ތުރުކީގެ ހުޅަނގު އުތުރުގައި އޮންނަ ސިނާއީ ސިޓީއެއް ކަމަށްވާ ޗެރްކެޒްކޯއީގެ މަގުމަތިން ފެނުނު މަންޒަރަކީ އާދައިގެ ކަމެއްހެން ހީވެދާނެއެވެ. އާ ފިހާރައެއް ހުޅުވުމުގެ ރަސްމިއްޔާތެކެވެ. ރިބަން ކަނޑާލުމެވެ. އަދި އެތަނަށް އެއްވެ ތިބި މީހުންނާއެކު، ސަރަހައްދުގެ ދައުލަތުން މުސާރަދޭ އިމާމަކު އިސްވެ ހުއްޓެވެ.، ކޮޅަށް ހުރެ ދެއަތް މައްޗަށް އުފުލައި، އޭނާ ކީރިތި ގުރުއާނުގެ ސޫރަތުލް ފާތިޙާ ކިޔަވައި، އެ ވިޔަފާރިއަށް ބަރަކާތް ލެއްވުން އެދި ދުއާކުރި އެވެ. އަދި އެހެން މީހުންނަށްވެސް ފާތިހާ ކިޔެވުމަށް އެދުނެވެ.
ނަމަވެސް، މި ރަސްމިއްޔާތުގެ ފަހަތުން ފެންނަން ހުރީ ބޮޑު، ރީނދޫ ކުލައިގެ ބޯޑެކެވެ. އޭގައި ލިޔެފައިވަނީ ޓެކެލް އެވެ. އެއީ ތުރުކީގައި ބަނގުރަލާއި ދުންފަތުގެ ބާވަތްތައް ވިއްކުމަށް ހާއްސަ ރީޓެއިލް ފިހާރައެކެވެ. އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ތަކެތި ވިއްކާ މަރުކަޒެއްގެ ދޮރުމަތީގައި ދީނީ އިލްމުވެރިއަކު ދުއާކުރި މި މަންޒަރު ސޯޝަލް މީޑިއާގައި ވައިރަލްވުމާއެކު، މުޅި ތުރުކީގައި ވަނީ ސިޔާސީ އަދި ދީނީ ބޮޑު ތޫފާނެއް އުފެދިފައެވެ.
މި ހާދިސާއަކީ ހަމައެކަނި އޮޅުމަކުން ހިނގި ކަމެއް ހެއްޔެވެ؟ ނުވަތަ މިއީ ތުރުކީގެ ވެރިކަމުގައި، ދައުލަތުގެ ނުފޫޒާއި ދީނީ މުއައްސަސާތައް ގުޅިލާމެހިފައިވާ މިންވަރު ހާމަކޮށްދޭ މުހިންމު ހެއްކެއް ހެއްޔެވެ؟
"އަހަންނަށް އެނގުނީ ފަހުން"
ފާޑުކިޔުންތައް އަމާޒުވުމުން، އެ އިމާމު ވަނީ އަމިއްލަ ދިފާއުގައި ބަޔާނެއް ނެރެފައެވެ. އޭނާ ބުނި ގޮތުގައި، ހުކުރު ނަމާދުން ފޭބިތަނާހެން ބަޔަކު އައިސް އާ ފިހާރައެއް ހުޅުވަނީ ކަމަށް ބުނެ ދުއާކޮށްދިނުމަށް އެދުނީއެވެ.
"އަހަންނަށް އެތަނަށް ދެވުނުއިރު އެއީ ކޮން ކަހަލަ ވިޔަފާރިއެއް ކުރާ ތަނެއްކަމެއް ނޭނގެ. އަހަރެން ހީކުރީ އެއީ އާންމު ކާބޯތަކެތި ވިއްކާ ފިހާރައެއް ކަމަށް. އޮޅުމެއްގެ ތެރެއިން ހިނގި މިކަމާ އަހަރެން ހިތާމަކުރަން،" އިމާމު ބުންޏެވެ.
ނަމަވެސް، އާންމުންގެ ގިނަ ބަޔަކު މި ވާހަކަ ގަބޫލެއް ނުކުރެއެވެ. ތުރުކީގެ ކޮންމެ މަގަކުން ފެންނަން ހުންނަ "ޓެކެލް" ފިހާރަތަކަކީ އޭގެ ބްރޭންޑިންގް އާއި ކުލައިން ވަކިކުރަން އެންމެ ފަސޭހަ ތަންތަނެވެ. އެހެންކަމުން، ދައުލަތުގެ ދީނީ މުއައްސަސާއެއްގެ މުވައްޒަފަކު މިފަދަ ތަނެއްގައި ބައިވެރިވުމަކީ، ބައެއް މީހުން ސިފަކުރާ ގޮތުގައި، ދީނީ އަގުތަކަށް ވީ ފުރައްސާރައެކެވެ.
