ބަހްރައިންގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން މިއަދު (ހޮނިހުރު) ހާމަކުރި ގޮތުގައި، އެ ގައުމުގައި އިންޒާރުގެ ސައިރަން ހަވަނަ ފަހަރަށް ވަނީ ގުގުމައިލާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންމެ ކައިރީގައި ހުރި ރައްކާތެރި ތަންތަނަށް ދިއުމަށް ރައްޔިތުންނަށާއި އެ ގައުމުގައި ދިރިއުޅޭ ބިދޭސީ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
އީރާން: އެމެރިކާގެ ހަމަލާއެއްގައި ފެން އުފައްދާ ސްޓޭޝަނަކަށް ގެއްލުންވެ 20 އަވަށަކަށް ފެން ކެނޑިއްޖެ
އީރާނުގެ ހުރުމުޒުގާހް ޕްރޮވިންސްގެ ވޯޓާ ކޯޕަރޭޝަނުން ބުނީ، ޖާސްކް ސިޓީގެ ހުޅަނގުން އޮންނަ ބޮންޖީ ޑިސެލިނޭޝަން ޕްލާންޓަށް އެމެރިކާއިން ދިން ޓެރަރިސްޓް ހަމަލާގެ ސަބަން އެ ޕްލާންޓް ހަލާކުވެ 20 އަވަށަކުން ފެން ކެނޑިފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން 10،000 މީހުންނަށް ފެނުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ޕްލާންޓްގެ ކަރަންޓް ޓްރާންސްފޯމަރާއި ފެން ނަގާ ޕަމްޕްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
ކުވައިތު: އީރާނުގެ ހަމަލާތައް ކުށްވެރިކޮށް، ދިފާއީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
ކުވައިތުގެ ޚާރިޖީ ވުޒާރާއިން ވަނީ އީރާނުން އެ ގައުމުގެ ކަރަންޓް އަދި ފެން އުފައްދާ ސްޓޭޝަންތަކަށް ދިން ކާމިޔާބު ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިއީ މަދަނީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކެއް ކަމަށާއި، މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ކުވައިތުން ބުނެއެވެ.
އަދި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ގޮތުން ބައިނަލްއަގްވާމީ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ފުރިހަމަ އިކުތިޔާރު އެ ގައުމަށް ލިބިގެންވާ ކަމަށް ކުވައިތުން ވަނީ ބުނެފައެވެ.
ކުވެއިތަކީ އީރާނަށް ހަމަލަ ދޭ އެމެރިކާ ސިފައިން ފޮނުވާ އެތައް މަރުކަޒެއް އޮންނަ ތަނެކެވެ.
- ތެޔޮ ކުންފުންޏަށް ހަމަލާ: ކުވައިތުގެ ތެލުގެ ސިނާއަތުގެ މުހިންމު ތަނަކަށް އީރާނުން ދިން ހަމަލާތަކެއްގައި މީހުންނަށް އަނިޔާވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަނުން ހާމަކުރިއެވެ.
- ފަޔަރ ފައިޓަރުންނަށް އަނިޔާ: ހަމަލާތަކާ ގުޅިގެން ރޯވި ދެ އަލިފާނުގެ ހާދިސާއެއް ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަރ ފައިޓަރުންތަކަކަށާއި މަސައްކަތު މީހަކަށް އަނިޔާވެފައިވާ ކަމަށް ކުވައިތުގެ ފަޔަރ ފޯސް އިން ބުންޏެވެ.
ޖޯޑަން: އީރާނުގެ 4 ޑްރޯން ވައްޓާލައިފި
އުރުދުންގެ އަސްކަރީ މަސްދަރަކުން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން އީރާނުގެ ހަތަރު ޑްރޯން، އެ ގައުމުގެ ވައިގެ ސިފައިން ހަރަކާތްތެރިވެ ވައްޓާލާފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެ ގައުމުން ބުނެއެވެ.
އިޒްރޭލް: އެމެރިކާގެ އިތުރު އަސްކަރީ އެހީތެރިކަން
އިޒްރޭލުގެ ސިފައިން ހޮނިހިރު ދުވަހު ބުނީ، އީރާނާ ދެކޮޅަށް ހަމަލާތައް ފުޅާކުރުމަށް އެމެރިކާގެ ޕެންޓަގަން އިން އިތުރު މަތިންދާބޯޓެއް އިޒްރޭލަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. މި ބޯޓުތައް ބޭނުންކުރާނީ އިޒްރޭލުގެ އަސްކަރީ ވައިގެ ބޭސްތަކުގައެވެ.





