ބޮން އަޅާފާނެ ކަމަށް ބިރުން މަޝްވަރާ މޭޒެއްގެ ދޮށުގައި އިނިންތޯ؟: އަރަގްޗީ

އެމެރިކާއިން އީރާނަށް ދެމުންދާ ސޮލީބީ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާ އެކު ބޭއްވި މަޝްވަރާތަކުގައި އީރާނުން ސާބިތުކަމާއެކު ދެއްކެވި ވާހަކަފުޅުތަކުގެ ތަފްސީލް ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ހާމަކުރައްވައިފިއެވެ.

އަރާގްޗީ ވިދާޅުވީ، "މުޅި ބައްދަލުވުމަށް ކޮންމެ ހިނދެއްގައިވެސް ބޮން އަޅާފާނެ" ކަމުގެ ނުރައްކަލުގެ ތެރޭގައި ހުރެ ދުވަހަކުވެސް މަޝްވަރާ ކުރަން އިށީނދެ އިނިން ތޯ އެމެރިކާގެ ޑިޕްލޮމެޓާ ސުވާލުކުރެއްވި ކަމަށެވެ.

އެ ޑިޕްލޮމެޓަކީ ނިއުޔޯކުގެ ކޮންޓްރެކްޓަރ އަދި ޓްރަމްޕްގެ ޗީފް ނެގޯޝިއޭޓަރު ސްޓީފް ވިޓްކޯފް އެވެ.

އީރާނުގެ ދައުލަތާ ގުޅުން އޮންނަ "މެހެރް" ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އަރާގްޗީ ވިދާޅުވީ، މަޝްވަރާތައް ކުރިއަށްދިޔައީ އިންތިހާއަށް ނުރައްކާތެރި މާހައުލެއްގައި ކަމަށާއި، އީރާނުގެ އޮފިޝަލުން ވާހަކަދެއްކެވީ އަސްކަރީ ހަމަލާއެއް އަތުވެދާނެ ކަމުގެ ދާއިމީ ބިރުވެރިކަމެއްގެ ތެރޭގައި ތިއްބަވައިގެން ކަމަށެވެ.

"މުޅި ބައްދަލުވުމަށް ކޮންމެ ހިނދެއްގައިވެސް ބޮން އަޅާފާނެ ކަމަށް ހީވާ ފަދަ ބައްދަލުވުމެއްގައި ތިބާ ދުވަހަކުވެސް އިށީނީންތޯ؟ ފޯނުން ވާހަކަދައްކަން ހުއްޓާ، ތިބާ ބޮމެއް ގޮވައިގެން ގޮސް ހަލާކުވެދާނެ ކަމުގެ ބިރު އޮވެ، ދުވަހަކުވެސް ފޯނުން ވާހަކަދެއްކިންތޯ؟ ނުވަތަ ފޯނުން އާއިލާގެ ހާލު ބަލަމުންދާއިރު، މިއީ ފަހު ފަހަރު ކަމަށް ހިތަށްއަރައި ހުރެ ދުވަހަކުވެސް އުޅުނީންތޯ؟" ވިޓްކޮފްއާ ދެމެދު ދެކެވުނު ވާހަކަތައް ހަނދާން އާކުރައްވަމުން އަރާގްޗީ ވިދާޅުވިއެވެ.

އަރާގްޗީ ވިދާޅުވީ އެމެރިކާގެ ބިރުދެއްކުންތަކާއި ހަމަލާތައް ދޮނުމުގެ ބިރު އޮތް ނަމަވެސް، ތެހެރާނުން ފަހަތަށް ޖެހުމަށް އިންކާރުކުރި ކަމަށެވެ. "އަހަރެމެން ތިބީ ސާބިތުކަމާއެކު. ވާހަކަދައްކަން ޖެހޭނީ ހަމަހަމަކަމާއެކު. އަހަރެމެންނަށް ބިރެއް ނުދެއްކޭނެ، އަދި ރިޝްވަތެއްވެސް ނުދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ހަމަނުޖެހުންތައް އިތުރުވި ނަމަވެސް މަޝްވަރާތައް ކުރިއަށްދިޔަ

އަރާގްޗީ އާއި ވިޓްކޮފް އެންމެ ފުރަތަމަ ގުޅުން ގާއިމުކުރެއްވީ މިދިޔަ އަހަރު އޮތް ނިއުކްލިއާ މަޝްވަރާތަކުގެ ތެރެއިންނެވެ. އަދި އޭގެ ފަހުންވެސް ދޭތެރެ ދޭތެރެއިން ދިޔައީ މުއާމަލާތް ކުރަމުންނެވެ. ނަމަވެސް ތެހެރާނުން ތަކުރާރުކޮށް ބުނަމުންދަނީ މިއީ ރަސްމީ މަޝްވަރާތަކެއް ނޫން ކަމަށެވެ.

