ލޮޓޭ ވޯލްޑް ޓަވަރުގެ 86 ވަނަ ފަންގިފިލާއިން ބޭރު ބަލައިލުމަކީ އަމިއްލައަށްވެސް ބޯ އަނބުރައި ގަންނާނެ ފަދަ ތަޖުރިބާއެކެވެ. ނަމަވެސް، ދެކުނު ކޮރެއާގެ އެންމެ އަގުބޮޑު ސްޕާ ޓްރީޓްމަންޓް ކަމަށްވާ 'ރިޓްރީޓް ސިގްނިއަލް ސްޕާ' ގެ ތެރެއަށް ވަދެ، ހޫނު ޗޮކްލެޓްގެ ފަށަލައަކުން މުޅި ހަށިގަނޑު ބޮނޑި ބަނދެގެން އޮތުމުން، ވަށައިގެންވާ ދުނިޔެ މުޅިން ހުއްޓޭ ކަހަލައެވެ. މި ތަނުގައި ހޭދަވާ ހަތަރު ގަޑިއިރަކީ ހަމައެކަނި އަރާމުކޮށްލުމެއް ނޫނެވެ؛ މިއީ ލަގްޒަރީގެ އެންމެ މަތީ ފަންތީގެ ސިފަކޮށްދިނުމެކެވެ.
މި ސިގްނޭޗާ "ޗޮކްލެޓް ހޯލް ބޮޑީ" ކޯހަކީ 240 މިނެޓުގެ ދިގު ތެރަޕީ ސެޝަނެކެވެ. އަދި 1.5 މިލިއަން ވޮން (ގާތްގަނޑަކަށް 20 ހާސް ދިވެހި ރުފިޔާ) ގެ އަގުބޮޑު 4 ގަޑީގެ ތަޖުރިބާއެކެވެ. މިއީ މުޅި ކޮރެއާގައިވެސް އޮތް އެންމެ އަގުބޮޑު ސްޕާ ޕްރޮގްރާމެވެ. ދުނިޔޭގައި އަލަށް ތައާރަފުކުރި "ފުލް-ބޮޑީ އެޑިބަލް ޗޮކްލެޓް" ޓްރީޓްމަންޓެއްގެ ގޮތުގައި އިޝްތިހާރު ކުރެވޭ މި ސެޝަނަކީ، ކަކާއޯގައި ހިމެނޭ 'ޕޮލިފެނޯލްސް' އާއި 'ތިއޯބްރޮމިން' ގެ އެހީގައި ހަށިގަނޑު ހަމައަކަށް އަޅުވައި، ސިކުނޑި ތާޒާކޮށްދޭ ދަތުރެކެވެ.
ފުރަތަމަ ފެނުމުން ފެށިގެން…
މި ތަޖުރިބާ ފެށެނީ ސްޕާއަށް ވަންނަ ރަން ކުލައިގެ ދޮރުމަތިންނެވެ. ހިނިތުންވުމާއެކު މަރުހަބާ ކިޔާ މުވައްޒަފަކު، ރިހި ކުލައިގެ ރަށްޓަކަށް ސެރަމިކް ފޯންޗަކުން މަރުހަބާގެ ސައި އަޅައިދެއެވެ. އެއަށްފަހު، ކަސްޓަމަރު ބޭނުންވާ ކަންކަމުގެ ޗެކްލިސްޓެއް ހާއްސަ ތެރަޕިސްޓަކު ހުށަހަޅައި އޮޅުން ފިލުވައެވެ. އަދި، ހަށިގަނޑުގައި އެންމެ ބޮޑަށް ފަރުވާއެއް ބޭނުންވާ ސަރަހައްދުތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއެވެ.
ދެން ފަރުވާއަށް ގެންގޮސްދެނީ މުޅިން ވަކި، އަމިއްލަ ކޮޓަރިއަކަށެވެ. އެތަނުން ތިރިން ފެށިގެން ފުރާޅާ ހަމައަށް ބޮޑެތި ބިއްލޫރި ކުޑަދޮރުތަކުން ކޮރެއާގެ ވެރިރަށް ސޯލްގެ ހިތްގައިމު އުދަރެސް ފެންނަން އޮވެއެވެ. ކޮޓަރި ތެރޭގައި ހުންނަނީ ފަނޑު އަލިކަމެކެވެ.
"މިއީ ވަރަށް ފަރުވާތެރިކަމާއެކު، މެހެމާނުގެ ނޭވާލުމުގެ ރިދަމަށް ބަލައިގެން ކުރިއަށްގެންދާ ފަރުވާއެއް. އެހެންވެ، މިއަށް ހާއްސަކޮށްފައިވާ ތެރަޕިސްޓުންނަކީ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ސީނިއާ ތެރަޕިސްޓުން،" ރިޓްރީޓް ސިގްނިއަލް ސްޕާއިން ބުންޏެވެ.
