ފާޚާނާ ކުރުމަށްފަހު ސާފު ތާހިރުކަން ކުޑަ ވުމުން ފެތުރޭ ޕެރަސައިޓެއްގެ ސަބަބުން އެމެރިކާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ސްޓޭޓްތަކުގައި ބޭރަށް ހިންގާ ބައްޔެއް އާންމުވެ ފެތުރެމުންދާ ކަމަށް އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިއުލާން ކޮށްފިއެވެ.
ސީޑީސީން ބުނާ ގޮތުގައި، "ސައިކްލޯސްޕޯރިއޭސިސް" ކިޔާ މި ބަލީގެ 7،000 އެއްހާ ކޭސް، އެމެރިކާގެ 34 ސްޓޭޓަކުން މިހާތަނަށް ވަނީ ފެނިފައެވެ. މިއީ ލޮލަށް ނުފެންނަ ވަރުގެ ކުޑަކުޑަޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
ސީޑީސީގެ ފުޑްބޯން، ވޯޓަރބޯން އެންޑް އެންވަޔަރަންމަންޓަލް ޑިޒީޒް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ގުއެން ބިގަރސްޓާފް ވިދާޅުވީ، "މި ބަލި ފެތުރެނީ އެ ޕެރަސައިޓްގެ އަސަރުކޮށްފައިވާ ކާބޯތަކެއްޗެއް ނުވަތަ ފެނެއް ބޭނުންކުރުމުން. އާންމުކޮށް މިކަން ހިނގަނީ ނުތާހިރު ވުމާއި ރަނގަޅަށް ނުދޮވެ ނުވަތަ ރަނގަޅަށް ކައްކާފައި ނުހުންނަ ތާޒާ އުފެއްދުންތައް ބޭނުންކުރުމުން،" ކަމަށެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުން، ކާހިތްނުވުން، ހުން އައުން އަދި ހޮޑުލުން ހިމެނެއެވެ. އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން އިންޒާރު ދޭ ގޮތުގައި، މި ބަލީގެ އަލާމާތްތައް ފިލައިގެން ދިއުމަށްފަހު އަނެއްކާވެސް އަލުން ފެނުމުގެ ފުރުސަތު އޮވެއެވެ.
މެއި މަހުން ފެށިގެން މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ބިގަރސްޓާފް ވިދާޅުވީ، "މިއަދަދަކީ މިދިޔަ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް،" ކަމަށެވެ.
އެމެރިކާގެ އެކި ކަންކޮޅުތަކުގައި ގޮފިތައް ހުންނަ "ޓާކޯ ބެލް" ފާސްޓްފުޑް ޗޭން އާ ގުޅޭގޮތުން ވެސް ސިއްހީ އޮފިޝަލުން ތަހުގީގެއް ކުރަމުންދާ ކަމަށް "ވޮޝިންގްޓަން ޕޯސްޓް" އިން ރިޕޯޓުކޮށްފައިވެއެވެ.





