އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގައި ސްކޫލުތަކުގައި ގްރޭޑް 6 އިން ފެށިގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކިޔަވައި ދިނުމުގެ ތައުލީމު ފުޅާކުރުމުގެ ބޮޑު މަޝްރޫއެއް އެ ސްޓޭޓުން އިއުލާނުކޮށްފިއެވެ. މީގެ އިތުރުން، އިންޑިއާގައި ސަރުކާރުން އިސްނަގައިގެން އުފައްދާ ފުރަތަމަ އޭއައި ޔުނިވަރސިޓީ ބެންގަލޫރުގައި ގާއިމުކުރުމަށްވެސް އެ ސްޓޭޓް ސަރުކާރުން ވަނީ ނިންމާފައެވެ.
ކަރުނާޓަކާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ޑީ.ކޭ. ޝިވްކުމާރު 'އެކްސް' ގައި ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ތައުލީމާއި، ދިރާސާކުރުމާއި، އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ދާއިރާއިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްގެން "އޭއައި އަށް އަހުލުވެރި ކަރުނާޓަކާ" އެއް ބިނާކުރުން ކަމަށެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އޭއައިގެ އުނގެނުން ހަރުދަނާކޮށް، އާ އުފެއްދުންތަކަށް ހިތްވަރުދީ، މުސްތަގުބަލުގެ ޓެކްނޮލޮޖީއާ ގުޅުންހުރި ވަޒީފާތަކަށް ދަރިވަރުން ތައްޔާރުކުރުމެވެ.
މިޞްރުގެ މަތީ ތަޢުލީމުގެ އަމާޒު: 2030 ގެ ނިޔަލަށް 27 ޓެކްނޮލޮޖީ ޔުނިވަރސިޓީ ޤާއިމުކުރުން
އޭއައި ޔުނިވަރސިޓީއަކާއި ހާއްސަ އިނޮވޭޝަން ހަބެއް
މި މަޝްރޫއުގެ ދަށުން ބެންގަލޫރުގައި ގާއިމުކުރާ އޭއައި ޔުނިވަރސިޓީ ހާއްސަކުރެވޭނީ އާޓިފިޝަލް އިންޓެލިޖެންސް އާއި އަލަށް ތައާރަފުވަމުންދާ އެހެނިހެން ޓެކްނޮލޮޖީތަކަށެވެ. މި ޔުނިވަރސިޓީގެ ސަބަބުން ހަލުވިކަމާއެކު ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދާއިރާއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، ތައުލީމީ އިދާރާތަކާއި، ސްޓާޓްއަޕްތަކާއި، އަދި ސިނާއީ ބައިވެރިންގެ މެދުގައި ދިރާސާކުރުމާއި އާ އުފެއްދުންތައް އުފެއްދުމަށް އެހީތެރިވެދޭނެ ހާއްސަ އޭއައި ހަބެއް ގާއިމުކުރުމަށްވެސް ވަނީ ރާވާފައެވެ.
ތިމާވެއްޓާ ރައްޓެހި ދެ ޑޭޓާ ސެންޓަރު
ތައުލީމީ ދާއިރާގެ އިތުރުން، ކަރުނާޓަކާ ސަރުކާރުން ވަނީ ތިމާވެއްޓާ ރައްޓެހި ދެ ގްރީން ޑާޓާ ސެންޓަރު ބިނާކުރުމަށް ނިންމާފައެވެ. މި ތަންތަނުގެ ސަބަބުން އޭއައި ދިރާސާތަކާއި، ކްލައުޑް ކޮމްޕިއުޓިން އަދި ބޮޑެތި ޑާޓާތައް ޕްރޮސެސްކުރުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ލިބިގެންދާނެއެވެ.