ހަށިގަނޑާއި މޫނަށް ޗޮކްލެޓްގެ ޖާދޫ
ފްރާންސްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ބާނާޑް ކެސިއޭ"ގެ އުފެއްދުންތައް ބޭނުންކޮށްގެން ކުރިއަށް ގެންދާ މި ޓްރީޓްމަންޓް ބެހިގެންވަނީ ދެ ބަޔަކަށެވެ:
-
ހަށިގަނޑުގެ ފަރުވާ: ފުރަތަމަ 40 ނުވަތަ 50 މިނެޓުގެ ސްކްރަބް ކުރުމަކަށްފަހު، ދެ ގަޑިއިރެއްހާއިރު ވަންދެން ހަށިގަނޑުގައި ޗޮކްލެޓް ވަަށައިގެން މަސާޖެއް ދެއެވެ. އޭގެ ފަހުން މުޅި ހަށިގަނޑުގައި ޗޮކްލެޓްގެ ހޫނު ފަށަލައެއް އަޅައެވެ.
-
މޫނުގެ ފަރުވާ: މޫނު ސާފުކުރުމާއި، ފުންކޮށް ކްލެންޒްކުރުމަށްފަހު، މަޝްހޫރު ޗޮކްލެޓިއާ ވޯލްޓާ ބޮވެޓީ އާއި ބާނާޑް ކެސިއޭ ގުޅިގެން ތައްޔާރުކޮށްފައިވާ 64 އިންސައްތަ ކަކާއޯ ހިމެނޭ، ކެވޭ ފަދަ ޗޮކްލެޓް މާސްކެއް މޫނުގައި އަޅައެވެ. މުޅި ކޮޓަރި ތެރެ ފުރިގެންދަނީ މީރު، މުއްސަނދި ޗޮކްލެޓްގެ ވަހުންނެވެ.
ހަތަރު ގަޑިއިރުގެ މި އަރާމަށްފަހު، ހަށިގަނޑު ދޮވެލައިގެން ނިކުންނައިރު ހާއްސަ ސަޔާއި ލުއި ބުއިންތަކެއް އިންތިޒާރު ކުރެއެވެ.
މި ފަރުވާ ހޯދަނީ ކޮންބައެއް؟
މިފަދަ ބޮޑު އަގެއްގެ ޓްރީޓްމަންޓްތަކުގެ ތެދުވެރި ރިވިއުތައް ހޯދުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް، މީގެ އަހަރެއްހާ ދުވަސް ކުރިން މަޝްހޫރު ލަވަކިޔުންތެރިޔާ ލީ ޗައޭ-ޔިއޮން ވަނީ އޭނާގެ ޔޫޓިއުބް ޗެނަލްގައި މި ޗޮކްލެޓް މަސާޖުގެ ވީލޮގެއް ހިއްސާކޮށް، އާންމުންނަށް މީގެ ކުޑަ މަންޒަރެއް ދައްކާލާފައެވެ.
ސްޕާގެ ތެރެޕިސްޓަކު ބުނި ގޮތުގައި، މި ފަރުވާ ހޯދަނީ އާންމުކޮށް ވަކި ހާއްސަ މުނާސަބަތެއް ފާހަގަކުރާ މީހުންނާއި، ނުވަތަ އަމިއްލަ ނަފްސަށް އަގުބޮޑު ހަދިޔާއެއް ދޭން ބޭނުންވާ މީހުންނެވެ. "އާންމުކޮށް އަންނަ ކަސްޓަމަރުން މިއަށްވުރެ ބޮޑަށް ބޭނުންވަނީ އާދައިގެ ޕްރޮގްރާމްތައް. ނަމަވެސް ބޭރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ސެލެބްރިޓީން ގިނައިން މި ހިދުމަތް ހޯދާ،" އޭނާ ކިޔައިދިނެވެ.
ހެނދުނު 10 އިން ރޭގަނޑު 10 އަށް ހުޅުވާފައި ހުންނަ މި ސްޕާގައި ޗޮކްލެޓް ފަރުވާގެ އިތުރުން، ސްވިޒަލޭންޑުގެ "ލެ ނޫވެލް" ބްރޭންޑުގެ ފޭޝަލްތަކާއި، މާބަނޑު މީހުންނަށް ހާއްސަ ވެލްނެސް ޕްރޮގްރާމްތަކާއި، އަދި ޕްރައިވެޓް ބާތުޓަބް ހިމެނޭ ކަޕްލް ސުއިޓްތައްވެސް ލިބެން ހުރެއެވެ. އެކަމަކު، 86 ވަނަ ފަންގިފިލާގައި އުދަރެހަށް ބަލަހައްޓައިގެން ކެވޭ ޗޮކްލެޓުން ގުޅަވަށައި ލުމަކީ ހަގީގަތުގައިވެސް އެހެން ފެންވަރެއްގެ ލަގްޒަރީއެކެވެ.






