ޗައިނާގެ ހަމަނުޖެހުމުގެ ތެރޭގައި ޖަރުމަނުގެ ކައިޒަރު އުސްމާނީ ޚަލީފާގެ އެހީތެރިކަމަށް އެދުނު  

1901 ވަނަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހު އިސްތަންބޫލްގެ ބަނދަރަކުން ފުރައިގެން ދިޔަ ރޫސީވިލާތުގެ އުޅަނދެއްގައި ތިއްބެވީ އުސްމާނީ ދައުލަތުގެ ސުލްތާން އަބްދުލްހަމީދު 2 ވަނަ ފޮނުއްވި 9 ބޭފުޅުންގެ ހާއްސަ ވަފްދެކެވެ. "ނަސޭހަތުގެ ވަފްދު" ގެ ނަމުން ނަންދެވުނު މި ދަތުރަކީ ޗައިނާގައި ހިނގަމުންދިޔަ ބޮކްސަރ ރެބެލިއަން (1899-1901) ގެ ހަމަނުޖެހުންތައް ކަންތައްތައް ހަމައަކަށް އެޅުވުމަށް ޖަރުމަނުގެ ރަސްގެފާނު ކައިޒަރު ވިލްހެލްމް 2 ވަނަ، އިސްލާމީ އުންމަތުގެ ޚަލީފާގެ އެހީތެރިކަމަށް އެދިވަޑައިގަތުމުން ކުރިއަށްގެންދިޔަ މުހިންމު ޑިޕްލޮމެޓިކް ދަތުރެކެވެ.

އިސްތިއުމާރީ ނުފޫޒާއި "ބޮކްސަރ" އިއްތިހާދުގެ ނުރައްކާ

19 ވަނަ ގަރުނުގެ ފަހުކޮޅު، ޖަރުމަނުން ވަނީ ޗައިނާގެ ޝަންޑޮންގް ޕރޮވިންސްގެ ޖިއާއޯޒޫ ކަނޑުއޮޅި 99 އަހަރަށް ކުއްޔަށް ހިފައި، އެ ސަރަހައްދުގައި އަސްކަރީ އަދި ވިޔަފާރި ނުފޫޒު ގާއިމުކޮށްފައެވެ. ނަމަވެސް ހުޅަނގުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ޗައިނާ މީހުން ފެށި "ބޮކްސަރ" ހަރަކާތުގެ ތެރޭގައި، 1900 ވަނަ އަހަރު ބެއިޖިންގްގައި ހުންނެވި ޖަރުމަނުގެ ސަފީރު ކްލެމެންސް ވޮން ކެޓެލަރ އަވަހާރަކޮށްލެވުނެވެ. މީގެއިތުރުން، ޗައިނާގެ ގާންސޫ ޕްރޮވިންސްގެ މުސްލިމް ސިފައިން ޗައިނާ ސަރުކާރުގެ ލަޝްކަރާ ގުޅިގެން ހުޅަނގުގެ އިއްތިހާދާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން، ޔޫރަޕުގެ ބާރުތަކަށް ބިރުވެރިކަމެއް ކުރިމަތިވިއެވެ.

ޖަރުމަނުގެ އެދުމަށް އުސްމާނީ ޚަލީފާގެ ނަސޭހަތުގެ ވަފްދު

ޗައިނާގައި ތިބި މިލިއަނުން ގުނާލެވޭ މުސްލިމުން ހުޅަނގާ ދެކޮޅަށް އިްއތިހާދު ވެދާނެ ކަމުގެ ބިރުބޮޑުވުމުން، ކައިޒަރު ވިލްހެލްމް 2 ވަނަ ނިންމެވީ އުސްމާނީ ޚަލީފާގެ މަގާމުގެ ނުފޫޒުގެ ބޭނުންކުރެއްވުމަށެވެ. ހަސަން އަންވަރު ޖަލާލުއްދީން ބާޝާގެ ރިއާސަތުގެ ދަށުން ޚަލީފާ ސުލްތާން އަބްދުލްހަމީދު 2 ވަނަ، ފޮނުއްވި މި ޑެލިގޭޝަންގެ މައިގަނޑު ބޭނުމަކީ ޗައިނާގެ މުސްލިމް އާލިމުންނާ ބައްދަލުކޮށް، ހަމަނުޖެހުންތަކުން ދުރުހެލިވެ، ޖަރުމަނާ ދެކޮޅަށް ނުނުކުތުމަށް ޝޭޚުލް އިސްލާމް ޖަމާލުއްދީން އަފަންދީ ސޮއިކުރެއްވި ނަސޭހަތުގެ މެސެޖު ރައްދުކުރުމެވެ.

