އިންޑިއާއާ ގުޅިގެން އޭޝިއާގައި އައު ދިފާއީ އިއްތިހާދެއް

އެމެރިކާއިން އިރުމަތީ ބިތުން އެމީހުންގެ ބައިވެރިވުން ކުޑަކުރަން ފެށުމުން، އެ ސަރަހައްދުގެ ގައުމުތަކަށް މިވަނީ އާ ހަގީގަތަކާ ކުރިމަތިލާން ޖެހިފަ އެވެ. މި ހުސްކަން ފޫބެއްދުމަށްޓަކައި އޭޝިއާގެ ގައުމުތަކުން ދަނީ އާ އެލަޔަންސްތައް އަދި ގުޅުންތައް ބަދަހިކުރަމުންނެވެ. ޖަޕާނާއި އޮސްޓްރޭލިއާއިން މިހާރު ދަނީ އެމެރިކާއަށް ބަރޯސާވުމަކާ ނުލައި ޗައިނާގެ ހަމަލާތަކުން ދިފާއުވުމަށް މަސައްކަތްކުރަމުންނެވެ.

މިކަމުގައި އެންމެ މުހިންމު ދައުރެއް މިގައުމުތަކުން އަދާކުރަނީ އިންޑިއާއާ ގުޚޅިގެންނެވެ. މި މަހު ޖަޕާނުގެ ބޮޑުވަޒީރު ނިއުދިއްލީއަށް ވަޑައިގެންނެވި އިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑޮނޭޝިއާ، އޮސްޓްރޭލިއާ، އަދި ނިއުޒީލެންޑަށް ވަޑައިގެންފަ އެވެ. މި ދަތުރުތަކުގައި އިގްތިސާދީ އަދި ދިފާއީ މުހިންމު އެއްބަސްވުންތަކެއް ވަނީ ގާއިމުކޮށްފަ އެވެ.

ޗައިނާގެ ބާރުގަދަވަމުންދާ ދަނޑިވަޅެއްގައި، އިންޑިއާ އާއި އެހެނިހެން ގައުމުތައް ގުޅިގެން އުފެދޭ މި ކޯލިޝަނަކީ ޗައިނާއަށް ކަނޑުމަގުން ކުރިމަތިވާނެ ބޮޑު ހުރަހަކަށް ވެދާނެ އެވެ. އަދި މިއީ އެމެރިކާއަށް ވެސް ލިބޭ ބޮޑު ލުޔެކެވެ. ސަބަބަކީ ޗައިނާ ކޮންޓްރޯލް ކުރުމުގެ މައިގަނޑު ބާރަކަށް އެމެރިކާ ވާން ނުޖެހޭނެތީ އެވެ.

މި ކޯލިޝަނުގައި އިންޑޮނޭޝިއާ ހިމެނުމަކީ ޗައިނާގެ ކަނޑުގެ އުޅަނދުތަކަށް ޔޫރަޕާއި މެދުއިރުމައްޗަށް ދަތުރުކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. މޯދީގެ މި ދަތުރުތަކަކީ ދުނިޔޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލެވިދާނެ ތާރީހީ ކަމެއް ކަމަށް ބެލެވެ އެވެ.

އެމެރިކާއިން އޭޝިއާ ސަރަހައްދުން ފައިބަމުންދާ ދަނޑިވަޅެއްގައި، ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އިންޑިއާ އިސްވެ އޮވެ އާ މަސައްކަތެއ ްފަށައިފިއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެންމެ ފަހުގެ ދަތުރުފުޅުތަކުން ދައްކުވައިދެނީ، އޭޝިއާގެ ސަރަހައްދީ ސަލާމަތާއި އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުމަށް އިންޑިއާއިން މިހާރު ހުރީ ވަރަށް ވަރުގަދަ އަޒުމެއްގައި ކަމެވެ. ޖަޕާން، އޮސްޓްރޭލިއާ، އިންޑޮނޭޝިއާ، އަދި ނިއުޒީލެންޑް ހިމެނޭ މި އާ ނެޓްވޯކަކީ، ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ފުޅާވުން ހުއްޓުވުމަށް އެޅޭ ބިންގަލެކެވެ.

މާހިރުން ދެކޭ ގޮތުގައި މިއީ 'ކުއަޑް’އަށް ވުރެ ވެސް މާ ބޮޑު ކަމެކެވެ. ސަބަބަކީ މީގައި އިގްތިސާދީ ފައިދާތަކެއް އެކުލެވޭތީ އާއި، އިންޑޮނޭޝިއާ ފަދަ މުހިންމު ކަނޑުގެ ރޫޓުތަކެއް ކޮންޓްރޯލް ކުރާ ގައުމުތައް ބައިވެރިވާތީ އެވެ. މި ކޯލިޝަނުގެ ސަބަބުން ޗައިނާގެ ވިޔަފާރީގެ އުޅަނދުތަކަށް ޔޫރަޕާއި މެދުއިރުމައްޗަށް ދަތުރުކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ޗައިނާގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ.

މި ބަދަލުތަކަކީ އެމެރިކާއަށް ވެސް ލިބޭ ހިތްހަމަޖެހުމެކެވެ. ޗައިނާ ކޮންޓްރޯލް ކުރުމުގެ ބުރަ އުފުލަންޖެހޭ މައިގަނޑު ގައުމަކަށް އެމެރިކާ ވާން ނުޖެހި، އެކަން އޭޝިއާގެ ގައުމުތަކުން އަމިއްލައަށް ކުރުމަކީ އެމެރިކާގެ ޖިއޮޕޮލިޓިކަލް ސްޓްރެޓެޖީއާ ވެސް ގުޅޭ ކަމެކެވެ. އިންޑިއާގެ މި ފިޔަވަޅަކީ ދުނިޔޭގެ ނިޒާމަށް އަންނަ ފުން ބަދަލެއްގެ ފެށުން ކަމަށް މާހިރުން ފާހަގަކުރެ އެވެ.

ހިއްސާ ކުރައްވާ!