2025 ވަނަ އަހަރު ދުނިޔޭގައި ވަޔާއި ނޭވާލާ ނިޒާމަށް ނުރައްކާތެރި މާއްދާތައް އެންމެ ގިނައިން އެކުލެވިގެންވި، ވައި އެންމެ ތަޣައްޔަރުވެފައިވާ ގައުމުގެ ގޮތުގައި ޕާކިސްތާން ރޭންކް ކުރެވިއްޖެއެވެ. ސްވިޒަލޭންޑުގެ ވައިގެ ފެންވަރު ބަލާ އައިކިއުއެއާ ޖަމިއްޔާއިން ނެރުނު އަހަރީ ރިޕޯޓުގައިވާ ގޮތުން، ޕާކިސްތާނުގެ ވައިގެ ތެރޭގައި ސިއްހަތަށް ނުރައްކާތެރި ކުދި މާއްދާތައް ނުވަތަ "ޕީއެމް 2.5″ އެކުލެވޭ މިންވަރު ހުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ ރައްކާތެރި މިންގަނޑަށްވުރެ 13 ގުނަ އިތުރުގައެވެ. މި ލިސްޓުގެ ދެވަނަ އަދި ތިންވަނަ ލިބިފައިވަނީ ބަންގްލާދޭޝް އަދި ތަޖިކިސްތާނަށެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ 143 ގައުމެއްގެ ތެރެއިން 130 ގައުމަކަށް ޑަބްލިއުއެޗްއޯގެ ރައްކާތެރި މިންގަނޑުތަކަށް ވާސިލުވެވިފައެއް ނުވެއެވެ.
އެމެރިކާގެ އެމްބަސީތައް މެދުވެރިކޮށް ކުރިއަށްގެންދިޔަ ތަޣައްޔަރުވުން ބަލާ ނިޒާމު ބަޖެޓުގެ ދަތިކަމާ ހުރެ ހުއްޓާލުމާ ގުޅިގެން، ބައެއް ގައުމުތަކުގެ ސައްހަ މައުލޫމާތު ހޯދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެގޮތުން 2024 ވަނަ އަހަރު އެންމެ ތަޣައްޔަރު ގައުމުގެ ގޮތުގައި އޮތް ޗާޑު، 2025 ވަނަ އަހަރު ހަތަރުވަނައަށް ވެއްޓުނީ މައުލޫމާތު ސާފުކޮށް ލިބިފައި ނުވާތީ ކަމަށް އައިކިއުއެއާގެ މައި މުސަންނިފު ކްރިސްޓީ ޗެސްޓާ ޝްރޯޑާ ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް ބަލާއިރު، އެންމެ ތަޣައްޔަރުވެފައިވާ ސިޓީގެ ގޮތުގައި ފާހަގަކުރެވުނީ އިންޑިއާގެ ލޯނީ ސިޓީއެވެ. ދުނިޔޭގެ އެންމެ ތަޣައްޔަރު 25 ސިޓީގެ ތެރޭގައި ހިމެނެނީ މުޅިންވެސް އިންޑިއާ، ޕާކިސްތާން އަދި ޗައިނާގެ ސިޓީތަކެވެ. ނަމަވެސް، ވާރޭވެހުމާއި ވައިޖެހޭ މިންވަރު އިތުރުވުމުގެ ސަބަބުން ލާއޯސް، ކެމްބޯޑިއާ އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ ވައިގެ ފެންވަރަށް ވަނީ އެދެވޭ ބަދަލުތަކެއް އައިސްފައެވެ.






