ސޮލީބީންނާ އެކު މަޝްވަރާއެއް ބޭނުމެއް ނޫން! ބޭނުންވަނީ ދިފާއީ ހަނގުރާމަ ކުރަން: އީރާން

އިރާނުން ބޭނުންވަނީ މައްސަލަ ހައްލުކޮށް އެމެރިކާއާއެކު ބައްދަލުވުމެއް ބޭއްވުމަށް ކަމަށް ފޮނިކަނޑައި ދޮގު ހަދަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. ނަމަވެސް، އެފަދަ ކަމަކަށް އެދިފައި ނުވާނެ ކަމަށާއި ޓްރަމްޕް ހޮޅި ހޮއްލަނީ ކަމަށް އީރާނުން ބުނެއެވެ.

އެމެރިކާއިން އަލުން އަސްކަރީ އުދުވާނީ ހަމަލާތައްދީ، އިރާނުގެ ބަނދަރުތައް ބަންދުކޮށް ހިސާރުކޮށްފައިވާ މި ދަނޑިވަޅުގައި، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރުމުގެ ވިސްނުމެއް ނތް ކަމަށް ވެސް ތެހެރާނުން ދަނީ ބުނަމުންނެވެ.

އިރާނުގެ ފާލަންތަކަށް އެމެރިކާއިން ހަމަލާދޭން ފެށުމުގެ ކުރިން، އިރާނަށް ކުރުނީސްކުރަން ދީފައިވޭތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އީރާން އިނދެ ޖައްސާލަން ވަކި ސުންގަޑިތަކެއް ކަނޑައަޅަން އޭނާ ގަޔާނުވާ ކަމަށެވެ.

"އަޅުގަނޑު ސުންގަޑި ކަނޑައަޅާކަށް ބޭނުމެއް ނޫން، އެކަމަކު އެމީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ.. އެމީހުންނަށް އެންމެ ރަނގަޅީ ރީތިކޮށް އުޅުން." ފޮނިކަނޑަމުން އެޕްސްޓީންއާއެކު ޖަރީމާ ހިންގަން އުޅުނު ތްރަމޕް ވިދާޅުވިއެވެ.

ރޮއިޓާސް ނޫސް އެޖެންސީން އެމެރިކާގެ ތިން މަސްއޫލުވެރިއަކާ ޙަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ މަގްސަދުގައި އެމެރިކާއިން ދޭން ފަށާފައިވާ އެންމެ ފަހުގެ ހަމަލާތަކުގެ އަމާޒަކީ އިރާނުގެ އަސްކަރީ ގާބިލުކަން ނައްތާލުމެވެ.

"މިއީ އަޅުގަނޑުމެންގެ ދިރިހުރުމުގެ ހަނގުރާމައެއް"

މިކަމާ ގުޅިގެން އިރާނުގެ ޕާލަމެންޓްގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، އިރާނުން މިހާރު ކުރަމުންދަނީ އެމެރިކާއާއެކު ޤައުމުގެ ދިރިހުރުމާ ގުޅިފައިވާ ހަނގުރާމައެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ބޭނުމަކީ އިރާނުގެ ވެރިކަން ވައްޓާލައި، ޤައުމު ބައިބައިކޮށްލުމެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއިން ބާރުގެ ބޭނުންކޮށްގެން ހުރްމުޒް ކަނޑުއޮޅީގައިވާ އިރާނުގެ ނިޒާމުތައް ބަލިކަށިކުރަން އުޅޭ ކަމަށެވެ. އަދި އެމެރިކާއާއެކު ކުރާ އެއްބަސްވުމަކުން އިރާނަށް އެއްވެސް ފައިދާއެއް ނުލިބޭނަމަ އެއަށް ބޯލެނބުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ޤައުމީ މަސްލަޙަތު ހިމާޔަތްކުރުމަށް ޚާރިޖީ ސިޔާސަތާއި މަޝްވަރާގެ ބޭނުންހިފަންޖެހޭނެ ކަމަށް ވިދާޅުވަމުން، ހަނގުރާމައާއި މަޝްވަރާ ވަކިކޮށް، އޭގެ ތެރެއިން ހަމައެކަނި އެކަތި އިޚްތިޔާރުކުރުމަކީ ސްޓްރެޓީޖިކް ގޯހެއް ކަމަށް ޤާލީބާފް ފާހަގަކުރެއްވިއެވެ. އަދި އިރާނުގެ ޤައުމީ ސަލާމަތް އޮތީ ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ދަމަހައްޓައި، ވިޔަފާރި އުޅަނދުތަކަށް އެންމެ ފުރިހަމައަށް އަމާންކަން ދިނުމުގައި ކަމަށާއި، ފަހުގެ ހަނގުރާމައިގައި އެ ކަނޑުއޮޅި ބަންދުކުރީ އިރާނުގެ ސަލާމަތަށް ނުރައްކާވުމުން "ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި" ކަމަށްވެސް ވިދާޅުވިއެވެ.

އަދި ބޭނުން ޖހިއްޖެނަމަ އީރާނުން ބާބުކް މަންދަބު ބަންދު ކުރާނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ. މިހެން ވެއްޖެނަމަ އަރަބިންގެ ތެޔޮ ބޭރުކުރުން ހުއްޓި ދުނިޔެ ތެލަށް ޖެހޭނެއެވެ.

"މަޝްވަރާތައް އަލުން ފެށުމުގެ އެއްވެސް ވިސްނުމެއް ނެތް"

އަނެއްކޮޅުން އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަދި މަޝްވަރާކުރާ ވަފުދުގެ މެންބަރު އިސްމާޢީލް ބަޤާއީ ވިދާޅުވީ، އެމެރިކާއާއެކު މަޝްވަރާތައް އަލުން ފެށުމުގެ އެއްވެސް ވިސްނުމެއް މިވަގުތު އިރާނުގެ ނެތް ކަމަށާއި، މިވަގުތުގެ އެންމެ ބޮޑު އިސްކަމަކީ ދިފާއުވުން ކަމަށެވެ.

"ތަސްނީމް" ނޫސް އެޖެންސީން ބަޤާއީއާ ޙަވާލާދީ ބުދަ ދުވަހު ބުނެފައިވަނީ: "މިވަގުތު މަޝްވަރާކުރުމުގެ އެއްވެސް ރޭވުމެއް އަޅުގަނޑުމެންގެ ނެތް، އަޅުގަނޑުމެން މިހާރު ސަމާލުކަންދެނީ ދިފާއީ ކަންކަމަށް." ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮންމެ އެއްބަސްވުމަކީ ދެފަރާތުގެ ޒިންމާތަކެއްގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ނިޒާމެއް ކަމަށާއި، އަނެއް ފަރާތުން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އިރާނުންވެސް އެ ޒިންމާތަކުން ބަރީއަވާނެ ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައިވެސް އިރާނުން ގެންގުޅޭނެ ސިޔާސަތު ކަމަށް ވިދާޅުވިއެވެ. ބަޤާއީ ވިދާޅުވި ގޮތުގައި އިރާނަށް އަމާޒުވާ ކޮންމެ ހަމަލާއަކަށް އިރާނުގެ ސިފައިން ހަމަ އެފަދަ ރައްދެއް ދޭނެއެވެ.

ހިއްސާ ކުރައްވާ!