އިސްރާއީލުގެ ބުލްޑޯޒަރު އަންދާލައި، ސިންވާރުގެ ފޮޓޯ ހަރުކުރީ ކާކުކަން އަލްޤައްސާމުން ހާމަކޮށްފި

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ޙަމާސް) ގެ އަސްކަރީ ގޮފި ކަމަށްވާ ޝަހީދު ޢިއްުއްދީން އަލްޤައްސާމް ބްރިގޭޑްސްއިން ހިންގާ ރިޟްވާން ބެޓޭލިއަންގެ ނައިބު ކޮމާންޑަރުގެ މަގާމުގައި ހުންނެވި ޝަހީދު ޞަލާޙުއްދީން ޒަޢުރާގެ ހަނދާނުގައި ވީޑިއޯއެއް އާންމުކޮށްފިއެވެ.

ޞަލާޙުއްދީން ޒަޢުރާ ޝަހީދު ކޮށްފައިވަނީ 13 އޮގަސްޓް 2025 ގައި ޣައްޒާގައި ޖެނސައިޑް ޔަހޫދީންނާ ކުރިމަތިލުންތަކުގައެވެ. ޤައްސާމުން އާންމުކުރި ވީޑިއޯގައި އޭނާގެ އަސްކަރީ ޙަޔާތުގެ ބައެއް މުހިންމު މަރުޙަލާތައް ދައްކުވައިދީފައިވެއެވެ. އޭގެ ތެރޭގައި ޤައްސާމް ރޮކެޓްތަކުގެ ފުރަތަމަ ޖީލުގެ ރޮކެޓްތައް ފޮނުވާލުމުގައި އޭނާ ބައިވެރިވި މަންޒަރުތަކާއި، ހަނގުރާމަ ފެށުމުގެ ކުރިން ހަމާސްގެ މަރުކަޒުތަކުގައި އޭނާ ހަދަމުންދިޔަ އަސްކަރީ ތަމްރީނުތަކުގެ މަންޒަރުތައް ހިމެނެއެވެ.

މީގެ އިތުރުން، ޣައްޒާ ހަނގުރާމައިގެ ތެރޭގައި ޣައްޒާ ސިޓީގެ ހުޅަނގު އުތުރަށް ވަދެގަތް ޖެނޮސައިޑް ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި އޭނާ ޢަމަލީގޮތުން ބައިވެރިވި މަންޒަރުތައްވެސް ދައްކާފައިވެއެވެ.

މި ވީޑިއޯގައި، އޭނާގެ ބެލުމުގެ ދަށުން ކުރިއަށްދިޔަ ބައެއް އަސްކަރީ އޮޕަރޭޝަންތައް ހިމަނާފައިވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ "ޠޫފާނުލް އަޤްޞާ" ހަނގުރާމައިގެ ތެރޭގައި ޖެނޮސައިޑް ބާގައިގެ މީހުންގެ އަސްކަރީ ބުލްޑޯޒަރެއް ހަލާކުކޮށް އަންދާލުމަށްފަހު، އޭގެ މަތީގައި އަލްޤައްސާމް ބްރިގޭޑްސްގެ ދިދައާއި ޙަމާސްގެ ލީޑަރު ކޮމާންޑަެރު ޝަހީދު ޔަޙްޔާ ސިންވާރުގެ ފޮޓޯފުޅު ހަރުކުރި އޮޕަރޭޝަނެވެ.

މި ވީޑިއޯ ނެރެފައިވަނީ ހަނގުރާމައިގައި ޝަހީދުވި ކޮމާންޑަރުންނާއި މުޖާހިދުންގެ ޒިކުރާ އާކުރުމަށް ޤައްސާމުން ކުރިއަށްގެންދާ ފުޅާ މީޑިއާ ކެމްޕޭނެއްގެ ދަށުންނެވެ. ވީޑިއޯއިން ޞަލާޙުއްދީން ޒަޢުރާ، އަދި ޤައްސާމްގެ އެހެން ކޮމާންޑަރުން ކަމަށްވާ ޝަހީދު ރާއިދު ޘާބިތު އަދި ޝަހީދު ރާއިދު ސަޢުދުއާއެކު ފެނިގެންދެއެވެ. މިއީ "އަޤްމާރުއް ޠޫފާން" ޠޫފާންގެ ހަނދުތައްގެ ނަމުގައި ނެރެމުންދާ ޝަހީދުންގެ ސިލްސިލާގެ ބައެކެވެ.

މި ވީޑިއޯއަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، ގިނަ ބަޔަކު ދަނީ ޞަލާޙުއްދީން ޒަޢުރާގެ އަސްކަރީ ހަރަކާތްތަކާއި ކޮމާންޑަރުންނާއެކު އޭނާ ފެންނަ މަންޒަރުތައް ޙިއްޞާކުރަމުންނެވެ. ބައެއް މީހުން ހަނގުރާމައިގައި އޭނާ އަދާކުރި ދައުރަށް ތައުރީފުކުރަމުންދާއިރު، އަނެއް ބަޔަކު ބަލަނީ މިއީ ޤައްސާމުން ޝަހީދުންގެ ތާރީޚު ރައްކާތެރިކުރުމަށް ކުރާ މުހިންމު މަސައްކަތެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!