ރޯދައާއި ވޯލްޑް ކަޕްގެ ސަޖިދަ.. ސްޕެންސް އިސްލާމްވި ވާހަކައާއި އިނގިރޭސި ފުޓްބޯޅައިގެ ކުރިއެރުން

މިދިޔަ ޖުލައި 11 ގައި ކުޅެވުނު މުބާރާތުގެ ކުއާޓަރ ފައިނަލްގައި، ނޯވޭއާ ދެކޮޅަށް އިނގިރޭސިވިލާތް ހޯދި ފޯރިގަދަ މޮޅަށްފަހު، ޖެޑް ސްޕެންސް ދަނޑުމަތީގައި ޝުކުރުގެ ސަޖިދަ ޖަހައި ﷲ އަށް ޝުކުރު ދެންނެވުމަށް އުޑާ ދިމާލަށް ދެއަތް އުފުލާލި މަންޒަރަކީ މިލިއަން އެތައް ބަޔަކަށް އާދަޔާޚިލާފު މަންޒަރަކަށް ވިއެވެ. މި މޮޅާއެކު، ސެމީ ފައިނަލްގައި އެމީހުންގެ ޒަމާންވީ ވާދަވެރި އާޖެންޓީނާއާ ދެކޮޅަށް ތާރީޚީ މެޗެއް ކުޅުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

މި މުބާރާތުގައި ސްޕެންސްގެ ދަތުރަކީ އާދައިގެ ދަތުރެއް ނޫނެވެ. އޭނާ މުބާރާތަށް ނިކުތީ 2026 މޭ ގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗެއްގައި އަނިޔާއެއް ލިބިގެން ދިއުމާ ގުޅިގެން، ކާބަން ފައިބަރުން ހަދާފައިވާ މާސްކެއް އަޅައިގެންނެވެ. ފުރަތަމަ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނަމަވެސް، ކޯޗުގެ ޕްރެޝަރުތަކަށް ކެތްކޮށް، ދިފާއީ ލައިނުން އޭނާ ވަނީ ދާއިމީ މަގާމެއް ކަށަވަރުކޮށްފައެވެ.

 "އިނގިރޭސި ޤައުމީ ޓީމަށް ކުޅޭ ފުރަތަމަ މުސްލިމް ކުޅުންތެރިޔާއަށް ވުމަކީ އަހަންނަށް ވަރަށް ބޮޑު މާނައެއް ހުރި ކަމެއް.. އެއީ ކުޑައިރުގެ ހުވަފެނެއް. އެކަމަކު އަހަރެން އެންމެ އުފާވަނީ މީގެ ސަބަބުން ކުޑަކުދިންނަށް އުންމީދެއް ލިބޭނެތީ. އަހަންނަށް ހީވަނީ މިއީ ހަމައެކަނި އަހަންނާ ގުޅިފައިވާ ކަމެއް ނޫންހެން، މިއީ އަންނަން އޮތް ޖީލުތަކަށް ދޫކުރެވޭ ރީތި ތާރީޚެއް." މި ޒުވާން ޑިފެންޑަރު ބުންޏެވެ.

 "އޭނާއަކީ މުސްލިމެއްކަން އެނގުމުން، އޭނާއަށް އަހަރެން ކުރާ އިޙްތިރާމް އިތުރުވި.. މިފަދަ ކުޅުންތެރިންގެ ކިބައިން އަމިއްލަ ނަފްސު ސިފަވޭ. އޭނާ ދިފާޢުކުރީ އާދަޔާޚިލާފު މޮޅަށް." ޖަރުމަނު، ފްރާންސް އަދި ސްޕެއިން ފަދަ ޔޫރަޕްގެ އެހެން ޓީމުތަކުގައި ގިނަ އަދަދެއްގެ މުސްލިމް ކުޅުންތެރިން ހިމެނުނު ނަމަވެސް، އިނގިރޭސިވިލާތް އޮތީ މިކަމުގައި ފަހަތުގައެވެ. ލަންޑަނަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ސަޕޯޓަރެއް ކަމަށްވާ ޒައިން ޣުންދާލް ބުންޏެވެ.

ސްޕެންސް އިސްލާމްވި ވާހަކަ

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަންގެ އޮފިޝަލެއް އަދި ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ރީޒް ރަޙްމާނަށް މި ވަގުތުގެ މުހިންމުކަން ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާގެ ކޮއްކޮ ޒީޝް ރަޙްމާނަކީ އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މުސްލިމް ކުޅުންތެރިޔާއެވެ.

