ނަރެންދްރާއާއި މޮދީގެ މާރާމާރީއަށް ފަހު ޖަލުން ފިލި މޮދީ އުޅުނީ ފިލްމު ކުޅެން

މައްސަލަ އުފެދުނީ ނަރެންދްރާ އާއި މޯދީއާ ދެމެދު އުފެދުނު ދެބަސްވުމަކުންނެވެ. ދެމީހުންގެ ދެ ގްރޫޕުން ހިންގި މާރާމާރީގައި މޯދީ މީހަކު މަރާލިއެވެ. އެއަށްފަހު ޖަލަށް ލުމުން ޖަލުން ފިލައިގެން އަމީތާބްއާ ބޮޑެތި ތަރިންނާއެކު ފިލްމު ކުޅެން އުޅުނު އިރުވެސް މީހަކަށް ނޭނގުނެވެ. މިއީ މޯދީގެ ވާހަކައެވެ.

އަމީތާބް ބައްޗަން އާއި އާމިރު ޚާން ފަދަ ބޮލީވުޑްގެ ބޮޑެތި ތަރިންނާއެކު "ތަގްސް އޮފް ހިންދުސްތާން" (2018) ގެ ޝޫޓިން ސެޓުގައި ހޭލަމޭލަވަމުންދިޔަ އެކްޓަރުންގެ ތެރޭގައި، މެދުއުމުރުގެ މަޑުމައިތިރި ސިފައެއްގައި ހުރި މީހަކު އުޅުނެވެ. އޭނާ ފިލްމީ ދާއިރާއަށް ތައާރަފްވެގެން އުޅުނީ 'ޓްވިންކަލް ޑޭވް' ގެ ނަމުގައެވެ. ނަމަވެސް، ކެމެރާގެ ކުރިމަތީގައި އޭނާ ކުޅެމުންދިޔަ ކޮންމެ މަންޒަރަކީ، އޭނާގެ ހަގީގީ ހަޔާތް ފޮރުވުމަށްޓަކައި ކުޅެމުންދިޔަ ބޮޑު ޑްރާމާއެއްގެ ކުޑަ މަންޒަރެކެވެ.

މިދިޔަ ބުދަ ދުވަހު އަހުމަދުއާބާދުގެ ގީކާންތާ މެޓްރޯ ސްޓޭޝަން ކައިރިން، އިންޑިއާގެ ފުލުހުންގެ ކްރައިމް ބްރާންޗުން އޭނާ ހައްޔަރުކުރި އިރު، ދުނިޔެއަށް ހާމަވެގެންދިޔައީ ބޮލީވުޑްގެ ސްކްރިޕްޓްތަކަށްވުރެވެސް ހައިރާންކުރުވަނިވި ހަގީގަތެކެވެ.

އެއީ، ފިލްމީ ތަރި 'ޓްވިންކަލް ޑޭވް' އަކީ މީގެ 12 އަހަރު ކުރިން ޖަލުން ފިލައިގެން އުޅޭ، މީހަކު މެރުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ހޭމަންތު ނާގިންދާސް މޯދީ (53 އަހަރު) ކަމެވެ.

ސިޑިއަކާ ހެދި އުފެދުނު ދެވަސްވުން

މި މައްސަލައިގެ ފެށުމަކީ 2005 ވަނަ އަހަރުގެ ޖޫން 15 އެވެ. އަހުމަދުއާބާދުގެ އަވަށެއްގެ ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ގެއެއްގައި ސިޑިއެއް ބެހެއްޓި ގޮތަކާ މެދު، ދެ ގްރޫޕެއްގެ މެދުގައި ބޮޑު ދެބަސްވުމެއް ހިނގިއެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ހޭމަންތު މޯދީއާއި އޭނާގެ ބައިވެރިން ތޫނު ހަތިޔާރާއެކު ނިކުމެ، ނަރެންދުރާ ކަމްބްލޭ ކިޔާ މީހަކަށް ހަމަލާދީ މަރާލިއެވެ.

2008 ވަނަ އަހަރު ކޯޓުން ނިންމީ ހޭމަންތު މޯދީއަކީ ގަސްތުގައި މީހަކު މެރުމާއި، ހަމަނުޖެހުން ހިންގުމުގެ ކުށްވެރިއެއް ކަމަށެވެ. އަދި އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށް، މެހެސާނާ ޑިސްޓްރިކްޓް ޖަލަށް ބަދަލުކުރެވުނެވެ.

ޖަލުން ފިލުން: ޕެރޯލްގެ ނިޒާމަށް އޮޅުވާލުން

ޖަލުގައި 6 އަހަރު ހޭދަކުރުމަށްފަހު، 2014 ވަނަ އަހަރުގެ ޖުލައި 25 ގައި ހޭމަންތު މޯދީއަށް އާއިލީ ބޭނުމަކަށްޓަކައި 30 ދުވަހުގެ ޕެރޯލްއެއް ދެވުނެވެ. ނަމަވެސް، މުއްދަތު ހަމަވިއިރުވެސް އޭނާ ޖަލަކަށް އެނބުރިއެއް ނައެވެ. ގުޖަރާތުގެ ހައިކޯޓުން އޭނާއަކީ ފިލައިގެން އުޅޭ ކުށްވެރިއެއްގެ ގޮތުގައި ކަނޑައަޅައި، ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

ނިޒާމުގެ ބަލިކަށިކަން: މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާ ނުރައްކާތެރި ކުށްވެރިއަކު، ގާނޫނީ ނިޒާމުގެ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުންހިފާ، ފުލުހުންގެ ލޯމަތިން ގެއްލިގެން ދިޔައީ އެއްވެސް ހުރަހެއް ނެތް ގޮތުގައެވެ.

