އިންޑިއާގެ ވައިގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށްޓަކައި އެސް-400 ގެ އިތުރު 5 ނިޒާމު ގަތުމަށް އިންޑިއާއިން ހުޅުވާލި ޓެންޑަރަށް އިޖާބަދީ، ރަޝިޔާއިން އެ ސިސްޓަމްތައް ވިއްކުމުގެ ރަސްމީ ހުށަހެޅުން އިންޑިއާގެ ދިފާއީ ވުޒާރާއަށް ހުށަހަޅައިފިއެވެ. ގާތްގަނޑަކަށް 5.8 ބިލިއަން އެމެރިކާ ޑޮލަރަށް އަގުކުރެވޭ މި ބޮޑު މަޝްރޫއުގެ ދަށުން، އިންޑިއާގެ ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދެގުނައަށް އިތުރުވެގެންދާނެއެވެ.
މި ހުށަހެޅުން ރަޝިޔާއިން ހުށަހަޅާފައިވަނީ ކިރްގިޒްސްތާނުގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން ބައްދަލުކުރައްވައި ދިފާއީ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާއިން 2018 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އޯޑަރުކުރި 5 އެސް-400 ސިސްޓަމްގެ ތެރެއިން 4 ސިސްޓަމް މިހާރު ވަނީ އިންޑިއާއަށް ލިބިފައެވެ. އަދި ފަހު ސިސްޓަމް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ނިޔަލަށް ފޯރުކޮށްދިނުމަށް ރަޝިޔާއިން ދަނީ ތައްޔާރުވަމުންނެވެ.
އިންޑިއާއިން އިތުރު 5 އެސް-400 ސިސްޓަމް ގަތުމަށް ނިންމީ "އޮޕަރޭޝަން ސިންދޫރު" ގެ ހަރަކާތްތަކުގައި މި ނިޒާމުގެ ކާމިޔާބީއަށް ބެލުމަށްފަހުގައެވެ. އިންޑިއާގައި "ސުދަރްޝަން" ގެ ނަމުން ނަންދީފައިވާ މި ނިޒާމުން ވަނީ 314 ކިލޯމީޓަރު ދުރުން ޕާކިސްތާނުގެ ޖާސޫސީ މަތިންދާބޯޓެއް ވައްޓާލައި، ސުރުޚީތަކަށް އަރާފައެވެ. އައު އެއްބަސްވުމުގައި ސޮއިކުރެވޭތާ 3 އަހަރު ތެރޭގައި ސިސްޓަމްތައް ފޯރުކޮށްދޭން ފެށޭނެ ކަމަށް ބެލެވޭއިރު، މި ސިސްޓަމްތައް ގާއިމުކުރެވޭނީ އިންޑިއާގެ އިރުމައްޗާއި ހުޅަނގުގެ އިންތަކުގައެވެ.
މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ އަމިއްލަ ދިފާއީ އުފެއްދުންތެރިކަން އިތުރުކުރުމަށް ގެންގުޅޭ ސިޔާސަތާ މެދު ސުވާލުތަކެއް އުފެދުނު ނަމަވެސް، އިރުމަތީ އަދި ހުޅަނގު ސަރަހައްދުތަކުގެ ނުރައްކާތަކުން ރައްކާތެރިވުމަށް މިފަދަ ދުރު ރާސްތާ ދިފާއީ ނިޒާމެއްގެ މުހިންމުކަން ބޮޑުކަމަށް ސިފައިންގެ މާހިރުން ދެކެއެވެ. މީގެ އިތުރުން ސިސްޓަމްތަކަށް ބޭނުންވާ 280 އަށްވުރެ ގިނަ މިސައިލް ގަތުމަށާއި، އިންޑިއާގެ އަމިއްލަ ކުންފުންޏެއް މެދުވެރިކޮށް މި ނިޒާމުތައް މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ދަނީ މަޝްވަރާކުރެވެމުންނެވެ.




