޑިއާއަކީ އިތުބާރުހުރި އެކުވެރިއެއް، އަގުހުރި ބައިވެރިއެއް، އަދި ތާރީޚީ، ސަގާފީ އަދި އިޖުތިމާއީ ގޮތުން ވަރަށް ފުން ގުޅުމެއް ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޤައުމެއް." ޑރ. ވަޙީދު ވިދާޅުވިއެވެ.

އޭގެ އިތުރުން، ތަޢުލީމާއި، ސަލާމަތީ ކަންކަމާއި، އަދި ސަރަޙައްދީ ތަރައްޤީގެ ދާއިރާއިން ދެޤައުމުގެ މެދުގައި އޮތް ގުޅުން ދެމިއޮތީ ރަޙުމަތްތެރިކަމުގެ އަގުވަޒަންކުރުމާއި ދެފަރާތުގެ މުހިންމު އަމާޒުތަކުގެ މައްޗަށް ކަމަށް ވެސް ރައީސް ވަޙީދު ވިދާޅުވި އެވެ.

ގާޑަން ސިޓީ ޔުނިވަރސިޓީގެ މެނޭޖްމަންޓުން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ކުރީގެ ރައީސަކަށް މަރުޙަބާ ދެވުމަކީ ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށާއި ދަރިވަރުންނަށް ބައިނަލްއަޤްވާމީ ލީޑަރުންގެ ތަޖުރިބާ އިން އިބްރަތް ލިބި ގަތުމަށް ޖީސީޔޫއިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

  • ގާޑަން ސިޓީ ޔުނިވަރސިޓީ: އިންޑިއާގެ ބެންގަލޫރުގެ ފާާހަގަކޮށްލެވޭ އަމިއްލަ މަތީ ތަޢުލީމީ މުއައްސަސާއެއް
    އިންޑިއާގެ ކަރްނާޓަކާގެ ބެންގަލޫރުގައި ގާއިމުކޮށްފައިވާ ގާޑަން ސިޓީ ޔުނިވަރސިޓީ (ޖީސީޔޫ) އަކީ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ސަރަޙައްދީ ފެންވަރުގައި ބޮޑު މަޤްބޫލުކަމެއް ހޯދަމުންދާ އަމިއްލަ ޔުނިވަރސިޓީއެކެވެ. މި މުއައްސަސާއަކީ އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ތަޢުލީމީ ފުރުޞަތުތައް ހުޅުވާލައިގެން، ބައިނަލްއަޤްވާމީ ދަރިވަރުންނަށްވެސް ވަށާޖެހޭ މާހައުލެއް ފޯރުކޮށްދެމުން އަންނަ ތަނެކެވެ.
  • މި ޔުނިވަރސިޓީ ރަސްމީކޮށް އުފެދިގެން ދިޔައީ "ގާޑަން ސިޓީ އެޑިއުކޭޝަން ޓްރަސްޓް" ގެ ދަށުން، ކަރްނާޓަކާ ސްޓޭޓްގެ ޤާނޫނު ނަންބަރު 47/2013 (ގާޑަން ސިޓީ ޔުނިވަރސިޓީ އެކްޓް 2013) ގެ ދަށުންނެވެ. މި ޤާނޫނީ އޮނިގަނޑުގެ ދަށުން ޔުނިވަރސިޓީއަށް ވަނީ އަމިއްލަ ފުރިހަމަ އިޚްތިޔާރާއެކު ތަޢުލީމީ މުހިންމު ދާއިރާތަކުން އުނގަންނައިދިނުމުގެ ހުއްދައާއި ޤާބިލުކަން ލިބިގެންގޮސްފައެވެ.
  • ޖީސީޔޫއިން މިހާރު އަންނަނީ އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ރިސާޗް (ޕީއެޗްޑީ) ފެންވަރުގެ ގިނަ ކޯސްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި މެނޭޖްމަންޓް، ކޮމާސް، ކޮމްޕިއުޓަރ އެޕްލިކޭޝަންސް، މީޑިއާ ސްޓަޑީޒް، ހެލްތު ސައިންސަސް އަދި ހޮސްޕިޓަލިޓީ ދާއިރާގެ އެކި ކޯސްތައް ހިމެނެއެވެ. މި ކޯސްތަކަކީ ޒަމާނީ ވަޒީފާގެ ބާޒާރަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ޚާއްޞަކޮށްގެން ފޯރުކޮށްދެވޭ ތަޢުލީމީ ޕްރޮގްރާމްތަކެކެވެ.
ހިއްސާ ކުރައްވާ!