2026 ގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުން އާޖެންޓީނާ އަތުން ބަލިވެ މިސްރު ކެޓުމާ ގުޅިގެން، އިސްރާއީލުގެ އެކި ފަރާތްތަކުން ދަނީ މިސްރުގެ ގައުމީ ޓީމަށާއި ސަޕޯޓަރުންނަށް އަވަގުރާނަ ގޮވަމުން އުފާ ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގެ މަންސަތަކުގައި އިސްރާއީލުގެ އާންމުންނާއި ނޫސްވެރިން ދަނީ މިސްރާއި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހަޑިހުތުރު ބަހުރުވައިންނާއި ސިޔާސީ ގޮތުން ނަފުރަތު އުފެދޭ ފަދަ ޝުއޫރުތައް ފާޅުކުރަމުންނެވެ.
އިސްރާއީލުގެ ރައްޔިތެއް ކަމަށްވާ އީދާން ދީނީ އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެފައިވެއެވެ: "އާޖެންޓީނާއިން މިސްރުގެ މައްޗަށް 3-2 އިން ކުރިހޯދި ކާމިޔާބީއާ ގުޅިގެން، ޓެލް އަވީވްގެ ޗާލްސް ކްލޯރ ޕާކުގައި ބޮޑު އުފާފާޅުކުރުންތަކެއް އެބަދެއެވެ. ބުނެލަންތަ!، ޣައްޒާގެ މަގުތަކުގައި ތިބި މީހުން ތިބީ މިސްރަށް ސަޕޯޓްކުރާށެވެ."
ފަލަސްތީނުގެ ދިދައަކީ ލައުނަތެއް ކަމަށް ބުނެ ފުރައްސާރަކުރުން
މިސްރުގެ ކޯޗު ހުސާމު ހަސަން އިސްރާއީލުގެ ދިދަ ހިފައިގެން ހުރި ސަޕޯޓަރަކާ ދިމާލަށް ދިޔަ މަންޒަރު ދައްކުވައިދޭ އިސްރާއީލުގެ "ޗެނަލް 14″ ގެ ރިޕޯޓަކަށް ކޮމެންޓް ކުރަމުން އިސްރާއީލުގެ މީހަކު ލިޔެފައިވަނީ: "އެމީހުންގެ ހަނދާންވެސް ފުހެވިގެންދާށި! އެމީހުން ދުނިޔެ މަތިން ނެތިކުރައްވާށި! އެމީހުންނަކީ އަބަދުވެސް އަހަރެމެންގެ އެންމެ ބޮޑު ދުޝްމަނުން،" ކަމަށެވެ.
މީގެއިތުރުން، އިސްރާއީލުގެ މަޝްހޫރު ނޫސްވެރިޔާ އެޑީ ކޯހެން ވަނީ މިސްރުގެ ބަލިވުން ފަލަސްތީނުގެ މައްސަލައާ ގުޅުވައި ހޫނު ބަހުގެ ހަމަލާތަކެއްދީފައެވެ.
"އޭ މިސްރުގެ މީހުންނޭ! ފަލަސްތީނުގެ ދިދައަކީ ކަލޭމެނަށް އޮތް ސުންޕާކަމެއް. ކުރީ މެޗުގައި ތިޔަ ދިދަ ނުއުފުލިނަމަ، ކުރިންވެސް އާޖެންޓީނާ ބަލިކުރި ގޮތަށް މިފަހަރުވެސް މޮޅުވީސް. ފަލަސްތީނުގެ މައްސަލައަކީ އެކަމާ ހަވާލުވާ ކޮންމެ ބަޔަކު ހަލާކުކޮށްލާ ލައުނަތެއް،" ކޯހެން ލިޔެފައިވެއެވެ.
ދެން އޮތީ މޮރޮކޯ ކެޓުން ކަމަށް ބުނުން
އިންސްޓަގްރާމްގައި އިސްރާއީލުގެ އަންހެނަކު ލިޔެފައިވަނީ، މިސްރުގެ ޓީމު ބަލިވެގެން އެނބުރި ގައުމަށްދާން ފުރާ މަންޒަރު ފެނުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި މިހާރު މުބާރާތުގައި ބާކީ އޮތީ ހަމައެކަނި އަރަބި ގައުމެއްގެ ގޮތުން މޮރޮކޯ ކަމަށާއި، މޮރޮކޯވެސް ވީ އެންމެ އަވަހަކަށް މުބާރާތުން ކެޓުމަށް އެދި އޭނާ ދުޢާކުރާ ކަމަށް ބުނެ ފުރައްސާރަކޮށްފައިވެއެވެ. މޮރޮކޯއަކީ އަމީރުލްމުއުމިނީން ރަސްގެފާނު ހަސަން 6 އިސްވެ ހުންނަވާ ޒަޔަނސިްޓު ޔަހޫދުންނަށް ހަމްދަރްދީވާ އުތުރު އެފްރިކާގެ އެންމެ ބޮޑު ސަޕޯޓަރެވެ!







