ރަޝިއާގެ ތެޔޮ ގަންނާތީ އިންޑިއާގެ މުދަލަށް %100 އާ ހަމައަށް ޓެރިފް ނަގަނީ

ރަޝިއާގެ ތެޔޮ ގަންނާތީ އިންޑިއާ އާއި އެހެން ހަތަރު ގައުމަކުން އެމެރިކާއަށް އެތެރެކުރާ ތަކެތިން %100 އާ ހަމައަށް ޓެރިފް ނެގުމަށް ހުށަހަޅާފައިވާ އާ ބިލަށް އެމެރިކާގެ 60 ސެނެޓަރުން ތާއީދުކޮށްފިއެވެ. "ސެންކްޝަނިންގް ރަޝިއާ އެކްޓް އޮފް 2026″ ގެ ނަމުން ނަންދީފައިވާ މި ގާނޫނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު އޮތްއިރު، ސެނެޓުގައި މި ބިލަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އޮގަސްޓް މަހުގެ ކުރިން މި ބިލު ފާސްވުން އެކަށީގެންވެއެވެ.

ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހުށަހެޅި ގާނޫނުގެ ދަށުން ރަޝިއާގެ ތެލާއި ގޭސް އެންމެ ގިނައިން ގަންނަ ފަސް ގައުމުން އެތެރެކުރާ ތަކެތިން %100 އާ ހަމައަށް ޓެރިފް ނެގުމުގެ ބާރު ޓްރަމްޕްގެ ސަރުކާރަށް ލިބޭނެއެވެ.

ސެނެޓުގެ ރިޕަބްލިކަން އަޣުލަބިއްޔަތުގެ ލީޑަރު ސެނެޓަރު ޖޯން ތޫން އަކީ މި ބިލަށް ތާއީދުކުރާ މުހިންމު އެއް މެންބަރެވެ. މިއީ ސެނެޓުގެ މަތީ މަޖިލީހުން މި ބިލު ފާސްވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެކެވެ.

މި ހުށަހެޅޭ ޓެރިފްތައް އަމާޒުކުރާނީ ރަޝިއާގެ ތެޔޮ ގަންނަ ޗައިނާ، އިންޑިއާ، ސްލޮވާކިއާ، ހަންގޭރީ އަދި އަޒަރުބައިޖާނަށް ކަން އެމެރިކާގެ ސެނެޓަރުން މި ހަފުތާގެ ކުރީކޮޅު ވަނީ ސާފުކޮށްދީފައެވެ.

މީގެ އިތުރުން، ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް އެހީތެރިވާ ކަމަށް ބެލެވޭ ފަސް ގައުމަކަށް ޓެރިފް ކަނޑައެޅުމުގެ ބާރުވެސް މި ގާނޫނުން ލިބިދެއެވެ. މިގޮތުން ނެގޭނެ ސީދާ ޓެރިފްގެ ރޭޓް ކަނޑައަޅާނީ އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓެޓިވް އެވެ.

އެމެރިކާއާއި ވިލާތު ގައުމުތަކަށް އިސްތިސްނާ ދިނުން

ރަޝިއާގެ ގޭސް އެތެރެކުރަމުންދާ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް މި ބިލުން އިސްތިސްނާ ލިބިގެންވެއެވެ. މި ފިޔަވަޅަށް ތާއީދުކުރާ ސެނެޓަރުން ނެރުނު ޚުލާސާއެއްގައިވާ ގޮތުން: "ރަޝިއާއިން އެތެރެކުރާ ގޭހުގެ މިންވަރު ރަޝިއާގެ މުޅި ގޭސް އެކްސްޕޯޓުގެ %15 އަށްވުރެ ދަށް އަދި އެ ގޭސް އެތެރެކުރުން މަދުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ގައުމުތައް މި ބިލުން އިސްތިސްނާވެއެވެ. މި ބިލުގައިވާ ގޮތުން، އެންމެ ގިނައިން ގޭސް ގަންނަ ފަސް ގައުމު ކޮންމެ 180 ދުވަހަކުން އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓެޓިވް އަލުން މުރާޖައާކުރަން ޖެހޭނެއެވެ. އަދި އެ ގައުމުތަކުން ތަކެތި ގަންނަ މިންވަރަށް އަންނަ ބަދަލުތަކަށް ބަލައި ޓެރިފް ރޭޓްތަކަށް ބަދަލު ގެނެވިދާނެއެވެ."

