އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ޖިންދް އާއި ސޮނިޕަތު ގުޅުވައިދޭ ހައިޑްރޯޖަން ބޭނުންކޮށްގެން ދުއްވާ ފުރަތަމަ ރޭލު ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު އިފްތިތާހު ކޮށްދެއްވައިފިއެވެ. މިއީ އަދި ދުނިޔޭގެ މަދު ގައުމުތަކެއް ބޭނުން ކުރާ ޓެކްނޮލޮޖީއެކެވެ. މިއީ ތިމާވެށްތަށް ގެއްލުންދޭ ހަކަތައާ ޚިލާފަށް ސާފު ހަކަތައިގެ ޓެކްނޮލޮޖީ ބޭނުންކުރުމުގައި އިންޑިއާގެ ރޭލު ދަތުރުގައި އެޅި ފުރަތަމަ ފިޔަވަޅެވެ.
މި ފުރަތަމަ ހައިޑްރޯޖަން ފަސިންޖަރު ރޭލު، ޖިންދް އާއި ސޮނިޕަތާ ދެމެދު އޮންނަ 89 ކިލޯމީޓަރުގެ ރޭލު ދަތުރު ގަޑިއަކު 75 ކިލޯމީޓަރުގެ ދުވެލީގައި ގާތްގަނޑަކަށް ދެ ގަޑިއިރުން ނިންމާނެއެވެ. މި ދަތުރުގައި 14 ސްޓޭޝަނަކަށް ރޭލު ހުއްޓާނެއެވެ. ނޮދަން ރޭލްވޭއިން ވަރަށް އަވަހަށް މި ރޭލުގެ ވިޔަފާރި ދަތުރުތައް ރަސްމީކޮށް ފަށާނެ ތާރީޚެއް އިއުލާން ކުރާނެ ކަމަށް ބުނއެވެ.
ޖިންދްއިން މި ރޭލުގެ ދަތުރުތައް ފައްޓަވައިދެއްވުމަށްފަހު މޯދީ ވިދާޅުވީ، "މިއަދުވެސް އަޅުގަނޑުމެން ކިޔަނީ އިންޑިއާގެ ފުރަތަމަ ރޭލު ދުވީ 1853 ގައި ބޮމްބޭ އާއި ތާނޭއާ ދެމެދު ކަމަށެވެ. ހަމަ އެފަދައިން، މުސްތަގުބަލުގައި ހައިޑްރޯޖަން ރޭލުތަކުގެ ވާހަކަ ދެކެވޭ ކޮންމެ ހިސާބަކުން، ޖިންދް، ސޮނިޕަތު އަދި ހަރިޔާނާގެ ނަންތައް އަންނާނެއެވެ."
"ރޭލުގެ ތާރީޚަށް ބަލާއިރު، 19 ވަނަ ގަރުނަކީ ސްޓީމް އިންޖީނުގެ ޒަމާނެވެ. 20 ވަނަ ގަރުނު ފާހަގަވެގެންދިޔައީ ޑީސަލް އަދި އިލެކްޓްރިކް ރޭލުތަކުންނެވެ. އަދި މިހާރު، 21 ވަނަ ގަރުނަކީ ހައިޑްރޯޖަން ރޭލުތަކުގެ ގަރުނެވެ. މިއަދު އިންޑިއާ ރޭލްވޭސްއިން މިވަނީ މި 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީއާއެކު ކުރިއަށް ބޮޑު ފިޔަވަޅެއް އަޅާފައި،" މޯދީ ވިދާޅުވިއެވެ.