މި ޑިޕްލޮމެޓިކް މުއާމަލާތްތައް އެކި ގައުމުތަކުގެ ވެރިރަށްތަކުގައި ކުރިއަށް ގޮސްފައިވެއެވެ. ފުރަތަމަ ނުރަސްމީ ބައްދަލުވުން އޮތީ ފެބްރުއަރީ 6 ގައި މަސްކަޓުގައެވެ. އެތަނުގައި އޮމާންގެ މެދުވެރިން ދެ ވަފުދުގެ މެދުގައި މެސެޖުތައް ބަދަލުކޮށްދިނުމަށްފަހު، އޮފިޝަލުން ވަނީ ކުރު ގޮތަކަށް ބައްދަލުކުރައްވާފައެވެ. އޭގެ ފަހުން މަސްކަޓާއި ރޯމްގައި އިތުރު ބުރުތައް ކުރިއަށްދިޔައިރު، ޖެނީވާގައިވެސް ބައްދަލުވުމެއް ބޭއްވުނެވެ.

އޭޕްރީލް މަހު އަރާގްޗީ ވަނީ އިސްލާމްއާބާދް، މަސްކަޓް އަދި މޮސްކޯއަށް ދަތުރުކުރައްވައި ވިޓްކޮފް އާއި ޖެރެޑް ކުޝްނާ ބައިވެރިވެވަޑައިގެންނެވި މަޝްވަރާތަކެއް ބާއްވަވާފައެވެ. މި މަޝްވަރާތަކަށް ޕާކިސްތާނުގެ އޮފިޝަލުން އެހީތެރިވެދެއްވިއެވެ. މީގެ އިތުރުން ދެ ފަރާތުގެ މެދުގައި ސީދާ މެސެޖުތަކުންވެސް ގުޅުން ބޭއްވިފައިވާ ކަމަށްވެއެވެ.

"އީރާނަކީ ވެނެޒުއޭލާއެއް ނޫން"

އަސްކަރީ ފިއްތުންތަކުގެ ކުރިމަތީގައި އީރާނު ކުރުނީސް ނުކުރާނެ ކަމަށް ވިދާޅުވެ، އަރާގްޗީ ވަނީ އެމެރިކާގެ ހިޔާލުތަކަށް ރައްދުދެއްވާފައެވެ. ޖެނުއަރީ މަހުގެ އަސްކަރީ ހަރަކާތެއްގެ ތެރޭގައި އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމުން އެ ގައުމު އިނދަޖެހިގެންދިޔަ ގޮތަށް އީރާނު ބަލިނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އީރާނަކީ ވެނެޒުއޭލާއެއް ނޫން،" ވޮޝިންގޓަނުން ހަމައެކަނި "އެކަކު" ހައްޔަރުކޮށްގެން ގައުމުގެ ލީޑަޝިޕް ބޯލަނބަން މަޖުބޫރު ނުކުރެވޭނެ ކަމަށް ވިދާޅުވަމުން އަރާގްޗީ ވިދާޅުވިއެވެ.

ހަމަނުޖެހުންތަކާއެކު ފިއްތުންތައް ބޮޑުވުން

މި ބަސްދީގަތުން މިލިބުނީ ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ގާއިމުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މުޅިން ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.

ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން މިސައިލް ހަމަލާއެއްގައި އެމެރިކާގެ ދެ ސިފައިން މަރުވުމާ ގުޅިގެން، އެމެރިކާއިން ވަނީ ޖެހިޖެހިގެން އަށްވަނަ ރެއަށް އީރާނަށް އަސްކަރީ ހަމަލާތައްދީފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ފަހުގެ ހަމަލާތައް އަމާޒުކުރީ އެމެރިކާގެ ސިފައިންނަށާއި ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުމަށް ބޭނުންކުރާ އީރާނުގެ އައްސޭރިފަށުގެ ބަލާލެވޭ މަރުކަޒުތަކަށާއި ވައިގެ ދިފާއީ ނިޒާމުތަކަށް ކަމަށެވެ.

އީރާނުން ވަނީ މިއަށް ރައްދުދީ ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. ކުވެއިތާއި ބަހްރޭނުން ބުނި ގޮތުގައި އީރާނުގެ ބައެއް މިސައިލްތައް އެ ގައުމުތަކުން ވަނީ ހުއްޓުވާފައެވެ. އަދި އިސްރާއީލުން ބުނީ އީރާނުން ފޮނުވާލި މިސައިލްތައް މިސްރާބު ހުރީ އުރުދުންގެ އަގަބާއަށް ކަމަށެވެ.

މި ހަމަނުޖެހުންތަކާއެކު ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމުގެ ހަނގުރާމަވެސް ވަނީ ހޫނުވެފައެވެ. ވޮޝިންގޓަނުން ވަނީ އީރާނުގެ ބަނދަރުތަކަށް ކަނޑުގެ މަގުން ހުރަސްއަޅާފައެވެ. ނަމަވެސް އީރާނުން ބުނަނީ އެ މުހިންމު ކަނޑުގެ މަގު އޮތީ ބަންދުކޮށްފައި ކަމަށާއި، އެމެރިކާގެ ފިއްތުންތައް ހުއްޓާނުލާނަމަ އިތުރު ރައްދު ހަމަލާތައް ދޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!