މީގެ އިތުރުން، އެމެރިކާގެ ނިއުކްލިއާ ރިއެކްޓަރުތަކުގައި ބޭނުންކުރުމަށް ރަޝިއާއިން އެތެރެކުރާ 'ލޯ-އެންރިޗްޑް ޔުރޭނިއަމް' ގަތުންވެސް މި ގާނޫނުން އިސްތިސްނާވެއެވެ.

ޖޫން މަހު އިންޑިއާއިން ރަޝިއާގެ ސާފުނުކުރާ ތެޔޮ އެތެރެކުރި މިންވަރު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު %34 އިތުރުވެ، ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ.

’ސެންޓަރ ފޯ ރިސާޗް އޮން އެނަޖީ އެންޑް ކްލީން އެއާ' އިން ބުނާ ގޮތުގައި، އެ މަހު އިންޑިއާއިން ގަތް ރަޝިއާގެ ތެލުގެ އަގު 4.5 ބިލިއަން ޔޫރޯއަށް އަރައެވެ. މިއީ ރަޝިއާގެ މުޅި އެކްސްޕޯޓުގެ ގާތްގަނޑަކަށް %36 އެވެ. މިއާއެކު އިންޑިއާ ވެގެންގޮސްފައިވަނީ ޗައިނާއަށްފަހު ރަޝިއާގެ ތެޔޮ އެންމެ ގިނައިން ގަންނަ ދެވަނަ ގައުމަށެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިނުވެ، އިންޑިއާ ހިމެނޭ ގޮތަށް އެހެން ގައުމުތަކަށް ރަޝިއާގެ ހަކަތަ ގަތުމަށް ވޮޝިންގްޓަނުން ދީފައިވާ އާންމު ހުއްދަގެ މުއްދަތު މިދިޔަ ޖޫން މަހު ވަނީ ހަމަވެފައެވެ.

މި ފަހަރުގެ ބިލަކީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެމެރިކާގެ ސެނެޓަށް ހުށަހެޅި "2025 ގެ ސެންކްޝަނިންގް ރަޝިއާ އެކްޓް" އިސްލާހުކޮށްފައިވާ އާ ވައްތަރެކެވެ.

މީގެ ކުރިން ހުށަހެޅި ބިލުގައި އިންޑިއާއާއެކު ރަޝިއާގެ ހަކަތަ ގަންނަ ގައުމުތަކުން އެތެރެކުރާ ތަކެތިން %500 އާ ހަމައަށް ޓެރިފް ނެގުމަށް ހުށަހަޅާފައި އޮތެވެ.

އަލަށް އިސްލާހުކުރި ގާނޫނުގެ ދަށުން، އެންމެ ގިނައިން ނެގޭނެ ޓެރިފްގެ މިންވަރު %100 އަށް ދަށްކޮށް، ގިނަ ގައުމުތަކަކަށް އަމާޒުކުރުމުގެ ބަދަލުގައި ހަމައެކަނި ރަޝިއާގެ ތެލާއި ގޭސް އެންމެ ގިނައިން ގަންނަ ފަސް ގައުމަށް ބިލުގެ ދާއިރާ ވަނީ ހަނިކޮށްފައެވެ.

ޓްރަމްޕަށް ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްތިސްނާ ދިނުމުގެ ބާރު ލިބިގެންވޭ

މި ހުށަހެޅި ގާނޫނުގައިވާ ގޮތުން، އެމެރިކާގެ ރައީސަށް ވަކި ގައުމަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޑިއުޓީތައް ވަގުތީގޮތުން ހުއްޓާލުމުގެ ބާރު ލިބިގެންވެއެވެ. ނަމަވެސް އެގޮތަށް ހަދަންވާނީ ރައީސް ކޮންގްރެސްއަށް ސަބަބު ބަޔާންކޮށް ހުށަހެޅުމަށްފަހު، އެއީ ގައުމީ މަސްލަހަތު ހިމެނޭ ކަމެއްކަން ކަށަވަރުކޮށްދިނުމަށްފަހުގައެވެ.

ހިއްސާ ކުރައްވާ!