ޕާކިސްތާނުގެ ހުޅަނގުދެކުނު ބަލޫޗިސްތާނު ޕްރޮވިންސްގައި ސިފައިންނާއި ހައްދުފަހަނައެޅި ޓެރަރިސްޓް ގްރޫޕްތަކާ ދެމެދު ހިނގި ވަކިވަކި ކުރިމަތިލުންތަކެއްގައި މަދުވެގެން 21 ޓެރަރިސްޓަކާއި ސިފައިންގެ 6 މީހުންގެ އިތުރުން ކަސްޓަމްސް އޮފިޝަލަކު މަރުވެއްޖެކަމަށް އެ ޤައުމުގެ ސިފައިންގެ އިދާރާއިން ހާމަކޮށްފިއެވެ. މި ހާދިސާތައް ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބަލޫޗިސްތާނުގެ ޗާގީ އަދި ޕިޝިން ޑިސްޓްރިކްޓްގައެވެ.
ޕާކިސްތާނު ސިފައިންގެ މީޑިއާ ވިންގު (އައިއެސްޕީއާރު) އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ފުރަތަމަ ހާދިސާ ހިނގީ ކުއެޓާ ތަފްތާން ހައިވޭގައި ޓެރަރިސްޓުން ޣައިރުޤާނޫނީ ޗެކްޕޮއިންޓެއް ހަދައިގެން ފައިސާ ދެއްކުމަށް މަޖުބޫރުކުރަން އުޅުމުންނެވެ. ސިފައިން ވަގުތުން ހަރަކާތްތެރިވެ ދިން ހަމަލާތަކުގައި 11 މީހުން މަރުވި އިރު، އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި ވަނީ ހޯދާފައެވެ. ދެވަނަ ހާދިސާގައި ޕިޝިންގެ ޒިއާރަތް ކްރޮސްގައި ހުންނަ ކަސްޓަމްސް ހައުސްއަށް ވަންނަން އުޅުނު 10 މީހުން ވަނީ ސިފައިންގެ ހަމަލާތަކުގައި މަރުވެފައެވެ.
ސިފައިންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ކަސްޓަމްސް ހައުސްއަށް ދިން ހަމަލާއަކީ ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރާ އޮފިޝަލުންނަށް ހުރަސްއަޅައި، އެ ސަރަޙައްދުގައި ޖަރީމާތައް ހިންގުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ދިން ހަމަލާއެކެވެ. މި ކުރިމަތިލުންތަކުގައި ސިފައިންގެ 6 މެންބަރުންނާއި ކަސްޓަމްސް އޮފިޝަލަކު މަރުވެފައިވާއިރު، އެ ސަރަޙައްދުގައި އަމާންކަން ގާއިމް ކުކުރުމަށް ސިފައިން ދަނީ އިތުރު ހަރަކާތްތައް ހިންގަމުންނެވެ.




