އެމެރިކާގެ އާންމުންގެ މެދުގައި އިސްރާއީލާމެދު އޮތް ތާއީދު ކުޑަވަމުން ދާތީ، އެކަން ރަނގަޅުކުރުމަށް އިސްރާއީލުން 45 މިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކޮށްގެން އެމެރިކާ މީހުންގެ ބޯ ކެއުމަށް ޑިޖިޓަލް ކެމްޕޭނެއް ފަށައިފިއެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ހާމަކުރި ގޮތުގައި، މި ކެމްޕޭންގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ މެސެޖުތައް އެމެރިކާގެ މިލިއަނުން މީހުންގެ ސިކުނޑިއަށް ވެއްދުމަށް ދަނީ ފޮނުވަމުންނެވެ.
"ފްރެންޑްސް ފޯ ޕީސް"ގެ ނަމުގައި ހިންގާ މި ކެމްޕޭންގެ ދަށުން "އެމާ" އަދި "ސާރާ" ފަދަ ނަންނަމުގައި ހުރި އެކައުންޓްތަކުން، އިސްރާއީލާ ގުޅޭގޮތުން ސުވާލުތައް ފޮނުވަމުންދެއެވެ. މި މަޝްރޫއު ލީޑުކުރަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ އެޑްވައިޒަރެއް ކަމަށްވާ ބްރެޑް ޕާސްކޭލްއެވެ.
700 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓެއް
އިސްރާއީލުން 2026 ވަނަ އަހަރުގެ ބަޖެޓުގައި "މީހުންގެ ބޯ ކާލައި ވިސްނުން ބައްޓަންކުރުމަށް" 700 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވަނީ ކަނޑައަޅާފައެވެ. ޣައްޒާގެ ޖެނޮސައިޑް ހަނގުރާމައާއި އީރާނާ އޮތް ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ މެދުގައި އިސްރާއީލު ބޭޒާރު ވުމުން މިކަން ފެށީ ކަމަށް ވެއެވެ.
ޕިއު ރިސާޗް ސެންޓަރުން މާޗު މަހު ކުރި ދިރާސާއެއް ދައްކާ ގޮތުން، އެމެރިކާގެ ގާތްގަނޑަކަށް 60% މީހުން އިސްރާއީލުން ޖެނޮސައިޑް ހިންގާ ކަމަށް ބުނެއެވެ. މި މީހުންގެ ވިސްނުން ބަދަލުކުރުމަށް އިސްރާއީލުން ވަނީ އެމެރިކާގެ މަދުވެގެން ހަ ކުންފުންޏަކާއި، މާކެޓިންގެ ދާއިރާގެ 36 މާހިރުން ހިމެނޭގޮތަށް ބޮޑު ނެޓްވޯކެއް ހަރަކާތްތެރިކޮށްފައެވެ.
ކްރިސްޓިއަން ޖަމާއަތްތަކާއި ޔުނިވާސިޓީތަކަށް އަމާޒުކުރުން
މި ކެމްޕޭންގެ ތެރެއިން އެމެރިކާގެ ހުޅަނގު ދެކުނުގެ ސްޓޭޓްތަކުގައި ތިބި ނަސާރާ ޖަމާއަތްތަކާއި ޔުނިވާސިޓީ ދަރިވަރުންނަށް އަމާޒުކޮށް 3 މިލިއަން ޑޮލަރު ހޭދަ ކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން، އިސްރާއީލަކީ ހެޔޮ އެދޭ ގައުމެއްގެ ގޮތުގައި ދައްކައި، ފަލަސްތީނު މީހުންނަކީ "ހަރުކަށި ބައެއް" ކަމަށް ސިފަކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސިޔާސީ ކޯޅުންތައް
މި ކެމްޕޭންތަކަކީ އެމެރިކާގެ ސިޔާސީ މަސްރަހަށް ވެސް ނުފޫޒު ފޯރުވަމުން ގެންދެއެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ހަފުތާއެއް ކުރިން ވިދާޅުވީ، އީރާނާ ދެކޮޅަށް ހަނގުރާމަ ދިގުދަންމަން އިސްރާއީލުން އެމެރިކާގެ ރައްޔިތުންގެ ޚިޔާލު ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބްރެޑް ޕާސްކޭލް ބުނާ ގޮތުގައި، އޭނާގެ މަސައްކަތަކީ އިސްރާއީލަކީ ސުލްހަވެރި ބައެއް ކަމަށް ދެއްކުމެވެ. ނަމަވެސް، މި ހަރަކާތްތަކަކީ އެމެރިކާގެ މީޑިއާއަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަމެއް ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.