މި ރޭލު މައިގަނޑު ގޮތެއްގައި އުފައްދާފައިވަނީ ކުރިން ބޭނުންކުރި ޑީސަލް ޑީސަލްއިން ދުއްވި ރޭލުތަކުގެ ޑީސަލް އިންޖީނުތައް ނަގައި، އޭގެ ބަދަލުގައި ހައިޑްރޯޖަން އިލެކްޓްރިކް ޕްރޮޕަލްޝަން ސިސްޓަމެއް ހަރުކޮށްގެންނެވެ. މި ރޭލުން ދުވާލަކު ދެ ދެކޮޅު ދަތުރު ކުރާނެއެވެ. އެއީ ޖުމްލަ 356 ކިލޯމީޓަރުގެ ރާސްތާއެކެވެ. އަދި، އެ ދަތުރުތަކަށް ގާތްގަނޑަކަށް 300 ކިލޯގްރާމްގެ ހައިޑްރޯޖަން ބޭނުންވާނެއެވެ. ރޭލަށް ހަކަތަ އެޅުމަށްޓަކައި 3،000 ކިލޯގްރާމްގެ ހައިޑްރޯޖަން ރައްކާކުރެވޭ ޕްލާންޓެއް ޖިންދްގައި ވަނީ ގާއިމުކޮށްފައެވެ.
މޮދީ ވިދާޅުވީ ދުނިޔޭގައި ހައިޑްރޯޖަން ރޭލުތައް އުފެދުނުތާ އަދި މިވީ އެންމެ 7 ނުވަތަ 8 ވަރަކަށް އަހަރު ކަމަށާއި މިވަގުތު ދުނިޔޭގައި ހައިޑްރޯޖަން ރޭލު ދުއްވުމުގެ ގާބިލުކަން ލިބިފައިވަނީ އެންމެ ތިން ހަތަރު ގައުމަކަށް ކަމަށެވެ. އަދި އެ ގައުމުތަކުގައިވެސް ހައިޑްރޯޖަން ރޭލުތައް އަދި އޮތީ ފެށުމުގެ މަރުހަލާގައި ކަމަށް ވިދާޅުވިއެވެ.
3200 ހޯސްޕަވަރުގެ ބާރުމިނުގައި 10 ކޯޗުގެ ހިމެނޭ މި ރޭލުގައި އެއްފަހަރާ އެންމެ ގިނަވެގެން 2,600 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ. ރޭލުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން، ހައިޑްރޯޖަން ގޭސް ލީކުވާކަން ދެނެގަންނަ 15 ޑިޓެކްޓަރާއި، ހޫނު ދެނެގަންނަ 7 ޑިޓެކްޓަރުގެ އިތުރުން އަލިފާން ދެނެގަންނަ 3 ޑިޓެކްޓަރު ހަރުކޮށްފައިވެއެވެ.
އިންޑިއާގެ ރޭލު ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ކުރުމަށް މިފަހުް ވަނީ ދެ ޕްރޮޖެކްޓެއް ފަށާފައެވެ. މިގޮތުން ތައާރަފް ކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ދެ ޕްރޮޖެކްޓަކީ، ދިގު ރާސްތާ ދަތުރުތަކަށް ޚާއްސަ 'ވަންދޭ ބާރަތް އެކްސްޕްރެސް' އާއި، ތިމާވެއްޓާ ރައްޓެހި 'ހައިޑްރޯޖަން ޓްރެއިން' އެވެ. މި ދެ ރޭލުގެ މައިގަނޑު 7 ތަފާތު ކަމެއް ވެއެވެ.
1. ހަކަތަ އުފައްދާ ގޮތް
- ވަންދޭ ބާރަތް: މިއީ ކަރަންޓުން ދުވާ ރޭލެކެވެ. މަތިން ދަމާފައިވާ ކަރަންޓު ކޭބަލްތަކުން ކަރަންޓު ނަގައިގެން ދަތުރުކުރާ ރޭލެކެވެ.
- ހައިޑްރޯޖަން ޓްރެއިން: މިއީ ހައިޑްރޯޖަން ފިއުލް ސެލް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދުއްވާ ރޭލެކެވެ. މި ރޭލުގައި ހަކަތަ އުފައްްދާނީ އަމިއްލައަށެވެ.
2. ތިމާވެއްޓަށް ލިބޭ އަސަރު
- ހައިޑްރޯޖަން ޓްރެއިން: މި ރޭލުގެ ހަކަތަ ބިނާވެފައި ވަނީ މުޅިންވެސް 'ގްރީން' ޓެކްނޮލޮޖީއެކެވެ. މި ރޭލުން ބޭރުކުރަނީ ހަމައެކަނި ފެނުން އުފައްދާ އާވި އެވެ. ވައި ތަޣައްޔަރުވުން އެއްވެސް ވަރަކަށް ނުހިނގައެވެ.
