ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާނަށް ދެމުންދާ އިންޒާރުތަކަށްފަހު، އިންޑިއާގެ ނުރައްކާތެރި ލޯރެންސް ބިޝްނޯއީ ގޭންގުގެ ދެން އޮތް އަމާޒަކީ އާމިރު ޚާން ކަމަށް ބުނެ، ސޯޝަލް މީޑިއާގައާއި ވޮއިސް ނޯޓެއް މެދުވެރިކޮށް އޭނާއަށް މަރުގެ ބިރުވެރި އިންޒާރެއްދީފިއެވެ.
މި އިންޒާރު އާމިރު ޚާނަށް އައީ، އޭނާ ދާދިފަހުން ގޯރީ ސްޕްރެޓް ނަމަކަށް ކިޔާ އަންހެނަކާ ތިންވަނަ ކައިވެނި ކުރުމާ ގުޅިގެން، އިންޑިއާގެ ހަރުކަށި ބައެއް ފަރާތްތަކުން އޭނާގެ މައްޗަށް ލަވް ޖިހާދުގެ ތުހުމަތުތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިންޒާރުގެ ތަފްސީލު
ބިޝްނޯއީ ގޭންގުގެ ފަރާތުން އާރްޒޫ ބިޝްނޯއީ އާއި ޓައިސަން ބިޝްނޯއީ ނެރުނު ކަމަށް ބުނާ ބަޔާނެއްގައި، "ހަމަޖެހިގެން ނޭވާލިޔަ ނުދޭނެ" ކަމަށް ބުނެ އާމިރު ޚާނަށް ބިރުދައްކާފައިވެއެވެ. އެމީހުން ތުހުމަތުކުރާ ގޮތުގައި އާމިރު ޚާން ފަދަ ބޮޑެތި ސުޕަރސްޓާރުން ދަނީ ފިލްމީ ދުނިޔޭގެ ނިވާފަތްގަނޑުގައި ތިބެ، ހިންދީ އަންހެނުން އިސްލާމް ދީނަށް ވެއްދުމަށް ލޯބީގެ ގޮތުން ގުޅި ލޯބީގެ ޖިހާދެއް ކުރަމުންނެވެ. މިފަދަ ކަންކަން ކުރާ މީހުން ހުއްޓުވާނެ ކަމުގެ އިންޒާރު އެ ގޭންގުން ވަނީ ދީފައެވެ.
ފުލުހުންގެ ފިޔަވަޅުތައް
މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ދަނީ މި އޯޑިއޯ ކްލިޕްތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގެ ހަގީގަތް ބަލައި ތަހުގީގު ކުރަމުންނެވެ. އާމިރު ޚާން ނުވަތަ އޭނާގެ ޓީމުން ރަސްމީކޮށް ފުލުހުންނަށް މައްސަލައެއް ހުށަނޭޅި ނަމަވެސް، ފުލުހުން ވަނީ މައްސަލައިގެ ސީރިއަސްކަމަށް ބަލައި، އޭނާގެ ގެޔާއި އޮފީސް ހުންނަ ސަރަހައްދުގެ ސެކިއުރިޓީ މުރާޖައާކޮށް ވަރުގަދަކުރަން ފަށާފައެވެ.
އާމިރު ޚާންގެ ރައްދު
މި ކައިވެންޏާ ގުޅިގެން ހިންދީ ސިޔާސީ މީހުންނާއި ދީނީ ގޮތުން ފާޑުކިއުންތައް އަމާޒުވުމުން އާމިރު ޚާން ވަނީ މީޑިއާގައި ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އާއިލާއަކީ ހުރިހާ ދީނަކަށްވެސް އިހުތިރާމްކުރާ ބައެކެވެ. އަދި އޭނާ ކުރި ތިން ކައިވެންޏަކީވެސް ކޯޓު މެދުވެރިކޮށް ކުރި ސިވިލް ކައިވެނިތަކެއް ކަމުން، އޭނާގެ އެއްވެސް އަންބެއްގެ ދީން ބަދަލުކޮށްފައި ނުވާނެ ކަމަށާއި، އާ އަނބިމީހާ ގޯރީއަކީ ހިންދޫއެއްވެސް ނޫން ކަމަށާއި އޭނާއަކީ ކްރިސްޓިއަނެއް ކަމަށެވެ.






