އީރާނުގެ ބަސް ނޭހުމުން ބަދަލު ހިފުމަށް ހަމަލަ ދީފި

އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ގަލްފްގެ ގައުމުތައް ބޭނުންކޮށްގެން 6 ރޭ މަތިން ޖެހިޖެހިގެން ހަމަލަ ދިނުމަށްފަހު އަދި އީރާނުން ބަދަލު ހިފާނެ ކމަށް ދިން އިންޒާރަށް އަމަލު ނުކުރުމުން ވަރުގަދަ ހަމަލަތަކެއް އޮއްސާލައިފިއެވެ.

އީރާނުން ހުކުރު ދުވަހު ގަލްފުގެ އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް އާ ހަމަލާތަކެއް ދީފިއެވެ.

އީރާނުން ދަނީ އަވަށްޓެރި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް، އޭގެ ތެރޭގައި ޖޯޑަންގައި ހުންނަ ވައިގެ މަރުކަޒަކަށް މިސައިލާއި ޑްރޯން ހަމަލަތައް ފޮނުވަމުންނެވެ.

ހުކުރު ދުވަހުގެ ފަތިހު، ބަހުރައިނާއި ކުވައިތުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ކާމިިޔާބު ހަމަލާ ދިން ކަމަށް އީރާނުގެ ސިފައިން ބުނެފައިވެއެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ގޮވުންތަކެއްގެ އަޑު އިވުނު ކަމަށް މީހުން ބުނެފައިވާއިރު، އެ ގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ބުނީ ބޮމުގެ ބައިތަކުން ޖެހި ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ.

އީރާނުގެ މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ދިން މިފަހަރުގެ ހަމަލާތަކުގައި ފަސް ފާލަމަކަށް ހަމަލާދީފައިވެއެވެ. މީގެ އިތުރުން، އައްސޭރިފަށުގެ ބަންދަރު ޚަމީރުގެ ރޭލްވޭ ސްޓޭޝަނަށާއި، ދެކުނު އިރުމަތީ އީރާނުގައި ހުންނަ އީރާންޝަހަރު އެއާޕޯޓަށް ވެސް ހަމަލާ ދީފައިވެއެވެ.

ބަންދަރު ޚަމީރުގެ ފާލަންތަކަށް އެމެރިކާއިން ދިން ހަމަލާތަކުގައި ހަތް މީހަކު މަރުވެފައިވާ ކަމަށް އީރާނުގެ ސްޓޭޓް ނިއުސް އެޖެންސީ، އައިއާރްއެންއޭ އިން ރިޕޯޓްކުރެއެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން، ތެލާއި ގޭހުގެ ދުނިޔޭގެ އެންމެ މުހިންމު ކަނޑު މަގު ކަމަށްވާ ހުރުމުޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރު އަނެއްކާވެސް މުޅިންހެން ހުއްޓި، ދުނިޔޭގެ ހަކަތައިގެ އަގުތައް ވަނީ އުފުލިފައެވެ.

ތެހެރާނުން އެ ކަނޑުއޮޅި ބަންދުކޮށްފައިވާއިރު، ބުދަ ދުވަހުން ފެށިގެން ވޮޝިންގްޓަނުން ވަނީ އީރާނުގެ ބަނދަރުތައް ވެސް ބަންދުކޮށްފައެވެ.

އީރާނުން ބުނަނީ އީރާނަށް ތެޔޮ އެކްސްޕޯޓު ނުކުރެވޭ ނަމަ އެއްވެސް ބަޔަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.

ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުގެ އަތްމަތީގައި

ހުރުމުޒް ކަނޑުއޮޅި ބޭނުންކުރާ ހުރިހާ އުޅަނދުފަހަރުތައް އީރާނުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރަން އީރާނުން ބޭނުންވެއެވެ. އަދި މިދިޔަ މަހު އެކުލަވާލި އެއްބަސްވުމުގައި ވާގޮތުން، 60 ދުވަހުގެ މަޝްވަރާތަކަށްފަހު، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަށް އީރާނުން ވަނީ ނިންމާފައެވެ.

ވޮޝިންގްޓަނުން ވަނީ އުޅަނދުފަހަރުތަކަށް އޮމާންގެ އައްސޭރިފަށުން ދެކުނުގެ މަގު ބޭނުންކުރުމަށް އިރުޝާދު ދީފައެވެ.

އީރާނުގެ ކޮންޓްރޯލް ކުޑަކުރުމަށްޓަކައި، ކަނޑުއޮޅީގެ އައްސޭރިފަށުގައި ހުރި އަސްކަރީ އަމާޒުތަކަށް އެމެރިކާއިން ވައިގެ ހަމަލާތައް ދީފައިވާ ކަމަށް ބުނާ އިރު އީރާނުގެ ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު އަކްރަމީނިއާ ބުރާސްފަތި ދުވަހު ވިދާޅުވީ، އެފަދަ ހަމަލާތަކުން ކާމިޔާބެއް ނުވާނެ ކަމަށާއި، އީރާނުގެ ކޮންމެ ތަނަކުންވެސް ހުރުމުޒު ކަނޑުއޮޅިއަށް ހަމަލާ ދެވޭނެ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ އެއްގަމު ސިފައިން ބޭނުންކުރުމުގެ ފުރުސަތު ދޫކޮށްނުލައްވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި އީރާނުން ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ހުންނަ ޚަރްގް ޖަޒީރާ ހިފުން ހިމެނެއެވެ. އަދި އީރާނުން އަލުން މަޝްވަރާތަކަށް ނާންނަ ނަމަ، އަންނަ ހަފުތާގައި އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި ފާލަންތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އޭނާ ވަނީ ތަކުރާރުކޮށްފައެވެ.

މިހިނދު މަޝްވަރާގައި ތުިއްބައި ހަމަލަތައް ފެށީވެސް ޓްރަމްޕެވެ. އަދި ކޮންމެ ފަހަރަކު ސުލްހައަށް ގޮވައި އެކަމަށް އަނެއް ފަރާތުން އެއްބަސްވާއިރު އޭނާ އެކަމާ ދެކޮޅަށް ނިމުގެ އެއްބަސްވުމާ ޚިލާފް ވެއެވެ. ޓްރަމްޕަކީ މިޒާޖުގައިވެސް ވައުދާ ޚިލާފް ވާ ޚަބީސެކެވެ!

ހިއްސާ ކުރައްވާ!