- ވަންދޭ ބާރަތް: މިއީ ވެސް ތިމާވެއްޓާ ރައްޓެހި ވައްތަރެްގެ ޓްރެއިނެވެ. ނަމަވެސް، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ވަސީލަތްތަށް ބަލައިގެން، ކޮންމެވެސް ވަރެއްގެ ތަޣައްޔަރުކަމެއް އައިސްދާނެއެވެ.
3. ދުވެލި
- ވަންދޭ ބާރަތް: މިއީ ސެމީ ހައި ސްޕީޑް ރޭލެކެވެ. މި ރޭލަށް ވަރަށް ބާރަށް ދަތުރުކުރެވޭނެތީ، ދުރު ރާސްތާތަކަށް ވަރަށް އެކަށޭނެއެވެ.
- ހައިޑްރޯޖަން ޓްރެއިން: މި ރޭލުގެ މަގްސަދަކީ ބާރު ދުވެލީގައި ދަތުރުކުރުމެއް ނޫނެވެ. މިއީ ހެރިޓޭޖް ރޫޓުތަކަށާއި، ކުރު ރާސްތާތަކަށް ޚާއްސަކޮށްފައިވާ ރޭލެކެވެ.
4. ބޭނުންކުރާނެ ރޫޓުތައް
- ވަންދޭ ބާރަތް: މި ރޭލުން އިންޑިއާގެ ބޮޑެތި ސިޓީތައް ގުޅުވައިދޭނެވެ.
- ހައިޑްރޯޖަން ޓްރެއިން: މިއީ ކަރަންޓު ނުލިބޭ ރޫޓުތަކަށް އެންމެ އެކަށޭނެ ރޭލެވެ. ޚާއްސަކޮށް ތާރީޚީ ސަރަހައްދުތަކާއި، ފަތުރުވެރިން ގިނަ ސަރަހައްދުތަކަށް މިއީ މުނާސިބު ރޭލެކެވެ.
5. ޚަރަދު
- ހައިޑްރޯޖަން ޓްރެއިން: މި ޓެކްނޮލޮޖީއަކީ އަދި އާ އެއްޗަކަށް ވާތީ، މި ރޭލު އުފެއްދުމާއި އޮޕަރޭޓް ކުރުމުގެ ޚަރަދު ވަންދޭ ބާރަތަށްވުރެ ބޮޑުވާނެއެވެ.
- ވަންދޭ ބާރަތް: މި ރޭލުތައް އިންޑިއާގައި މިހާރު ގިނައިން ބޭނުންކުރާތީ، މިއީ އަގުހެޔޮ އަދި ހަރުދަނާ ނިޒާމެކެވެ.
6. އުމްރާނީ ތަރައްގީ
- ވަންދޭ ބާރަތް: މި ރޭލުތަކަށް މުޅި ރޫޓުގައި ކަރަންޓު ލައިނުތައް އަޅަން ޖެހެއެވެ.
- ހައިޑްރޯޖަން ޓްރެއިން: މި ރޭލުތަކަށް ބޭނުންވަނީ ހައިޑްރޯޖަން ފިއުލިން ސްޓޭޝަންތަކެވެ. އެހެންކަމުން ރޭލު ދުވާ މަގުގައި ކަރަންޓު ލައިނު އެޅުމުގެ ބުރަ އުފުލާކަށް ނުޖެހެއެވެ.
7. މުސްތަގުބަލު
ވަންދޭ ބާރަތުން ދަތުރުކުރުމުގެ އަވަސްކަމާއި ފަސޭހަކަން ލިބޭއިރު، ހައިޑްރޯޖަން ޓްރެއިންތަކުން ލިބެނީ ތިމާވެށި ހިމާޔަތްކުރުމުގެ ފުރުސަތެވެ.






