އިންސާނީ ޙައްޤުތައް ހީނަރުވާ މައްސަލާގައި އީޔޫއިން ޕާކިސްތާނަށް އިންޒާރުދެނީ

ޔޫރަޕިއަން ޔޫނިއަންގެ އެންމެ ފަހުގެ މޮނިޓަރިންގ ރިޕޯޓްގައި، އެޖަމާޢަތުގެ ޖީއެސްޕީ ޕްލަސް ވިޔަފާރި ސްކީމްގެ ދަށުން ޕާކިސްތާނަށް އިނާޔަތްތެރި ޓެރިފްތައް ލިބުން ބަރޯސާވަނީ އިންސާނީ ޙައްޤުތަކާއި ޤާނޫނުގެ ބާރު ދަމަހައްޓައި އިޞްލާޙްކުރުމުގައި ލިބޭ ޙަޤީޤީ ކުރިއެރުމަށް ކަމަށް ބުނެ އީޔޫއިން އިންޒާރު ދީފިއެވެ.

ޕާކިސްތާނަކީ ޖީއެސްޕީ ޕްލަސްގެ އެންމެ ބޮޑު ފައިދާ ލިބޭ ޤައުމެވެ. 2024 ވަނަ އަހަރު އެޤައުމުން ޔޫރަޕަށް ގާތްގަނޑަކަށް 7.5 ބިލިއަން ޔޫރޯގެ ފޭރާމާއި އަންނައުނު އެކްސްޕޯޓްކޮށްފައިވާއިރު، ޓެރިފް އިސްތިސްނާގެ ގޮތުގައި 732 މިލިއަން ޔޫރޯ ލިބިފައިވާ ކަމަށް އަންދާޒާކުރެވެއެވެ. ނަމަވެސް ބްރަސަލްސްއިން ބުނަނީ އެޤައުމު ވަނީ "ބައެއް ދާއިރާތަކުން ފަހަތަށް ޖެހިފައި" ކަމަށާއި، އޭގައި ޝަރުތުކޮށްފައިވާ ޒިންމާތަކަށް ޢަމަލުކުރުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.

މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ޒިންމާދާރުކުރުމެއް ނެތި މަޖުބޫރުން މީހުން ގެއްލުވާލުމާއި ކޯޓުން ބޭރުން މީހުން މެރުން އިތުރުވުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދަށްވުމާއި، ސައިބަރ ކްރައިމް، ޓެރަރިޒަމާ ދެކޮޅު ޤާނޫނުތަކާއި ދީނަށް ފުރައްސާރަ ކުރުމުން ޙުކުމް މަރަށް ކުރާ ޤާނޫނުތަކަށް ގެނައި ބަދަލުތައް ހިމެނެއެވެ. މި ޤާނޫނުތަކުގެ ސަބަބުން ޖަލަށްލުން، މުދާ އަތުލުން ނުވަތަ ދަތުރު ފަތުރު މަނާކުރުން ކުރިމަތިވެ، މަދަނީ ދާއިރާ ހަނިވެ، ޤާނޫނުގެ ވެރިކަން ހީނަރުވާ ކަމަށް ބުނެއެވެ.

ރިޕޯޓްގައި ބައެއް އެދެވޭ ފިޔަވަޅުތައް ފާހަގކޮށްފައިވެއެވެ: އެގޮތުން:

  • މައިނޯރިޓީންނަށް ޤައުމީ ކޮމިޝަނެއް އުފެއްދުމުގެ ޤާނޫނު،
  • މަރުގެ ޢުޤޫބާތް ދޭ މިންވަރު ކުޑަކުރުން،
  • މަރުގެ ޙުކުމް ތަންފީޛުކުރުން ހުއްޓާލާފައި އޮތުން،
  • އަނިޔާކުރުމާ ދެކޮޅު ޤާނޫނުގެ ގަވާއިދުތައް ތަންފީޛުކުރުން،
  • ގެވެށި އަނިޔާގެ ބިލު ހިމްނެއެވެ.

ނަމަވެސް ދާދިފަހުން ޤާނޫނުއަސާސީއަށް ގެނައި ބަދަލުތަކަށް ފާޑުކިޔާފައި ވެއެވެ. އޭގައި ވަނީ، މީޑިއާގެ މިނިވަންކަން އިތުރަށް ބަލިކަށިވެ، އިންޞާފުވެރި ޝަރީޢަތްތަކާއި އިންޞާފަށް ވާޞިލުވުމަށް ހުރި މައްސަލަތައް  އިތުރު ވެފައިވާ ކަމަށެވ.

2027 އިން ފެށިގެން އިޞްލާޙްކުރެވޭ ޖީއެސްޕީ ގަވާއިދުތަކަށް ބަލާއިރު، އީޔޫއިން އިސްކަންދޭން ބޭޭނުންވާ ކަންކަން ލިސްޓުކޮށްފައިވެއެވެ: އެގޮތުން:

  1. އިންސާނީ ޙައްޤުތަކާ ޚިލާފުވުމުގެ ޒިންމާ ނެގުން،
  2. ޖަލުތަކުގައި އަނިޔާކުރުމާއި މަރުގެ ޢުޤޫބާތާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުން،
  3. މީހުން ގެއްލުވާލުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ޚިލާފުވުމުގެ ނޭދެވޭ ކަންކަން ހުއްޓުން
  4. އަދި ޕާކިސްތާނުގެ ސިޔާސީ ނިޒާމުގައި ހުރި އޮނިގަނޑުގެ ބަލިކަށިކަން ޙައްލުކުރުން ހިމެނެއެވެ.

ޕާކސިްތާނަށް ޖީއެސްޕީ ޕްލަސް ގެއްލުމަކީ އެކްސްޕޯޓްތަކަށާއި ވަޒީފާތަކަށް ބޮޑު ލޮޅުމެއް އަންނާނެ ކަމެކެވެ. އަދި މިއީ ނާޒުކުކަން އިތުރުކުރާނެ ކަމެކެވެ. ބްރަސަލްސްއިން އިސްލާމްއާބާދަށްއަންގަމުން ދަނީ، ވިޔަފާރީގެ ފައިދާތައް މިހާރު ގުޅިފައިވަނީ ހަމައެކަނި މެކްރޯ-އިކޮނޮމިކް މެނޭޖްކުރުމަކަށް ނޫން ކަމެވެ.، ނަމަވެސް އިންސާނީ ޙައްޤުތަކުގެ ދާއިރާ އިޞްލާޙް ކުރުމަށް ކަމަށެވެ.

ހިއްސާ ކުރައްވާ!