ޕާކިސްތާނާއި އިންޑިއާއާ ދެމެދު ވެފައިވާ އިންޑަސް ކޯރުގެ ފެނުގެ މުއާހަދާ އަދިވެސް އޮތީ ގާނޫނީ ބާރުގެ ދަށުގައި ކަމަށާއި، އިންޑިއާއިން އެ މުއާހަދާއަށް އަމަލުކުރުން ހުއްޓާލުމަށް ނިންމި ނިންމުން ބަލައިނުގަނެވޭނެ ކަމަށް ނެދަލޭންޑްސްގެ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަން (ޕީސީއޭ) އިން ހުކުމްކޮށްފިއެވ.
31 އޮގަސްޓްގައި ނެރުނު މި އަމުރުގައި، ބުނަނީ މުއާހަދާގެ ދަށުން އިންޑިއާއިން އަދާކުރަންޖެހޭ އިލްތިޒާމްތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ. އަދި، އޭގެ އިތުރުން ޖައްމޫ ކަޝްމީރުގައި އިންޑިއާއިން ބިނާކުރަމުންދާ ރާތުލޭ ހައިޑްރޯ އިލެކްޓްރިކް ޕްރޮޖެކްޓުގެ ބައެއް ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް، އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ މި ނިންމުމާ ވަގުތުން ދެކޮޅު ހަދައި، އެ ކޯޓުގެ އެއްވެސް އިޚުތިސާސެއް އިންޑިއާގެ އަމިއްލަ ސިޔާދަތީ ނިންމުންތަކުގެ މައްޗަށް ނުހިނގާނެ ކަމަށް ބުނެފައެވެ. އިންޑިއާއިން ބުނާ ގޮތުގައި، ޕާހަލްގާމްގައި ދީފައިވާ ނުރައްކާތެރި ޓެރެރިސްޓް ހަމަލާއާ ގުޅިގެން 2025 އޭޕްރީލް 23 ގައި އެ މުއާހަދާއަށް އަމަލުކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމި ނިންމުން އަދިވެސް އެގޮތުގައި އޮންނާނެ ކަމަށެވެ. އަދި އިންޑިއާގެ އިމުން ބޭރުން އައިސް ދެވޭ ޓެރެރިޒަމްގެ ހަރަކާތްތަކާ ދެކޮޅަށް ޕާކިސްތާނުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ މުއާހަދާ އަލުން އިއާދަ ނުކުރާނެ ކަމަށް ނިއު ދިއްލީން ވަނީ ތަކުރާރުކޮށްފައެވެ.
މި މައްސަލައިގެ އަސްލަކީ ޕާކިސްތާނަށް ގޮސް ފައިބާ ކޯރުތަކުގައި އިންޑިއާއިން ބިނާކުރާ ކިޝަންގަންގާ އަދި ރާތުލޭ ހައިޑްރޯ އިލެކްޓްރިކް ޕްރޮޖެކްޓްތަކުގެ ޑިޒައިނަށް ޕާކިސްތާނުން ކުރި އިއުތިރާޒުތަކެވެ. އިންޑިއާއިން ބުނާ ގޮތުގައި، ޕީސީއޭގެ އާބިޓްރޭޝަން މަޖިލީހަކީ ގާނޫނީ އިމުގެ ބޭރުން އުފައްދާފައިވާ ތަނެއް ކަމަށާއި، ވޯލްޑް ބޭންކުން އައްޔަންކޮށްފައިވާ ވަކި ފަރާތަކަށް ނުޖެހޭ "ނިއުޓްރަލް އެކްސްޕަރޓް" ގެ މަރުހަލާ އޮއްވައި އިގްތިސާދީ އަދި ފެނުގެ މައްސަލަތައް ސިޔާސީކުރަން ޕާކިސްތާނުން އުޅެނީ ކަމަށެވެ.



