މިޞްރުގެ މަތީ ތަޢުލީމާއި، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ ތަރައްޤީކޮށް، ޤައުމަކީ އެ ދާއިރާތަކުން ސަރަހައްދީ މަރުކަޒަކަށް ހެދުމަށްޓަކައި، 2030 ވަނަ އަހަރާ ހަމައަށް 27 ޓެކްނޮލޮޖީ ޔުނިވަރސިޓީ ޤާއިމުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް މިޞްރުގެ މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަބްދުލްޢަޒީޒު ޤަންސޫޙް ވިދާޅުވެއްޖެއެވެ.
މި އަމާޒަކީ މިޞްރުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅިފައިވާ، ޢިލްމީ އަދި އީޖާދީ އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ފުޅާ ދާއިރާއެއްގެ ރޭވުމުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.
"އަޅުގަނޑުމެންގެ މި ރޭވުން ބިނާވެފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް. އެއީ މިޞްރުގެ ތަޢުލީމު ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުމާއި، ޢިލްމީ އިޤްތިޞާދަކަށް ބަދަލުވުމާއި، އަދި އިންސާނީ ޤާބިލުކަމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުން،" ޑރ. ޤަންސޫޙް ވިދާޅުވިއެވެ.
މި ޓެކްނޮލޮޖީ ޔުނިވަރސިޓީތަކަކީ ތަޢުލީމީ ދާއިރާ އާއި ސިނާޢީ ދާއިރާ ގުޅުވައިދޭ މައިގަނޑު ނާރެސް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މި ޔުނިވަރސިޓީތަކުގައި އާޓިފިޝަލް އިންޓެލިޖެންސް، ރޮބޮޓިކްސް، އިޔާދަކުރަނިވި ހަކަތަ، އަދި ސްމާޓް މެނުފެކްޗަރިންގ ފަދަ މުސްތަޤްބަލާ ގުޅުންހުރި ދާއިރާތަކަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެވޭނެއެވެ.
މި ޔުނިވަރސިޓީތަކުގައި ޢަމަލުކުރާ 'ޑުއަލް އެޑިއުކޭޝަން' ނިޒާމުގެ ދަށުން، ކިޔަވާ ކުދިންގެ 50 އިންސައްތަ ވަގުތު ހޭދަކުރާނީ ކާރުޚާނާތަކުގައި ޢަމަލީ ތަމްރީނު ހޯދުމަށެވެ. މިހާރުވެސް 48،000 އަށްވުރެ ގިނަ ދަރިވަރުން މި ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާ ކަމަށާއި، ބެންހާ، މަނޫފިއްޔާ، ސުހާޖް، އަދި ސުއޭޒް ފަދަ ސަރަހައްދުތަކުގައި އާ ޔުނިވަރސިޓީތައް ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.
މަތީ ތަޢުލީމުގެ އިތުރުން، ޔުނިވަރސިޓީތަކާ ގުޅިފައިވާ ހޮސްޕިޓަލްތައް ޒަމާނީ ކުރުމުގެ ބިޔަ މަޝްރޫޢެއް ވެސް މިޞްރުން އަންނަނީ ހިންގަމުންނެވެ. މިގޮތުން 12 ޔުނިވަރސިޓީއެއްގެ 79 ހޮސްޕިޓަލެއް ޑިޖިޓަލް ނިޒާމަކަށް ފުރޮޅުމުގެ މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރެއިން 19 ހޮސްޕިޓަލެއް މިހާރު ވަނީ ފުރިހަމައަށް އޮޕަރޭޝަނަލްކޮށްފައެވެ.
މި ބަދަލުތަކަކީ މިޞްރުގެ ތަރައްޤީގެ ތަޞައްވުރު 'ވިޝަން 2030′ ގެ ދަށުން، ޤައުމީ ފެންވަރުގައި ތަޢުލީމާއި ޞިއްޙީ ދާއިރާ އޭގެ އެންމެ މަތީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް މިޞްރުގެ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.







