ޖަމްޢިއްޔަތު ޢުލަމާއޭ އިސްލާމް-ފަޒުލްގެ ވެރިޔާ، އަދި ސިޔާސީ ތަޖުރިބާކާރު އިސްލާމީ ސިޔާސީ ލީޑަރު މައުލާނާ ފަޒުލުއް ރަޙްމާން ވަނީ ޕާކިސްތާނުގެ ބާރުގަދަ އަސްކަރީ ލީޑަރޝިޕަށް އާދަޔާ ޚިލާފު ސީދާ ގޮންޖެހުމެއް ކުރިމަތިކުރުވާފައެވެ.
މިއީ ސިޔާސީ ދާއިރާގައި ސިފައިންނަށް އޮތް ބާރަށް އާ ލޮޅުމެއް އައި ކަމެކެވެ. ގާތްގަނޑަކަށް 80 އަހަރު ވަންދެން، ޕާކސިްތާން ސިފައިންނަކީ ގައުމުގެ ބާރުގެ އެންމެ ފަހުގެ ނިންމުން ނިންމާ ފަރާތެވެ. ސިފައިން ވެރިކަން ކުރައްވަނީ އިންގިލާބުތައް މެދުވެރިކޮށް ނުވަތަ ފަރުދާގެ ފުރަގަހުން ނުފޫޒު ފޯރުވައިގެންނެވެ.
އާންމު ސަރުކާރުތައް އައިސް ގޮސް އުޅޭއިރު، އަސްކަރީ ވެރިންނާއެކު ޒަމާނުއްސުރެ މަސައްކަތް ކުރެއްވި އެތެރޭގެ ބޭފުޅެއް ކަމަށްވާ ފަޒުލުއްރަޙްމާން މިހާރު ދަނީ ފާޅުގައި ސިފައިން ވެރިކަމުގެ ނިޒާމުގަިއ ބައިވެރިވުމާ މެދު ސުވާލު އުފައްދަމުންނެވެ.
މީގެ ކުއްލި ސަބަބަކީ، ޚައިބަރ ޕަޚްތޫންޚްވާ އާއި ބަލޮޗިސްތާނުގައި އިތުރުވަމުންދާ ހަނގުރާމަވެރިކަމާ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި، އާންމު ރައްޔިތުން ހަތިޔާރު އެޅި މިލިޝިއާތައް އުފެއްދުމަށް އަސްކަރީ ވެރިޔާ އަދި ފީލްޑް މާޝަލް ޢާޞިމް މުނީރު ގޮވާލެއްވި ގޮވާލެއްވުމެވެ.
ޕާކިސްތާނުން މީގެ ކުރިންވެސް އެފަދަ މިލިޝިއާތައް ބޭނުންކޮށްފައިވާއިރު، އޭގެ ނަތީޖާ ވަރަށް ހިތާމަވެރިއެވެ.
ޤަބީލާތަކުގެ ލީޑަރުން އަމާޒަކަށްވި، މުޖުތަމަޢުތައް ހަނގުރާމަވެރިންނާއި ސަލާމަތީ ބާރުތަކުގެ މެދުގައި ތާށިވި އެވެ، އަދި ބަދަލުހިފުމުގެ ސިލްސިލާތައް ފުންވިއެވެ. ފަޒުލުއްރަޙްމާން ވިދާޅުވީ ޤައުމީ ދިފާޢަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި، އާންމު ރައްޔިތުންގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި އާންމުންނަށް ހަތިޔާރު ދިނުމަކީ ޖީލުތަކަކަށް ލޭގެ ދުޝްމަންކަން އުފެދި، ދައުލަތް ބަލިކަށިވާ ކަމުގެ ނިޝާނެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
އޭނާ އިތުރަށް ކުރިއަށްގޮސް، ސިފައިންނަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ލިބޭ ފަންނީ ބައެއްކަން ފާހަގަކޮށް، ސިފައިންގެ ޤުރުބާނީއާއި ޝަހީދުވުމުގެ އަޚްލާޤީ ވާހަކަތަކަށް ގޮންޖެއްސެވިއެވެ.
"ތިޔަބޭފުޅުން މުސާރަ ނަންގަވަނީ އަޅުގަނޑުމެންގެ ލެއާއި ދާފޮދުން ހޯދާ ޓެކްސް ފައިސާއިން،" އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު އެއްވެސް މުސާރައެއް ނުނަގަން. އަޅުގަނޑު އެއްވެސް ލަޝްކަރެއް ނުއުފައްދާނަން." މަދު ސިޔާސީ ވެރިއަކު ނޫނީ ސިފައިންނާ ދިމާއަށް މިފަދަ ބަހެއް ބުނާން ނުކެރޭނެއެވެ.
އަދި އޭނާ ވަނީ އާސިމް މުނީރު ޔުނިފޯން ދޫކޮށްލައްވައި ސިޔާސީ މަސައްކަތަށް ނިކުންނެވުމަށް ގޮވާލައްވާފައެވެ.
"ސިޔާސީ ކަންކަން ކުރަން ބޭނުންފުޅިއްޔާ، ޔުނީފޯމް ބާލާފައި ވަޑައިގަންނަވާ. އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާ." މި ވާހަކައިން ހާމަވަނީ، އަސްކަރިއްޔާއިން ވަކިފަރާތަކަށް ނުޖެހޭ ކަމަށް ބުނާއިރުވެސް، ސަރުކާރުތަކާއި، އިންތިޚާބުތަކާއި ލީޑަރުން އުފައްދަނީ ސިފައިން ކަމަށް ބުނެ އިދިކޮޅުން ކުރާ ޝަކުވާތަކެވެ.
ފަޒުލުއްރަޙްމާން ވަނީ އިންޑިއާގެ ބޯޑަރު ހުރަސްކޮށް ކުރާ ޢަމަލުތައް ކުށްވެރިކުރާއިރު، އަފްޣާނިސްތާނުގައި ޕާކިސްތާނުން ބޯޑަރު ހުރަސްކޮށް ހަމަލާދިނުން ދިފާޢުކުރާ ކުރުމަށް ފާޑުވިދާޅުވެ، މިއީ އިސްތިރާޖީ ގޮތުން ދެފުށް ފެންނަ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ރައްދު ވަރަށް ހަރުކަށިއެވެ. ވަޒީރުން ވަނީ އޭނާ ސިފައިންނާއި ޝަހީދުންނަށް އިހާނެތިކޮށް ހެއްދެވި ކަމަށް ބުނެފައެވެ.
ޕެޓިޝަންތަކުން ދަނީ އާންމުންގެ ވިންދަށް އަސަރުކުރި ކަމަށް ބުނެ ސައިބަރ ކްރައިމް ޤާނޫނުތަކުގެ ދަށުން ޖިނާއީ ދަޢުވާ ކުރަން މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ފަޒުލުރަޙްމާންގެ މި ސިޔާސަތަށް ޢިމްރާން ޚާންގެ ޕީޓީއައި ގެ ސަޕޯޓަރުންގެ ތާއީދު ލިބެމުންދާއިރު، ކުރީގެ ދެ ވާދަވެރިން ދަނީ ސިފައިންގެ ނުފޫޒު ވަރުގަދަވެދާނެ ފަދަ ޤާނޫނުއަސާސީގެ އިޞްލާޙްތަކާ ދެކޮޅަށް ޚިޔާލު ފާޅުކށްފައެވެ.





