އެމެރިކާއާއި އީރާނާ ދެމެދު ސައިންކުރެވުނު ފަހުމުނާމާއަށް 76 ދުވަސް ފުރުނުތަނާ، އަދި ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުންތައް ފެށުނުތާ 185 ދުވަސް ފަހުން، އެމެރިކާގެ ސިފައިން އީރާނުގެ މަދަނީ އަދި އަސްކަރީ އެކި މައިދާންތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ. މި ހަމަލާތަކާ ގުޅިގެން އީރާނުގެ ސިފައިންގެ އިސް ވެރިންނާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ) އިން ވަނީ އެމެރިކާއަށް ވަގުތުން "ނާކާމިޔާބީއާއި ހިތާމަ" ކުރަންޖެހޭފަދަ ނުރައްކާތެރި ރައްދެއް ދިނުމުގެ ތައްޔާރީތައް ފަށާފައިވާކަން އިއުލާނުކޮށްފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތައް އަމާޒުވެފައިވަނީ ދެކުނުގެ ކަރްމާން މާކްރޯ-ރީޖަންގެ ޖީރަފްޓް އެއާޕޯޓަށާއި، ސީސްތާން-ބަލޫޗިސްތާން އަދި ހުރުމުޒްގާން ޕްރޮވިންސްގެ އެކި ސަރަހައްދުތަކަށެވެ. މީގެ އިތުރުން ހުރުމުޒް ކަނޑުއޮޅި ކައިރީގައިވާ ސްޓްރެޓެޖިކް މައިދާންތަކަށްވެސް އެމެރިކާގެ ވައިގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ. އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ކަށަވަރުކޮށްދިން ގޮތުގައި، އެމެރިކާގެ މި އުދައްގޫތަކާ ގުޅިގެން އީރާނުގެ ސިފައިންގެ "އެންމެ ފަހުގެ ނިޔާމަ އޮޕަރޭޝަން" މިހާރު ވަނީ ފަށާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ހަމަލާތަކަކީ ހުރުމުޒް ކަނޑުއޮޅީގައި ކަނޑުމަތީ މައިން ވަޅުލުމަށް އީރާނުން ކުރި ނާކާމިޔާބު މަސައްކަތާއި، އުރުދުންގައި ހުރި އެމެރިކާގެ ސިފައިންގެ ބޭސްއަކަށް އީރާނުން ފޮނުވާލި 8 މިސައިލުގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުން ދިން އެ ހުރިހާ މިސައިލެއް ވަނީ ވައްޓާލެވިފައެވެ.
"އީރާނާއެކު ވެވުނު ސުލްހައިގެ އެއްބަސްވުމަކީ އެ ލިޔެވިފައިވާ ކަރުދާސްކޮޅުގެ އަގުވެސް ހުރި އެއްޗެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ. "އީރާނުން އަލުން ރާޑަރު ސިސްޓަމްތައް ބިނާކުރަންދެން އަހަރެމެން މަޑުކުރީ. ދެން ދިނީ ވަރުގަދަ ހަމަލާއެއް. އީރާނުން އަދިވެސް ރައްދު ހަމަލާއެއް ދީފިނަމަ، އެމީހުން މުޅިން ފޮހެލެވޭނެ. އެންމެ ވަރުގަދަ ހަމަލާ އަދި ކުރިއަށް އޮތީ".
މި މަސްރަހު މިހާ ހިސާބަށް ދިޔައިރު، ބައިނަލްއަގުވާމީ ޑިޕްލޮމެޓުންނާއި އދ އިން ދަނީ މަސްރަހު ފިނިކުރުމަށް ސްޓްރެޓެޖީތައް ރާވަމުންނެވެ. ނަމަވެސް، އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް މީސް މީޑިއާގައި ވިދާޅުވެފައިވަނީ، އެމެރިކާގެ އިސްތިއުމާރީ އަމަލުތަކަށް ސިފައިން ދޭނެ ރައްދަކީ އެމެރިކާއިން ދުވަހަކުވެސް ހީނުކުރާފަދަ ހިތާމަވެރި ރައްދަކަށް ވާނެ ކަމަށެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަދި ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެފައިވަނީ، އެމެރިކާގެ ސިފައިންގެ ރައްކާތެރިކަމާއި ކަނޑުމަތީގެ ވިޔަފާރި ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެމެރިކާއިން އަޅާނެ ކަމަށެވެ.





