ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން މަރާލާ މީހަކަށް 50 މިލިއަން ރުޕީސްގެ އިނާމެއް ދޭނެ ކަމަށް ހިންދޫ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ލީޑަރު ޖަގަތު ގުރު ޕަރަމަހަންސަ އާޗަރިޔާ އިއުލާންކޮށްފި އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލަ ހޫނުވެފައިވަނީ މަހާރާޝްތުރާ ސްޓޭޓްގެ މިނިސްޓަރު ނިތޭޝް ރާނޭ، އާމިރު ޚާން ކުރެއްވި ކައިވެނިތަކާ ގުޅިގެން އޭނާއަކީ "ލަވް ޖިހާދުގެ ބްރޭންޑް އެމްބެސެޑަރު" ކަމަށް ސިފަކުރެއްވުމާ ގުޅިގެންނެވެ.
އިންޑިއާގައި އިސްލާމޯފޯބިއާގެ އަމަލުތަކުގައި މުސްލިމު ފިރިހެނުންނާ ހިންދޫ އަންހެނުން އިނުމުން އެީ ލަވް ޖިހާދު ކަމަށް ބުނެއެވެ. އަދި އައި ލަވް މުހައްމަދު ފަދަ ޝިއާރުތައް ބޭނުން ކުރުންވެސް މަނާކޮށް މުސްލިމުންނަށް ހިންދޫން ހަމަލަ ދީ ހަދައެވެ.
ޝަހީދުކޮށްފައިވާ ބާބްރީ މިސްކިތް ހުންނަ ކުރީގެ ފައިޒްއާބާދު އަދި މިހާރުގެ އަޔޯދިޔާ ސިޓީއަށް ނިސްބަތްވާ ހިންދޫ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ލީޑަރު ޖަގަތު ގުރު ޕަރަމަހަންސަ އާޗަރިޔާ ވަނީ ހިންދީންގެ ހަރުކަށި މިނިސްޓަރު ނިތޭޝް ރާނޭގެ ވާހަކަތަކަށް ތާއީދުކޮށްފަ އެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި އާމިރު ޚާން ހިންދޫ އަންހެނުންނާ ކައިވެނިކުރައްވަނީ "ލަވް ޖިހާދު" ފެތުރުމުގެ މަގްސަދުގަ އެވެ. އަދި މިއީ ހަމައެކަނި ތުހުމަތެއް ނޫން ކަމަށާއި މިއީ ހަގީގަތް ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު އާމިރު ޚާން އިން ހިންދީ އަންހެނަކު މިއަދާ ހަމައަށް އިސްލާމް ވެފައެއް ނުވެއެވެ.
އިންޑިއާގައި ކޮންމެ އަހަރަކު 3 ހާސް މުސްލިމުންނާއި ނަސާރާއިން ހިންދީންގެ ދީނަށް ވަންނ ކަމަށް ވެއެވެ. އަދި ކޮންމެ އަހަރަކު 30 ހާސް ހިންދީން އިސްލާމްދީން ގަބޫލު ކުރެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ހިންދޫ ހަރުކަށި ލީޑަރު ވަނީ އާމިރު ޚާން މަރާލާ މީހަކަށް 50 މިލިއަން ރުޕީސްގެ އިނާމެއް އިއުލާންކޮށް ބުނެފަ އެވެ: "އެކްޓަރުގެ ބޯ ކަނޑައިގެން އަހަރެންގެ ކައިރިއަށް ގެންނަ ކޮންމެ މީހަކަށް އަހަރެން ފައިސާގެ އިނާމު ދޭނަން. އަދި އެކަން ކުރަން އެކަކުވެސް ނުކެރިއްޖެނަމަ، އަމިއްލައަށް އޭނާ ހޯދައި މަރާލާނަން." މިހެންވެސް އެކަލޭގެ ބުންޏެވެ.
މީގެ އިތުރުން، އޭނާ މަރާލާ މީހަކަށް ކުރިމަތިވާ ގާނޫނީ ޚަރަދުތައް ވެސް ބަލަހައްޓާނެ ކަމުގެ ޔަގީންކަން އެ ހިންދޫ ޓެރަރިސްޓް ލީޑަރު ވަނީ ދީފަ އެވެ. އޭނާ އިތުރަށް ބުނީ، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، އޭނާ "ލަވް ޖިހާދު" ކަމަށް ސިފަކުރާ އަމަލުތައް ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމަށެވެ.






