މެދުވެރިން މެދުވެރިކޮށް އެމެރިކާއާއެކު ވާހަކަތައް ކުރިއަށްދަނީ: އީރާން

ހަމަލާތައް ބަދަލުކުރަމުންދާ މިދަނޑިވަޅުގައިވެސް، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ މެސެޖުތައް އީރާނަށް ލިބެމުންދާކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވެއްޖެއެވެ.

ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަގާއީ ވިދާޅުވީ، އިތުރު ތަފްސީލުތަކަކަށް ވަޑައިނުގެން ނަމަވެސް، މެދުވެރިންގެ ފަރާތުން މެސެޖުތައް ލިބިފައިވާ ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީ ފާއިތުވި ދުވަސްތަކުގައި ޚާރިޖީ ދާއިރާ ވަރަށް ހަރަކާތްތެރިކޮށް އޮތުން ކަމަށާއި، ބައެއް މެދުވެރިންގެ ފަރާތުން ޚިޔާލުތައް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާންގެ ދާޚިލީ ވަޒީރު މިއަދު ޕާކިސްތާނަށް ވަޑައިގަންނަވާނެ ކަމަށް ޕާކިސްތާނުން ވަނީ އިއުލާން ކޮށްފައެވެ.

ބަގާއީ ވިދާޅުވި ގޮތުގައި ފަހަކަށް އައިސް މަސްރަހު ގޯސްވެގެންދިޔުމުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިންނެވެ.

"ސަރަހައްދުގެ އެއްވެސް ގައުމަކަށް އަހަރެމެންގެ ދޭތެރޭގައި ދުޝްމަންކަމެއް ނެތްކަން ތަކުރާރުކޮށް ވާނީ ހާމަކޮށްފައި. އެހެންނަމަވެސް، އެގައުމުތަކުގެ ޒިންމާ އަދާކޮށް، އެގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން އީރާނަށް ހަމަލާދިނުމުގެ ފުރުސަތު ނުދޭނެ ކަމަށް އުންމީދުކުރަން،" ބަގާއީ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެމެރިކާގެ ސޮލީބީ ޖަރީމާތައް ކުރިއަށްދާހާ ހިނދަކު، އީރާނުގެ ސިފައިން އެއަށް ރައްދުދޭނެ ކަމަށެވެ. އަދި އެމެރިކާއާއެކު ސޮއިކޮށްފައިވާ ވަގުތީ އެއްބަސްވުމުގެ ލިޔުމުގައި "އޮޅުންއަރާ ފަދަ އެއްވެސް ކަމެއް ނެތް" ކަމަށް ބުނާ ބުނުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ތަކުރާރު ކުރައްވާފައެވެ.

"އެ ފަހުމުނާމާގެ ލިޔުމަކީ ކުރު ލިޔުމެއް. އޭގައި ހިމެނެނީ 14 މާއްދާ،" ތެހެރާންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.

"އަހަރެމެން ފެށުނީއްސުރެ ވެސް ބުނަމުންދަނީ ހުރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮތީ އީރާނަށް ކަމަށް. އަދި މިކަމުގައި އޮމާނާ މަޝްވަރާކޮށް، ސަރަހައްދުގެ އެހެން ގައުމުތަކާއެކު ވާހަކަދައްކައިގެން ކުރިއަށްދާނެ ކަމަށް،" ބަގާއީ އިތުރަށް ވިދާޅުވިއެވެ.

"މި ލިޔުން ވަރަށް ސާފު. އެހެންކަމުން މި އެއްބަސްވުމާ އެމެރިކާއިން ޚިލާފުވާން ދައްކާނެ އެއްވެސް ބަހަނާއެއް ނެތް." ބަގާއީ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!