ކޮރިޑޯއެއްގެ ތެރޭގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއަކުން ފެންނަނީ އާދައިގެ މަންޒަރެއް ނޫނެވެ. ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ޒުވާނަކު، އެޕާޓްމަންޓެއްގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. ދެން އޭނާ ދޮރުގެ ޖާލީގެ ތެރެއަށް އަތްބާނާ، އެތަނުގައި ހުރި އަންހެން ބޫޓެއް ނަގައި، އޭގެ ވަސްގަންނަން ފެށިއެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވުމާއެކު، މިއީ އާދައިގެ ކަމެއް ނޫންކަން ފާހަގަވެ ބޭޒާރުވިއެވެ. މިއީ މެލޭޝިޔާގެ ޔުނިވަރސިޓީއެއްގައި ކިޔަވަމުންދާ 22 އަހަރުގެ އަންހެން ދަރިވަރަކަށް، މިދިޔަ އޭޕްރީލް މަހުން ފެށިގެން ކުރިމަތިވަމުންދިޔަ ބިރުވެރި، އަދި ހުއްޓުމެއް ނެތް ފާރަލުމުގެ ޖަރީމާގެ ސާފު ހެއްކެކެވެ.
ފުލުހުންގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، ހައްޔަރުކޮށްފައިވާ އުމުރުން 20 އަހަރުގެ މި ޒުވާނާއަކީ ވެސް އެ އަހްނެހްން ދަރިވަރާ އެއް ޔުނިވަރސިޓީއެެއްގައި ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާ ވަނީ އެ އަންހެން ކުއްޖާއަށް ޔުނިވަރސިޓީގެ ތެރެއިންނާއި، އޭނާ ދިރިއުޅޭ މާހައުލުން ވެސް ތަކުރާރުކޮށް ފާރަލާފައެވެ.
ޝާހް އަލާމްގެ ފުލުހުންގެ އިސްވެރިޔާ ސަދުރުއްދިން ސަމާހް ވިދާޅުވި ގޮތުގައި، މިދިޔަ އާދިއްތަ ދުވަހުގެ ރޭ 8:30 ގައި ކުށްވެރިޔާ ހައްޔަރުކޮށް، ކޯޓުން ވަނީ ތަހުގީގަށް އެއް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އޭނާގެ ކުށުގެ އެއްވެސް ރެކޯޑެއް ނެތް ނަމަވެސް، މި އަމަލަކީ ޝިކާރައަކަށްވީ ކުއްޖާގެ ނަފްސާނީ ސަލާމަތް ނަގައިލި ކަމެކެވެ.
މެލޭޝިޔާގައި އަންހެނުންގެ ބޯކޮޅު ބަލައި ފާރަލާ މީހުންނާ ދެކޮޅަށް އުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅީ މީގެ ތިން އަހަރު ކުރިން، މޭ 2023 ގައި ޕީނަލް ކޯޑުގެ ސެކްޝަން 507ގެ (ހ) ގެ ދަށުންނެވެ. މި ގާނޫނުގެ ދަށުން ކުށް ސާބިތުވާ މީހަކަށް 3 އަހަރުގެ ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް ދެވެއެވެ.
ނަމަވެސް، މެލޭޝިޔާގެ ގާނޫނީ ނިޒާމުގައި މިފަދަ މައްސަލަތައް ނިމިގެންދާ ގޮތާމެދު ސުވާލުތައް އުފައްދާފައި އެބަހުއްޓެވެ.
-
މި ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާކުރީ ފޮޓޯގްރާފަރު އެކޭޝިއާގެ ފަހަތުން 8 އަހަރު ވަންދެން ފާރަލައި، ޔޫކޭއަށް ދިއުމުން ވެސް ފަހަތުން ގޮސް، 30 އަށްވުރެ ގިނަ ފޭކް އެކައުންޓް ހެދި މުހައްމަދު ޝަފީގްގެ މައްޗަށެވެ.
-
އޭނާގެ މައްޗަށް ކުށް ސާބިތުވުމުގެ ބަދަލުގައި، އޭނާއަކީ ނަފްސާނީ ބައްޔެއް ހުރި މީހެއް ކަމަށް ބުނެ، ކޯޓުން ވަނީ އޭނާ މޮޔައިންގެ ކުލިނިކެއްގައި މުއްދަތެއް ނެތް ގޮތަށް ބަންދުކުރަން ހުކުމްކޮށްފައެވެ.
ވުމަންސް އެއިޑް އޯގަނައިޒޭޝަނުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، މެލޭޝިޔާގެ 88 އިންސައްތަ ރައްޔިތުންނަށް ކޮންމެވެސް ސިފައެއްގައި ފާރަލުމުގެ އަމަލުތަކާ ކުރިމަތިވެއެވެ. އަދި މީގެ ތެރެއިން ތިންބައިކުޅައެއްބައި މީހުން ދިރިއުޅެނީ ނުތަނަވަސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައެވެ.
މި އާ ހާދިސާއަކީ ޓެކްނޮލޮޖީގެ އެހީގައި ކުށްވެރިޔާ ބޭޒާރުވި މައްސަލައެކެވެ. ނަމަވެސް، އުފެދޭ ސުވާލަކީ ހަމައެކަނި ވީޑިއޯއެއް ވައިރަލްވުމުން ނޫނީ ސިސްޓަމްގެ ތެރެއިން އަންހެނުންނަށް ރައްކާތެރިކަން ހޯދައިދެވޭނެ ހަރުދަނާ މަގެއް މެލޭޝިޔާގައި ގާއިމުކުރެވިފައި އެބައޮތް ހެއްޔެވެ؟ ނުވަތަ ގާނޫނެއް އޮތް ނަމަވެސް، ކުށްވެރިން ނަފްސާނީ ބަލީގެ ނިވާފަތްގަނޑުގެ ދަށުން ސަލާމަތްވުމުގެ ފުރުސަތު އަދިވެސް އޮތީ ހެއްޔެވެ؟