މުމްބާއީގެ ކުލަގަދަ ދުނިޔެ

ފުލުހުންނަށް ފިލުމަށްޓަކައި އޭނާ ފުރަތަމަ އުޅުނީ ގުޖަރާތުގެ އެކިއެކި އަވަށްތަކުގައެވެ. ނަމަވެސް 2017 ވަނަ އަހަރު އޭނާ ނިންމީ އެންމެ ރައްކާތެރި ގޮތަކީ ގިނަ ބައެއްގެ ތެރެއަށް ވަދެ ފިލައި ހުރުން ކަމަށެވެ. އޭނާ ދިޔައީ އިންޑިއާގެ ފިލްމީ މަރުކަޒު، މުމްބާއީ އަށެވެ. އަމިއްލަ ނަން 'ޓްވިންކަލް ޑޭވް' އަށް ބަދަލުކޮށް، ތުނބުޅި ދިގުކޮށް، ސިފަ ބަދަލުކޮށްލިއެވެ.

ހައިރާންވާންޖެހޭ ކަމަކީ، ފިލައިގެން އުޅޭ މީހަކު އާންމުކޮށް އުޅޭނީ ބިރުން، ބޮނދައިގެންނެވެ. ނަމަވެސް މޯދީ އިޚްތިޔާރުކުރީ މުޅިން ތަފާތު މަގެކެވެ. އޭނާ ވަނީ:

  • ބޮޑެތި ފިލްމުތަކުން ސަޕޯޓިން ރޯލުތައް ހޯދާފައެވެ.(އޭގެ ތެރޭގައި ރަންވީރު ސިންގްގެ ޖަޔޭޝްބައި ޖޯދާރް ވެސް ހިމެނެއެވެ.
  • އިންޑިއާގެ މަޝްހޫރު ޓީވީ ސީރީޒްތައް ކަމަށްވާ ވާގްލޭ ކީ ދުންޔާ އާއި މޭރޭ ސާއި އިން މޯދީ ފެނިގެން ގޮސްފައިވެއެވެ.
  • ގުޖަރާތުގެ ސްޓޭޖް ޑްރާމާތަކުގައި ގަވާއިދުން އޭނާ އެކްޓްކޮށްފައެވެ.

އޭނާގެ މޫނު ޓީވީ ސްކްރީންތަކުންނާއި ސިނަމާތަކުން އެތައް މިލިއަން ބެލުންތެރިންނަށް ފެންނަމުންދިޔައިރުވެސް، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އޭނާއަކީ ޖަލުން ފިލައިގެން އުޅޭ މީހެއް ކަން ދެނެގަންނާކަށް ނޭނގުނެވެ.

ކުށްވެރިޔާގެ 12 އަހަރުގެ މިނިވަންކަން ނިމުން

ހޭމަންތު މޯދީގެ މި ހުވަފެނީ ދިރިއުޅުން ނިމުމަކަށް އައީ، އޭނާ އަހުމަދުއާބާދުގެ ގީކާންތާ ސަރަހައްދަށް އެނބުރި އައިސް، އޭނާގެ ބައެއް ޒަމާންވީ ރައްޓެހިންނާ މުއާމަލާތްކުރަން ފެށި ހިސާބުންނެވެ. އިންޑިއާގެ ކްރައިމް ބްރާންޗަށް ލިބުނު ސިއްރު މަޢުލޫމާތަކާ ގުޅިގެން، ފުލުހުން ދިޔައީ އޭނާގެ ހަރަކާތްތަކަށް ފާރަލަމުންނެވެ.

މިދިޔަ ބުދަ ދުވަހުގެ މެންދުރުން އަނބުރާ 1:00 ޖެހިއިރު، މެޓްރޯ ސްޓޭޝަން ކައިރިން ފުލުހުން އޭނާ ހުއްޓުވިއެވެ. ފުރަތަމަ އޭނާ އަމިއްލަ ޝަޚުސިއްޔަތު ފޮރުވަން މަސައްކަތްކުރި އެވެ. ނަމަވެސް، ފުލުހުންގެ ހަރުކަށި ސުވާލުތަކުގެ ކުރިމަތީގައި، އޭނާއަކީ ބޮލީވުޑްގައި މަސައްކަތްކުރަމުންދިޔަ ކުށްވެރިޔާކަމަށް އެއްބަސްވިއެވެ.

މިހާރު ހޭމަންތު މޯދީ ވަނީ އަނބުރާ މެހެސާނާ ޖަލަށް ފޮނުވާ ލާފައެވެ. އޭނާގެ ހަޔާތުގެ މި ކުލަގަދަ "ޑްރާމާ" ނިމުނީ، އޭނާ ކުރި ކުށުގެ ބާކީ އޮތް އަދަބު ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ހޭދަކުރަން ޖެހުމުންނެވެ.

މި ހާދިސާއިން އިންޑިއާގެ ކުށްވެރިން ހޯދުމުގެ ނިޒާމުގެ ހުރި ބޮޑެތި މައސަލަތަކާއި، ކުށްވެރިންގެ އާބާދީ ބޮޑުވުމުގެ ސަބަބުން މީހުން މޮނިޓާ ނުކުރެވޭ މައްސަލަ ވަނީ ސަމާލުކަމަށް އައިސްފައެވެ.

ހިއްސާ ކުރައްވާ!