ރީޒް ވަނީ 15 އަހަރު ވަންދެން މުސްލިމް ކުޅުންތެރިންނަށް އެހީތެރިވާނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ނަމާދުކުރާ ކޮޓަރިތަކާއި، ރަމަޟާން މަހާ ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި، ރޯދަވީއްލުމަށް ކުޅުން މެދުކަނޑާލާނެ ވަގުތުތައް ހޯދައިދިނުން ހިމެނެއެވެ. މި މަސައްކަތުގެ ތެރެއިން އޭނާއަށް ޓޮޓްނަމް ހޮޓްސްޕާސްއިން ސްޕެންސްއާ ދިމާވިއެވެ. އަދި އަނިޔާއިން ސަލާމަތްވެގެން އައި ދުވަސްވަރު، ރަމަޟާން މަހު އޭނާއަށް އެހީތެރިވުމަށް ސްޕެންސްއާއެކު ވަގުތު ހޭދަކުރިއެވެ.

ރަޙްމާން ޔަގީންކޮށްދިން ގޮތުގައި ސްޕެންސް އިސްލާމްވީ މީގެ ދެއަހަރެއްހާ ދުވަސް ކުރިންނެވެ. "އޭނާއަކީ ދީނަށް އާ މީހެއް، އެކަމަކު އޭނާ މިހާރު ވެއްޖެ ނަމޫނާއަކަށް. އޭނާގެ ރީތި އަޚްލާޤުން އެހެން މީހުންނަށް ނަމޫނާ ދެއްކުމުގައި ދެމިހުންނަންޖެހޭނެ. މި ކާމިޔާބީގެ ސަބަބުން އޭނާގެ އަމިއްލަ ސަޚްޞިއްޔަތު ބަދަލެއް ނުވާނެ، އެކަމަކު ދީނާ އޮތް ގުޅުން ބަދަހިވާނެ." އޭނާ އިތުރަށް ވިދާޅުވިއެވެ.

އަދި މުޅި މުޖުތަމައުގެ ހުރިހާ ޒިންމާއެއް ސްޕެންސްގެ ބޮލުގައި ނޭޅުވުމަށް ރަޙްމާން އިލްތިމާސްކުރެއްވިއެވެ. "ޖެޑްގެ ދަތުރަކީ މުސްލިމް ކުޅުންތެރިންނާއި އެމީހުންގެ އާއިލާތަކަށް ލިބޭ މެސެޖެއް. އެއީ އީމާންތެރިކަމަކީ އުންމީދުތަކަށް އޮތް ހުރަހެއް ނޫންކަން، އަދި އެއީ އުންމީދުތައް ވަރުގަދަކޮށްދޭ ކަމެއް." އޭނާ ވިދާޅުވިއެވެ.

އުފާވެރިކަމާއެކު މުޖުތަމައުގެ ކަންބޮޑުވުންތައް

ލަންޑަނުގައި، އާ ބަޔަކު ދަނީ ސްޕެންސްގެ ހުނަރުވެރިކަން ބަލައިގަންނަމުންނެވެ. އޭޝިއާގެ މުޖުތަމައުތަކަށް ބަނގުރާ ނުހުންނަ މާހައުލުތައް ފަހިކޮށްދޭ ދަ ސީން ގްރޫޕްގެ ބާނީ ޝަބްނާ ޒުހައިރު ބުނިގޮތުގައި، ވޯލްޑް ކަޕް މެޗުތައް ބެލުމަށް ގިނަ އަދަދެއްގެ މީހުން އެއްވެއެވެ.  "އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިއަކު އެފަދައިން ކަންތައް ކުރަނިކޮށް ދުވަހަކުވެސް ނުދެކެން. އޭނާ ދުއާއަށް އަތް އުފުލާލިތަން ފެނުމުގެ ކުރިން އޭނާއަކީ މުސްލިމެއްކަމެއް އަހަންނަކަށް ނޭނގޭ." ސްޕެންސްގެ މަންޒަރާ މެދު އޭނާ ބުންޏެވެ.

ޖެޑް ސްޕެންސްގެ ވާހަކަ މިހާރު ވަނީ ފުޓްބޯޅަ ދަނޑުގެ ބޭރަށް ނިކުމެ، އާންމު ސަގާފަތަށްވެސް ނުފޫޒު ފޯރުވާފައެވެ. އިނގިރޭސި ލަވަކިޔުންތެރިޔާ ބެން ސިބުލާ ވަނީ މި ކުޅުންތެރިޔާގެ ދަތުރު ސިފަކޮށްދޭ ލަވައެއްވެސް ނެރެފައެވެ. މިއިން އެނގެނީ މި ޒުވާނާގެ ނުފޫޒުގެ އަޑު އިނގިރޭސިވިލާތުގެ ކޮންމެ ދިމާލަކުންވެސް މިހާރު އިވެމުންދާ ކަމެވެ. ޖަޒީރާ

ހިއްސާ ކުރައްވާ!