ދިޔާނަތު: ބާރުގަދަވަމުންދާ ދައުލަތު އިދާރާ
މި މައްސަލަ މިހާރު ދަނީ ތުރުކީގެ ދީނީ ކަންކަމާ ބެހޭ ޑިރެކްޓަރޭޓް ދިޔާނަތު އިން ބަލަމުންނެވެ. 'ދިޔާނަތު' އަކީ ހަމައެކަނި ފަތުވާ ނެރޭ މަޖިލީހެއް ނޫނެވެ. އެއީ ބިލިއަނުން ބަޖެޓު ލިބޭ، ތުރުކީގެ އެތައް މިނިސްޓްރީއަކަށްވުރެ ބޮޑު ނުފޫޒެއް އޮންނަ، ދައުލަތުގެ އެންމެ ބާރުގަދަ އެއް މުއައްސަސާއެވެ.
މި ހާދިސާއާ ގުޅިގެން ދިޔާނަތުން އެ އިމާމާ މެދު އިދާރީ ފިޔަވަޅު އެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ، ދައުލަތުގެ މުއައްސަސާތައް މާބޮޑަށް ސިޔާސީވެ، ކޮރަޕްޝަނާއި އިހުމާލުވުމުގެ ސަގާފަތް މުވައްޒަފުންގެ މެދުގައި އަށަގަނެފައިވާ ކަމަށެވެ.
ލާދީނީ ވިސްނުމާ ކުރިމަތިލުން
މި މައްސަލައިގެ އަސްލު ގުޅިފައިވަނީ ތުރުކީގެ ދުސްތޫރީ އޮނިގަނޑާއެވެ. މުސްތަފާ ކަމާލް އަތާތުރުކް ބިނާކުރެއްވި ލާދީނީ ގާނޫނުތަކުގެ ދަށުން، ބަނގުރަލާއި ދުންފަތުގެ ވިޔަފާރިއަކީ ތުރުކީގައި ގާނޫނީ ގޮތުން ހުއްދަ، އަދި ދައުލަތަށް ބޮޑު ޓެކްސް އެއް ލިބޭ ވިޔަފާރިތަކެކެވެ. ޙަޤީޤަތުގައި ޓެކެލް އަކީ ކުރިން ސަރުކާރުގެ ދަށުން ހިންގި ބަނގުރަލުގެ މޮނޮޕޮލީއެކެވެ. ފަހުން އެތަން ޕްރައިވެޓައިޒް ކުރި ނަމަވެސް، ނަމަކަށް އަދިވެސް ބޭނުންކުރަނީ އެ ނަމެވެ.
މި ހާދިސާއިން ދައްކުވައިދެނީ، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމެއްގައި، ސަރުކާރުގެ ލާދީނީ ގާނޫނުތަކާއި، ރައްޔިތުންގެ މެދުގައި އޮތް ދީނީ އަގުތަކާ ދެމެދު އޮތް ފުން ރޫޅުމެވެ. ސޯޝަލް މީޑިއާގައި މިކަމާ މެދު ބަހުސްކުރި އެކަކު ލިޔުނެވެ.
"އެއްކޮޅުން ދައުލަތުން ބަނގުރަލުން ޓެކްސް ނަގައިގެން އިމާމުންނަށް މުސާރަދެނީ. އަނެއްކޮޅުން އިމާމުން އެ ވިޔަފާރި ކުރާ ތަނަށް ގޮސް ދުއާކުރަނީ. މިއީ މުޅި ސިސްޓަމްގެ މުނާފިގުކަން."
ޗެރްކެޒްކޯއީގެ މި ކުޑަ ހާދިސާއަކީ މުޅި ތުރުކީގެ ސިޔާސީ މަސްރަހު ސިފަކޮށްދޭ މާޔޫސީ ލޯގަނޑެކެވެ. ދައުލަތުގެ ބާރާއި ދީން މަސްހުނިވުމުން، ހަރާމާއި ހަލާލް ވަކިކުރަން ނޭނގޭ ހިސާބަށް މުއައްސަސާތައް ބަލިކަށިވެފައިވާކަމުގެ ހެއްކެކެވެ.







