ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، މިހާރު ދިރިއުޅުމުގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ "ޖެނެރޭޝަން ޒީ" އަކީ، ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި އިންސާނީ ތާރީޚު ދުށް އެންމެ މުއްސަނދި ޖީލެވެ.
ވަޒީފާއާއި ބޯހިޔާވަހިކަމުގެ ގޮންޖެހުންތައް ބޮޑުވި ނަމަވެސް، މި ޒުވާން ޖީލު މިހާރު ތިބީ އިގުތިސާދީ ބޮޑު ބަދަލެއްގެ ފުރަތަމަ މަރުހަލާގައެވެ. ފްރާންސްގެ ޓެކްނޮލޮޖީ ވެބްސައިޓެއް ބުނާ ގޮތުގައި، މާނައެއް ނެތް ވަޒީފާތައް ދޫކޮށްލުމާއި، ގެދޮރު ހޯދުމުގެ ދަތިކަމުގެ ސަބަބުން މި ޒުވާނުން ތިބީ ހަގީގީ މާލީ ދަތިކަމެއްގެ ތެރޭގައެވެ.
ނަމަވެސް، ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުން ކުރި ދިރާސާތަކުން ދައްކަނީ މުޅިން ތަފާތު މަންޒަރެކެވެ. މި ޒުވާނުންނަކީ ތާރީޚުގައި އުފެދުނު އެންމެ މުއްސަނދި ޖީލަށް ވުމުގެ މަގުމަތީގައި ތިބި ބައެކެވެ.
މާލީ ކުރިއެރުމުގެ ހިސާބުތައް
- ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް، އެންމެ ކުޑަ އުޖޫރައިގެ 146% ބޭނުންވާ ހާލަތެއްގައި އޮތް ނަމަވެސް، މި ޖީލުން ވަނީ އެންމެ ދެ އަހަރުގެ ތެރޭގައި 9 ޓްރިލިއަން ޑޮލަރުގެ މުއްސަނދިކަން ހޯދާފައެވެ.
- 2030 ވަނަ އަހަރު އަންނަންވާއިރަށް މި މުއްސަނދިކަން 36 ޓްރިލިއަން ޑޮލަރަށް، އަދި 2040 ވަނަ އަހަރު 47 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
އިގުތިސާދީ ބަދަލު ގެންނަ މައިގަނޑު ސަބަބުތައް
- ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 30% ހިއްސާކުރާނީ މި ޖީލުންނެވެ. މިއީ ތާރީޚުގައި ފެންނާނެ އެއް ޖީލުގެ އެންމެ ބޮޑު އާބާދީއެވެ.
- މިއީ ދުވަސްވީ ޖީލުތަކުން ޒުވާނުންނަށް މުދަލާއި ފައިސާ ވާރުތަވުމުގެ ބޮޑު ޕްރޮސެސްއެވެ. 2045 ވަނަ އަހަރު އަންނަންވާއިރަށް ގާތްގަނޑަކަށް 48 ޓްރިލިއަން ޑޮލަރު މިގޮތަށް ޖެން ޒީއަށް ވާރުތަވާނެ ކަމަށް ބެލެވެއެވެ.
- ގެދޮރު ގަތުމުގެ ދަތިކަމާހުރެ، މި ޖީލުން އިސްކަންދެނީ ރައްކާކުރުމަށްވުރެ ބޮޑަށް، ދަތުރުކުރުމާއި، އޮންލައިންކޮށް ވިޔަފާރިކުރުމާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ޚަރަދުކުރުމަށެވެ.
މި ޒުވާން ޖީލަކީ މާކެޓްގެ ގަވާއިދުތައް ބަދަލުކޮށް، ދުނިޔޭގެ އިގުތިސާދީ ނިޒާމު އަލުން ބައްޓަންކުރުމުގެ ގާބިލުކަން އެންމެ ބޮޑަށް ލިބިފައިވާ ޖީލެވެ. މި ޒުވާނުންގެ މުއްސަނދިކަން އިތުރުވަމުންދާ ވަރަކަށް، ދުނިޔޭގެ މާކެޓްތަކުގައި އެމީހުންގެ ނުފޫޒު ދާނީ އިތުރުވަމުންނެވެ.







