އާދައިގެ މަތިން، ހަމަޖެހިލައިގެން ދަތުރުކުރަމުން ދިޔަ އެ 189 ފަސިންޖަރުންނަށް އެ ދަތުރު ވެގެން ދިޔައީ އުމުރު ދުވަހު ހަނދާނުން ފޮހެނުލެވޭނެ ފަދަ ބިރުވެރި ތަޖުރިބާއަކަށެވެ. ގްރީސްގެ ސެލޯނިކީއިން ޖަރުމަނުގެ މެމިންގެންއަށް ދަތުރުކުރަމުން ދިޔަ 'ރަޔަންއެއާ’ގެ ބޯޓުގެ ކުޑަދޮރެއް ކުއްލިއަކަށް ވަކިވެގެން ދިޔަ ވަގުތަކީ، މުޅި ބޯޓުގެ ތެރޭގައި ބިރުވެރިކަމާއި ހަޅޭކުގެ އަޑުތަކެއް އިވިގެން ދިޔަ ވަގުތެވެ.
އެ ދަތުރަށް އަރައި އިން ސާބިއާގެ 61 އަހަރުގެ ފަތުރުވެރިޔާގެ ހަށިގަނޑުގެ ބައެއް، ކުޑަދޮރުން ބޭރަށް ދަމައިގަތީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ބޯޓުގެ ތެރޭގައި ވައިގެ ފިއްތުން ކުއްލިއަކަށް ދަށްވުމާއެކު އުފެދުނު ބާރުގަދަ ރޯޅިއާއެކު، އޭނާ ބޯޓުން ބޭރަށް އެއްލާލަން މަސައްކަތް ކުރިއެވެ. ނަމަވެސް، މަރުގެ ތުންފަތްމަތީގައި އޮއްވައި، އޭނާގެ ގާތުގައި ތިބި އެހެން ފަސިންޖަރުން ދެއްކި ހިތްވަރު، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނެވެ.
"އަހަރެމެން ގިނަ މީހުން ތިބީ ނިދާފަ. ކުއްލިއަކަށް އިވުނީ ޓަޔަރެއް ގޮވިއިރު އިވޭނެ ފަދަ ބާރުގަދަ އަޑެއް. އެއީ އެއަށް ވުރެންވެސް މާ ބާރުގަދަ އަޑެއް،" އެ ދަތުރުގައި އިން ކްރިސްޓީނާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި، ކުޑަދޮރުން ފަސިންޖަރުގެ ބޮލާއި ކޮނޑު ބޭރަށް ނިކުމެފައި އޮއްވައި ފެނުމުން އެންމެން ތިބީ ސިހިފައެވެ. "އޭނާގެ ފުރާނަ ސަލާމަތްވީ، ސީޓު ބެލްޓް އަޅައިގެން ކަމަށް ވާތީ." އެ މީހާ ކިޔައި ދިނެވެ.
ބޯޓުގެ ތެރެއަށް އޮކްސިޖަން މާސްކުތައް ފައިބައި، ޕައިލެޓުން ވަރަށް ހަލުއިކޮށް ބޯޓު ތިރިއަށް ސޮއްސާލަން ފެށުމުން، ބޯޓުގެ އެތެރޭގައި ހިނގި މަންޒަރުތައް ސިފަކޮށްދޭން ދަތިކަމަށް ފަސިންޖަރުން ބުނެއެވެ.
އެ ހާދިސާގައި 61 އަހަރުގެ އެ ފަސިންޖަރުގެ ކަރަށާއި ކޮނޑަށް ޒަހަމްތަކެއް ލިބުނެވެ. ހަންގަނޑުގައި ކޫރު އެޅުނެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. މަތިންދާބޯޓު އުދުހެމުން ދަނިކޮށް މިފަދަ ހާދިސާއެއް ހިނގުމަކީ ވަރަށް ނާދިރު ކަމެކެވެ. ޖޯޖްޓައުން ޔުނިވަރސިޓީގެ ކުރީގެ ޕައިލެޓް ޝާއީ ގިލާޑް ފާހަގަކުރެއްވި ގޮތުގައި، މި ހާދިސާއިން އެނގިގެންދަނީ ސީޓު ބެލްޓް އަޅައިގެން އިނުމުގެ މުހިންމުކަމެވެ.
"ޕްރެޝަރު ދަށްވުމުން އުފެދޭ ބާރުގަދަ ވައިގެ ރޯޅިތަކުން ސަލާމަތްވެ ފުރާނަ ދެމެހެއްޓޭނީ، ބެލްޓް އަޅައިގެން އިންނަ އިންނުން އެއީ ބޮޑު ސަބަބެއް،" އޭނާ ބުންޏެވެ.
ރަޔަންއެއާގެ އެ ބޯޓު(ބޯއިންގ 737-800 އަނބުރާ ސެލޯނިކީއަށް ޖެއްސީ ބިރުވެރި އެއްގަޑިއިރުގެ ދަތުރަކަށްފަހުއެވެ. އެއާލައިނުން ވަނީ ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، ފަސިންޖަރުންނަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެފައެވެ.
މިއަދު އެ ފަސިންޖަރުން މިތިބީ ހިތްހަމަޖެހުމުގެ ނޭވާއެއް ލާފައެވެ. ނަމަވެސް، އުޑުމަތީގައި ހިނގި އެ ބިރުވެރި، އަދި ހިތްދަތި ކުޑަ ވަގުތުކޮޅަކީ، އެ މީހުންގެ މުޅި ދިރިއުޅުމުގެ ވިސްނުން ބަދަލުކޮށްލި ހާދިސާއެކެވެ.







