ނަތަންޔާހޫ ހައްޔަރު ކުރަން މަމްދާނީ މަސައްކަތް ފަށައިފި

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫ ނިއުޔޯކަށް އަންނަ އިރު އޭނާ ހައްޔަރު ކުރުމުގެ ފުރުސަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ނިއުޔޯކުގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.

ނިއުޔޯކް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި މަމްދާނީ ވިދާޅުވީ، "އަޅުގަނޑު ދެކޭގޮތުގައި ބޮޑުވަޒީރު ނަތަންޔާހޫ އޮބި އަޅާފައި ބާއްވަންވީ ހޭގްގެ ޖަލުގައެވެ. އޭނާއަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު އައިސީސީން ތުހުމަތުކޮށްފައިވާ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މީހެކެވެ."

އިސްރާއީލަކީ "އެޕާތައިޑް ނިޒާމެއް" ކަމަށް ސިފަކުރައްވާ މަމްދާނީ އިތުރަށް ވިދާޅުވީ، "މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އޭނާ ހިންގާފައިވާ ޖަރީމާތަކުގެ ސަބަބުން ގިނަ ބަޔަކު ގަބޫލުކުރާ ޚިޔާލެއް" ކަމަށެވެ.

ނަމަވެސް، ބޭރުން އަރާ މަސްއޫލުވެރިއަކު ހައްޔަރުކުރުމަށް ނިއުޔޯކްގެ ފުލުހުންނަށް އަމުރުކުރުމުގެ ބާރު މަމްދާނީއަށް ލިބިގެންވޭތޯ ޔަގީން ނުވާ ކަމަށް މަމްދާނީ އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މިކަމާ ގުޅޭގޮތުން ސިޓީގެ ގާނޫނީ ޓީމާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މަމްދާނީ ވިދާޅުވީ، "ނިއުޔޯކް ސިޓީގައި ގާނޫނުން އަޅުގަނޑަށް ކުރެވެން އޮތް ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން،" ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާތައް ސެޕްޓެމްބަރު މަހު ބާއްވާނީ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހޯދަމުން އަންނަ ނަތަންޔާހޫ ހައްޔަރުކުރުމަށް ނިއުޔޯކް ފުލުހުން ފޮނުވާނެ ކަމަށް މީގެ ކުރިން ވެސް މަމްދާނީ ވައުދުވެވަޑައިގެންފައި ވެއެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ޣައްޒާގައި ފެށި ފަލަސްޠީނުގެ ޖެނޮސައިޑް ހަމަލާތަކާ ގުޅިގެން، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ނަތަންޔާހޫ ޒިންމާވާންޖެހޭ ކަމުގެ ޝައްކެއް ނެތް މިންވަރަށް ހެކިތައް ހުރިކަމަށް، ހޭގްގައި ގާއިމުވެފައިވާ އައިސީސީން 2024 ވަނަ އަހަރު އިއުލާންކުރިއެވެ.

ޔަހޫދީ ރެޖީމުގެ މަސަްއޫލުވެރިންނާއި ސަޕޯޓަރުން ވަނީ މަމްދާނީ މަޝްހޫރުވާން ދައްކަވާ ވާހަކަތަކެއް ކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!