އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު ސާޖިއޯ ގޯ، ކަޝްމީރަށް ކުރެއްވި ޒިޔާރަތަށްފަހު ކަޝްމީރަކީ "އިންޑިއާގެ މުހިންމު ބައެއް" ކަމަށް ސިފަކުރެއްވުމާ ގުޅިގެން ޕާކިސްތާނާއި އެމެރިކާއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެއެވެ. އެމެރިކާގެ ސަފީރުގެ މި ބަސްފުޅާ ގުޅިގެން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އިސްލާމާމުބާދުގައި ހުންނަވާ އެމެރިކާގެ ސަފީރު ހާޒިރުކޮށް، އެކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ.
ކަޝްމީރުގެ މައްސަލައަކީ 1947 އިން ފެށިގެން އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ އެންމެ ހައްސާސް މައްސަލައެވެ. އެމެރިކާއިން ކުރިން ގެންގުޅެފައިވަނީ ދެފަރާތަށް ވެސް މެދުކެނޑުމެއްނެތި އެއްހަމައެއްގައި ވާހަކަދައްކާ ޚާރިޖީ ސިޔާސަތެކެވެ. ނަމަވެސް، އެމެރިކާގެ ސަފީރުގެ މި ބަޔާންތަކަކީ ވޮޝިންގްޓަންގެ ތާރީހީ ސިޔާސަތާ ޚިލާފަށް އިންޑިއާއަށް ތާއީދުކޮށް ދެއްކެވި ވާހަކަފުޅެއް ކަމަށް ބުނެ ޕާކިސްތާނުން ވަނީ އެއީ ކަޝްމީރުގައި އޮތް ޕާކިސްތާންގެ ހައްގަށް އުނިކަން ގެނައުމެއް ކަމަށް ބުނެފައެވެ.
އެމެރިކާގެ ސަފީރުގެ ވާހަކަތަކުގެ ސަބަބުން އެިސްލާމްއާބާދާއި ވޮޝިންޓަންގެ ދެ ފަރާތުގެ ގުޅުމަށް ސީދާ އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ. ޗައިނާއާއި ޕާކިސްތާނުގެ ގުޅުން ބަދަހިވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއިން އިންޑިއާއާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިފަދަ ބަސްތައް ބޭނުންކުރުމަކީ އިސްލާމްއާބާދުން ސަމާލު ވާނޭ ވާހަކަތަކެއް ކަމަށް ބެލެވެއެވެ.
އިންޑިއާއިން ވެސް މީގެ ކުރިން ގެންގުލެފައި ވަނީ ބޭރުގެ ފަރާތްތަކުން ކަޝްމީރުގެ މައްސަލައިގެ ތެރެއަށް ނުވެއްދުމުގެ ސިޔާސަތެކެވެ.



