އެޕަލްގެ އިންޑިއާ ސަޕްލަޔަރުގެ ޑޭޓާބޭސް ހެކްކޮށްފި

އިންޑިއާގެ "ޓާޓާ އިލެކްޓްރޯނިކްސް" ކުންފުންޏަށް އަމާޒުކޮށް ދިން ސައިބަރ ހަމަލާގެ ސަބަބުން މުހިންމު މަޢުލޫމާތު ލީކު ވެއްޖެއެވެ. މި ކުންފުންޏަކީ އެޕަލްގެ ސަޕްލަޔަރެކެވެ. މިއީ އެޕަލްގެ ތާރީޚުގައި ހިނގި އެޕަލްއާ ގުޅޭ އެންމެ ބޮޑު މަޢުލޫމާތު ލީކުވުމުގެ ހާދިސާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. މީގެ ތެރޭގައި އައިފޯން 18 ޕްރޯއާ ގުޅޭ ޓެކްނިކަލް ލިޔެކިޔުންތަކާއި، ސަޕްލަޔަރުންގެ ފުރިހަމަ ލިސްޓު ހިމެނެއެވެ. މިއީ އެޕަލްއިން އަބަދުވެސް ވަރަށް ބޮޑަށް ސިއްރުކޮށް ރައްކާތެރިކުރަމުން އައި މަޢުލޫމާތުތަކެކެވެ.

އައިފޯންގެ ބައިތައް އުފައްދާ އެޕަލްގެ މައިގަނޑު ބައިވެރިޔާ "ޓާޓާ އިލެކްޓްރޯނިކްސް" ގެ އިންޖިނިއަރިން ޑޭޓާބޭސްއަށް ދިން ހަމަލާގެ ސަބަބުން 630 ޖީބީގެ ޑޭޓާއާއި، 200،000 ފަންނީ ފައިލް ވަނީ ލީކުވެފައެވެ. މިއީ ހަމައެކަނި ލީކުވި ފޮޓޯތަކެއް ނޫނެވެ. މީގެ ސަބަބުން އައިފޯން އުފައްދާ ގޮތާއި، ބައިތަކުގެ ތަފްސީލުތައް ބޭޒާރުވުމުން ނިއު ދިއްލީން މިކަން ބަލަމުންދަނީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއްގެ ގޮތުގައެވެ.

އެޕަލްއަށް ކުރިމަތިވި ގޮންޖެހުން

ޓެކްނޮލޮޖީގެ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ހާދިސާގެ ސަބަބުން އެޕަލްއިން ފާއިތުވި 20 އަހަރު ބިނާކުރި ސިއްރުވެރިކަމުގެ ފާރުވަނީ ބިމާ ހަމަވެފައެވެ. އައިފޯން އުފައްދާ ގޮތާއި، ބޭނުންކުރާ ތަކެއްޗާއި، އޭގެ އަގާއި، ސަޕްލަޔަރުންގެ ވަނަވަރު ފަޅާއެރުމުން، ދުނިޔޭގެ ބާޒާރުގައި އެޕަލްއަށް އޮތް ބާރުގަދަ މަގާމު ވަނީ ބަލިކަށިވެފައެވެ.

މި ހާދިސާގެ ސަބަބުން ޓާޓާ އިލެކްޓްރޯނިކްސްގެ އިތުބާރަށް ގޮންޖެހުން ކުރިމަތި ވެފައި ވެއެވެ. މީގެ ކުރިން ވެސް އިންޑިއާގައި އެޕަލްގެ އޮޕަރޭޝަންތަކަށް ވަނީ މަސައްކަތްތެރިންގެ ހަމަނުޖެހުންތަކާއި، އަލިފާނުގެ ހާދިސާތަކާއި، އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތައް ކުރިމަތިވެފައެވެ.

ލީކުވި ލިސްޓުން އެނގޭ ގޮތުގައި، އައިފޯނުގެ މުހިންމު ބައިތައް އުފެއްދުމުގައި ބޭނުން ކުރަނީ ޗައިނާ، ދެކުނު ކޮރެއާ، ޖަޕާން އަދި އެމެރިކާގެ ކުންފުނިތަކުންއުފައްދާފައިވާ ތަކެއްޗެވެ. އިންޑިއާއަށް ފޮނުވަނީ އެސެމްބަލް ކުރުމުގެ މަސައްކަތްތަކަށެވެ.

ހިއްސާ ކުރައްވާ!