ސިޔާސީ މަސްރަހު ބަދަލުވުމާއި ދަތުރުގެ ނަތީޖާ

އުސްމާނީ ވަފްދު ދަތުރުމަތީގައި ވަނިކޮށް، ބައިނަލްއަގުވާމީ އިއްތިހާދުގެ ސިފައިން ޗައިނާގެ މުސްލިމް ލަޝްކަރުތައް ބަލިކޮށް މަސްރަހު ކޮންޓްރޯލްކުރުމުން، ޖަރުމަނުން އެ ދަތުރުގެ މުހިންމުކަން ކުޑަވެއްޖެކަމަށް އަންގައި، އެހީތެރިކަން މެދުކަނޑާލިއެވެ. ނަމަވެސް، 1901 ގެ ޖޫން މަހު ޝަންހާއީއަށް ފޯރައި، އެރަށުގެ މުސްލިމުންނާ ޚަލީފާގެ ވަފްދު ބައްދަލުކުރިއެވެ. މި ދަތުރާ މެދު ފްރާންސް، އިނގިރޭސިވިލާތް އަދި ރަޝިޔާއިން ފާރަލިއެވެ. އެމީހުންގެ ބިރަކީ އުސްމާނީ ދައުލަތުގެ ސިޔާސީ ނުފޫޒު އެމީހުންގެ އިސްތިއުމާރީ ސަރަހައްދުތަކަށް ފޯރާފާނެތީއެވެ.

ތައުލީމީ އިސްލާހީ ހަރަކާތްތަކާއި ދެމެހެއްޓެނިވި އަސަރު

މި ދަތުރަށްފަހު، ޗައިނާގެ މުސްލިމުންނާއި އުސްމާނީ ޚިލާފަތާ ދެމެދު ތައުލީމީ ބަދަހި ގުޅުމެއް އުފެދިގެން ދިޔައެވެ. ޗައިނާގެ މުސްލިމް އާލިމެއް ކަމަށްވާ ވާންގް ހާއޯރެން އިސްތަންބޫލަށް ޒިޔާރަތްކޮށް، ސުލްތާން އަބްދުލްހަމީދުގެ އެހީތެރިކަމާއެކު ބެއިޖިންގްގެ ނިއުޖީ މީސްކިތުގައި "ދާރުލް އުލޫމް އަލްހަމީދިއްޔާ" މަދަރްސާ ގާއިމުކުރެއްވިއެވެ. އަދި 1914 ގައި އިރުމަތީ ތުރުކިސްތާނު (މިހާރުގެ ޝިންޖިއާން)ގެ އަޓުޝްގައި "ދާރުލް މުއައްލިމީން އަލްއިއްތިހާދިއްޔާ" އުފައްދައި، ޒަމާނީ ތައުލީމު ފެތުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

ސިޔާސީ އަދި ޑިޕްލޮމެޓިކް ދާއިރާއިން އުސްމާނީ ދައުލަތަށް ޗައިނާގައި ފައިތިލަ ސާބިތުވެ ކުރެވޭނެ ގޮތެއް ނެތްނަމަވެސް، ޚަލީފާގެ ނަންފުޅުގެ ސަބަބުން ދުރުގައިވާ މުސްލިމް އުންމަތުގެ މެދުގައި އިސްލާމީ ތައުލީމާއި އިސްލާހީ ހަރަކާތްތަކަށް ބޮޑު ދިރުމެއް ލިބިގެންދިޔައެވެ. އަލްޖަޒީރާ

ހިއްސާ ކުރައްވާ!