ބައިނަލްއަގްވާމީ ކަނޑުގެ ދަތުރުފަތުރަށް ބޭނުންކުރާ ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުތައް އަތުން ފީ ނެގުމާ އެ ޖަމިއްޔާއިން ދެކޮޅު ހަދާ ކަން އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން އެމެރިކ ާރައީސަށް އަންގައިފިއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ މުދާ އުފުލާ އުޅަނދެއްގެ އަގުގެ 20 އިންސައްތައިގެ މިންވަރަށް ފީއެއް ހޯދަން އެމެރިކާއިން ނިންމުމާ ގުޅިގެން އަންގާފައިވާ އެންގުމެކެވެ.
އެ ޖަމިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ، "އަޅުގަނޑުމެންނަށް މި މައުލޫމާތު ލިބިފައިވޭ، އަދި އިތުރު ތަފްސީލުތަކަށް އިންތިޒާރު ކުރަމުން މިދަނީ." އޭނާ އިތުރަށް ވިދާޅުވީ، "ފީ ނެގުމާ މެދު އަޅުގަނޑުމެންގެ ސްޓޭންޑަކީ އަބަދުވެސް ވަރަށް ސާފު އެއްޗެއް. ބައިނަލްއަގްވާމީ ކަނޑުގެ ދަތުރުފަތުރަށް ބޭނުންކުރާ ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުތައް އަތުން ފީ ނެގުމާ އައިއެމްއޯއިން ވަރަށް ބޮޑަށް ދެކޮޅު،" ކަމަށެވެ. އަދި ހަމައެކަނި ކަނޑުއޮޅިއަކުން ދަތުރުކުރާ ކަމަށްޓަކައި މަޖުބޫރުކޮށްގެން ފީ ނެގުމަށް އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
ޝިޕިން ދާއިރާގެ އޮފިޝަލުން ވަނީ މިފަހުގެ ހާދިސާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެބޭފުޅުންގެ ރައުޔުގައި ޓްރަމްޕްގެ މި ފިޔަވަޅަކީ އޮޅުވާލުމާިއ މަކަރު ހިމެނޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.
ރޮއިޓާސް ނިއުސް އެޖެންސީއާ ވާހަކަ ދައްކަވަމުން ނަން ހާމަކުރަން ނޭދޭ އޮފިޝަލަކު ވިދާޅުވީ، ޓްރަމްޕްގެ މި ހީލަތްތެރި ނިންމުމަށް ފާޑުކިޔަމުން "މިކަމުން ކަނޑު ދަތުރުފަތުރު ރައްކާތެރިވާނީ ކިހިނެއް؟ އަދި މިކަމުން ލިބޭނެ ޔަގީންކަމަކީ ކޮބައިތޯ؟" ކަމަށް ސުވާލު އުފައްދާފައެވެ.
ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެފައިވަނީ، ހުރްމޫޒް ކަނޑުއޮޅިއަކީ "ހުޅުވިފައިވާ ތަނެއް، އަދި އީރާނާ އެކު ވިއަސް ނުވަތަ ނެތަސް އެތަން ހުޅުވިފައި އޮންނާނެ" ކަމަށެވެ. އަދި އޭނާ "އީރާނު ހިސާރު ކުރުމުގެ" ގެ ނަމުން ސިފަކުރާ ކަންތައްތައް އަލުން ފަށާކަން އިއުލާން ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި އީރާނުގެ އުޅަނދުތަކާއި އެގައުމުގެ އެޖެންޓުން ވަދެ ނުކުތުން ހުއްޓުވުމަށް އަޅާ ފިޔަވަޅެކެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، "އިންސާފުގެ ނަމުގައި" އެމެރިކާއިން އެ ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ މުދާ އުފުލާ އުޅަނދުތަކުން 20 އިންސައްތައިގެ ފީއެއް ނަގާނެ ކަމަށެވެ. މިއީ ދުނިޔޭގެ އެންމެ ހަލަބޮލި ސަރަހައްދު ކަމަށް އޭނާ ސިފަކުރެއްވި މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިނގާ "ހުރިހާ ހަރަދެއް" ހޯދުމަށް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.





