ހަނގުރާމައަށް ވަންނަން އިސްރާއީލުން ތައްޔާރު ވަނީ

އަންނަ ހަފުތާގެ ތެރޭގައި އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް އިތުރަށް ފުޅާވެގެން ހިނގައިދާނެތީ ތެލް އަވީވުން ހަނގުރާމައިގައި ބައިވެރިވެ އީރާނަށް ހަމަލަ ދޭން ތައްޔާރުވަމުންދާ ކަމަށް އިސްރާއީލުގެ މީޑިއާ ހާމަކޮށްފިއެވެ.

މީގެ ތެރޭގައި ވޮޝިންގޓަނުން ހަމަލާދޭނެ ލިސްޓު އިތުރުކޮށް، އީރާނުގެ މަދަނީ އުމްރާނީ ވަސީލަތްތައް ވެސް އޭގެ ތެރޭގައި ހިމަނާފާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ޔަހޫދީ މީޑއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ދެއްވި ބަޔާންތަކާ ގުޅިގެން އިސްރާއީލުން ވަނީ ތައްޔާރީ ހާލަތުގެ ފެންވަރު މަތިކޮށްފައެވެ.

ޓްރަމްޕް "ފޮކްސް ނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އަންނަ ހަފުތާގައިވެސް އެމެރިކާއިން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި "އެމީހުން މަޝްވަރާގެ މޭޒަށް ނައިސްފިނަމަ، އަހަރެމެން އެމީހުންގެ ހުރިހާއިންޖީނުގެތަކެއް  ހަލާކުކޮށްލާނަން، އަދި އެމީހުންގެ ހުރިހާ ފާލަންތަކެއްވެސް ފުނޑުފުނޑުކޮށްލާނަން،" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ބުނި ގޮތުގައި، ޓްރަމްޕްގެ އިންޒާރުތަކާ އެއްގޮތަށް، ކުރިއަށް އޮތް މަރުހަލާގައި ވޮޝިންގޓަނުން އީރާނުގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާދިނުމުގެ ބަދަލުގައި، މަދަނީ މަރުކަޒުތަކަށް ހަމަލާދޭން ފަށާފާނެ ކަމަށް އިސްރާއީލުން ގަބޫލުކުރެއެވެ.

ހިއްސާ ކުރައްވާ!