ގަތަރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ޖޯޑަން، ބަހްރައިން އަދި ކުވައިތަށް އީރާނުން ދިން ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ޚާއްސަކޮށް، ކުވައިތުގެ ކަރަންޓާއި ފެނުގެ ޚިދުމަތްދޭ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކަކީ "ހުރިހާ ރަތް ރޮނގުތަކެއް ހުރަސްކުރުން" ކަމަށް ގަތަރުން ބުނެއެވެ.
ގަތަރުގެ ބަޔާނުގައި ބުނެފައިވަނީ، މި ހަމަލާތަކަކީ އެ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމެއް ކަމަށާއި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ޗާޓަރާއި އަދި އަވައްޓެރި ގައުމުތަކާ އެކު އޮންނަންޖެހޭ ރަނގަޅު ގުޅުމުގެ އުސޫލުތަކާ ޚިލާފު އަމަލެއް ކަމަށެވެ. އަދި މިއީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ނަންބަރު 2817 އާ ޚިލާފު، އަދި އާންމު ރައްޔިތުންނާއި މުހިއްމު ވަސީލަތްތަކަށް ހަމަލާ ނުދިނުމަށް އޮތް އެންގުމާ ފުށުއަރާ ކަމެއްކަން އެ ވުޒާރާއިން ފާހަގަކުރިއެވެ.
މިފަދަ ހަމަލާތައް ދެމިއޮތުމަކީ ސަރަހައްދީ ހަމަނުޖެހުންތައް ބޮޑުވެ، ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ ސިޔާސީ އަދި ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހުރަސްއެޅޭނެ ނުރައްކާތެރި މައްސަލައެއް ކަމަށް ވެސް ގަތަރުން ހާމަކުރިއެވެ.
އީރާންގެ ފެނާއި ކަރަންޓު އުފައްދާ ތަންތަނަށް ދޭ ސޮލީބީ ހަމަލަތައް ކުށްވެރި ކުޜާކަށް އަރަބިންނަށް ނުކެރެއެވެ.
ކުވައިތުގެ ހާލަތު:
ކުވައިތުގެ ކަރަންޓާއި ފެނާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، އީރާނުން ދިން ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ ކަރަންޓު އުފައްދާ މަރުކަޒާއި އަދި ފެން ސާފުކުރާ މަރުކަޒަކަށް ގެއްލުންތަކެއް ލިބި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން ކަރަންޓު އުފައްދާ ގިނަ ޔުނިޓުތަކަކަށް ގެއްލުން ލިބުނު ނަމަވެސް، ކުވައިތުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. މިހާރު ފަންނީ ޓީމުތަކުން ދަނީ ގެއްލުންތައް ބަލައި، ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންނެވެ.
ގަތަރުގެ ގޮވާލުން:
މި މައްސަލައާ ގުޅިގެން ގަތަރުން ވަނީ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ ހުރިހާ އަސްކަރީ ހަމަލާތަކެއް ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި ހަމަނުޖެހުންތައް އިތުރަށް ފުޅާނުކޮށް، ޑިޕްލޮމެޓިކް މަޝްވަރާތަކުގެ މޭޒުދޮށަށް އެނބުރި އައުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.






