ޔަމަނާއި ޔަމަނުގެ އަންހެނުންވެސް ވަރަށް ބަރަކާތްތެރި

ޔަމަނުގެ ދެކުނު ހުޅަނގުގެ ތާއިޒް ޕްރޮވިންސުން ވަރަށް ނާދިރު ހާދިސާއެއް ފެނިއްޖެއެވެ. ޔަމަނުގެ އަންހެނަކު މިއަދު ފަސް ކުދިން ވިހައިފިއެވެ.

ޔަމަން މީޑިއާއާއި އެ އަންހެންމީހާގެ އާއިލާގެ މީހުން ބުނާ ގޮތުގައި، ޔަމަނުގެ އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ ތާއިޒްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން ވިހެއީ ތިން ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ.

ތާއިޒްގެ ޖަބަލް ހަބްޝީ ޑިސްޓްރިކްޓްގެ ހެލްތު އޮފީހުގެ ޑިރެކްޓަރު ޑރ. އަހްމަދު އަބްދުﷲ ސައީދު ވިދާޅުވީ، "ޖަބަލް ހަބްޝީގެ އަލްރަސާހް ސަރަހައްދަށް ނިސްބަތްވާ މައިމީހާގެ ހާލު ސިޒޭރިއަން ހެދުމަށްފަހު ރަނގަޅު،" ކަމަށެވެ. އަދި ތިން ކުދިންގެ ހާލުވެސް ރަނގަޅު ކަމަށާއި، އަނެއް ދެ ކުދިން މިހާރު ތިބީ ހޮސްޕިޓަލުގެ އިންކިއުބޭޓަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއަކީ ތާއިޒްގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބުނު ކަމަކަށްވެފައި، އެ އާއިލާއަށާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ބޮޑު އުފާވެރިކަމެއް ގެނެސްދީފައެވެ.

އދ. ގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޔަމަނަކީ ސަރަހައްދީ ފެންވަރުގައި އަދި އަދި ދުނިޔޭގެ ފެންވަރުގައި ވެސް ވިހާ މިންވަރު އެންމެ މަތީ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން، ޔަމަނުގެ ކޮންމެ އަންހެނަކަށް ލިބޭ ދަރިންގެ ނިސްބަތް ހުރީ ގާތްގަނޑަކަށް 4.59 ގައެވެ.

ހިއްސާ ކުރައްވާ!