އީރާނުގެ އާ ލީޑަރު، އާޔަތުﷲ ސައްޔިދު މުޖްތަބާ ޚާމަނާއީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއިން އީރާނާ އެކު ވެފައިވާ ފަހުމުނާމާ އެއްބަސްވުމަކާ ޚިލާފުވުމަކީ، އެމެރިކާގެ ރައީސްގެ ސޮއިއަކީ "އެއްވެސް އަގެއްނެތް، އިތުބާރު ނުކުރެވޭ" އެއްޗެއްކަން އަނެއްކާވެސް ސާބިތުކޮށްދިން ކަމެއް ކަމަށެވެ. އަދި ގައުމީ އެއްބައިވަންތަކަން ހިފެހެއްޓުމަށާއި، ދައުލަތުގެ އިދާރާތަކަށް އިތުބާރު ކުރުމަށް އީރާނުގެ ރައްޔިތުންނަށް އޭނާ ގޮވާލެއްވިއެވެ.
"އީރާނުގެ ޝަހީދުގެ ޖަނާޒާގެ ހަފުލާތައް ނިމުމާ ގުޅިގެން ނެރުއްވި މި މެސެޖުގައި، ލީޑަރު ވަނީ ތެހެރާން، ގުމް، މަޝްހަދު އަދި އެހެނިހެން ސިޓީތަކުގައި ރައްޔިތުން ބޭއްވި ބޮޑެތި އެއްވުންތަކަށް ތައުރީފު ކުރައްވާފައެވެ. އެއީ އީރާނުގެ ރައްޔިތުންގެ ވަފާތެރިކަމާއި، ސިޔާސީ ހޭލުންތެރިކަމާއި، އަދި އިސްލާމީ-އީރާނީ އައިޑެންޓިޓީއަށް ހުރި ލޯތްބާއި ކޮމިޓްމަންޓް ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ އާއި އިސްރާއީލު ގުޅިގެން ފެބްރުއަރީ 28 ގައި އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އޮފީހަށާއި ގެކޮޅަށް ދިން ވައިގެ ޓެރަރިސްޓް ހަމަލާތަކެއްގައި އޭނާ ޝަހީދުވުމާ ގުޅިގެން، ހަފުތާއެއްހާ ދުވަސް ވަންދެން ކުރިއަށް ދިޔަ ޖަނާޒާގެ ހަރަކާތްތަކުގައި މިލިއަނުން ރައްޔިތުން ބައިވެރިވިއެވެ.
އާޔަތުﷲ މުޖުތަބާ ޚާމަނާއީ، ވޮޝިންގްޓަނާ އޮތް ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެމެރިކާގެ ރައީސާއި އީރާނުގެ ރައީސް ސޮއިކުރެއްވި އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމަކީ، އެމެރިކާގެ ލީޑަރުންގެ ވައުދުތަކަށް އިތުބާރު ނުކުރެވޭނެކަން އަނެއްކާވެސް ސާބިތުވި ކަމެއް ކަމަށް ވިދާޅުވިއެވެ.މުޖުތަބާ ވަނީ ވޮޝިންގްޓަނުން ހިންގަނީ ބާރުދެއްކުން އަދި އަމިއްލަ އަމިއްލައަށް އެކަނި ނިންމުމާއި އުދުވާނީ އަމަލުތަކުން ކުރި ހޯދުމަށް ކަމަށް ވިދާޅުވިއެވެ.
އެމެރިކާއިން އިތުރު އުދުވާނީ ހަމަލަތައް ދޭން މަސައްކަތް ކޮށްފިނަމަ، އީރާނާއި ރެސިސްޓެންސް ފްރޮންޓުން "ހަނދާނުން ފިލައިގެން ނުދާފަދަ ފިލާވަޅުތަކެއް" ދޭނެ ކަމަށް އާޔަތުﷲ ޚާމަނާއީ އިންޒާރު ދެއްވިއެވެ.
އީރާންގެ ގައުމީ އެއްބައިވަންތަކަން ހިފެހެއްޓުމަކީ ގައުމުގެ ރައްޔިތުން އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި އެއްބައިވަންތަކަން ދަމަހައްޓަން ރައްޔިތުންނާއި މަސްއޫލުވެރިންނަށް އޭނާ ގޮވާލެއްވިއެވެ. އަދި ސިޔާސީ ގޮތުން ބައިބައި ވެގެން ނުދިއުމަށާއި، މަސްއޫލުވެރިންނަށް ފާޑުކިޔުމަކީ ހުއްދަ ކަމެއް ކަމުގައިވި ނަމަވެސް، އެކަމުގެ ސަބަބުން ގައުމީ އެއްބައިވަންތަކަމަށް ބުރޫއަރާ ގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާޔަތުﷲ މުޖްތަބާ ޚާމަނާއީ ވާހަކަފުޅު ނިންމަވާލެއްވީ، އީރާނުގެ ތަންފީޒީ، ގާނޫނު ހަދާ، އަދި ޝަރުއީ ބާރުތަކަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ. އަދި އީރާނުގެ ދުޝްމަނުންނަށް އީރާނުގެ ރައްޔިތުންގެ ފަރާތުން އެއްވެސް ބަލިކަށިކަމެއް ފެނިގެން ނުވާނެ ކަމަށް ވިދާޅުވަމުންނެވެ.






