10 ދުވަހަށް އެމެރިކާގެ އުދުވާން ހުއްޓާލަން މުސްލިމު ގައުމުތަކުން އެދެފި

މެދުއިރުމަތީގައި އެމެރިކާއިން ހިންގަމުންދާ ނުރައްކާތެރި އަސްކަރީ ހަރަކާތްތަކާއި އުދުވާނީ ހަމަލާތައް ހުއްޓުވައި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ގަތަރާއި، މިސްރާއި، ޕާކިސްތާނު އަދި ސަރަހައްދީ އެހެން މެދުވެރިން ގުޅިގެން 10 ދުވަހަށް ހަމަލާތައް ހުއްޓާލުމަށް އާ ހުށަހެޅުމެއް އެމެރިކާއާއި އީރާނަށް ހުށަހަޅައިފިއެވެ.

އީރާނުގެ ސިއާދަތަށް ހުރުމަތްތެރިކޮށް ހިތުމަށާއި ސުލްހައަށް ފުރުސަތު ދިނުމަށް އިލްތިމާސްކުރަމުންދާއިރު، ވޮޝިންގޓަނުން ދަނީ އަދިވެސް އަސްކަރީ ބާރުގަދަކޮށް މަސްރަހު އިތުރަށް ހޫނުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެކްސިއޯސް ވެބްސައިޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގަތަރާއި މިސްރު ފަދަ ގައުމުތަކުން އިސްނަގައިގެން ހުށަހެޅި މި "ޑިޕްލޮމެޓިކް ފުރުސަތު" އެމއެެރިކާ ސަރުކާރުން މުރާޖައާކުރަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

ނަމަވެސް، ސުލްހައިގެ މި މަގަށް ފުރުސަތު ދިނުމުގެ ބަދަލުގައި، އެމެރިކާގެ ސިފައިން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި އެތައް ފައިޓާ ޖެޓުތަކާއި ވައިގެ ތެރޭގައި ތެޔޮ އަޅައިދޭ ބޯޓުތައް މެދުއިރުމައްޗަށް ފޮނުވައި، އީރާނާ ދެކޮޅަށް އިތުރު ބިރުދެއްކުމުގެ ހަރަކާތްތައް ފަށާފައެވެ.

އެމެރިކާއިން އީރާނުގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް 10 ދުވަސް ވަންދެން ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކަށްފަހު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ބަދަލުހިފުމުގެ އިންޒާރުތައް ދީ، މަސްރަހު އިތުރަށް ގޯސްކުރުމުގެ ބަސްމަގު ބޭނުންކުރައްވާފައެވެ. އަދި އެމެރިކާގެ ހަނގުރާމަވެރި ސިޔާސަތުތަކަށް ވާގިވެރިވުމުގެ ގޮތުން އިސްރާއީލުގެ ސިފައިން ވެސް ތިބީ މުޅި ސަރަހައްދަށް ހަނގުރާމަ ފުޅާކޮށްލުމުގެ ހައި އެލާޓް ހާލަތެއް ގައެވެ.

މެދުވެރިން ހުށަހެޅި 10 ދުވަހަށް އުދުވާން ހުއްޓާލުމުގެ މައިގަނޑު އަސާސަކީ:

  1. ހަމަލާތައް ވަގުތުން ހުއްޓާލުން.
  2. ހުރުމުޒު ކަނޑުއޮޅިން ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށް ފުރިހަމައަށް މަގުހުޅުވާލުން.

މި ހުށަހެޅުމުގެ ދަށުން، އޮމާންގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ދެކުނު މަގު އީރާނުގެ ހަމަލާތަކުން ސަލާމަތްވެފައި އޮންނާނެއެވެ. އަދި އީރާނުގެ ސަރަހައްދީ ކަނޑުގެ ތެރޭގައި ހިމެނޭ އުތުރު މަގުގައި އެމެރިކާއިން ހިންގަމުންދާ ޣައިރުގާނޫނީ ކަނޑުގެ ހިސާރު އުވާލަންޖެހޭނެއެވެ.

އީރާނުން އަބަދުވެސް ވަކާލާތުކުރަނީ ސަރަހައްދީ ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމަކީ އެ ސަރަހައްދުގެ ގައުމުތަކުގެ ހައްގެއް ކަމަށެވެ. އެމެރިކާއިން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

މި މުއްދަތުގައި، ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ފޯރުކޮށްދޭ މެރިޓައިމް ސެކިއުރިޓީއާއި ތިމާވެށި ރައްކާތެރިކުރުމުގެ ޚިދުމަތްތަކަށް "އިންސާފުވެރި ޚިދުމަތުގެ ފީއެއް" ނެގުމުގެ އިންތިޒާމެއް ގާއިމުކުރުމަށް ވެސް ދަނީ މަޝްވަރާކުރެވެމުންނެވެ.

މިއީ މަލާކާ ކަނޑުއޮޅީގައި މެލޭޝިއާއާއި އިންޑޮނޭޝިއާއިން އަމަލުކުރާ ފަދަ ބައިނަލްއަގުވާމީ އުސޫލެކެވެ.

ވޮޝިންގޓަންގެ ހަނގުރާމަވެރި ނިޔަތް

މެދުވެރިންގެ މަސައްކަތުން ސުލްހައިގެ މަގަށް ވާސިލުވުމުގެ އުއްމީދު ބޮޑުވި ނަމަވެސް، އެމެރިކާ ސަރުކާރުގެ އޮފިޝަލުން ދަނީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއެޅޭ ފަދަ މޭރުމަކުން ވާހަކަދައްކަވަމުންނެވެ.

އެމެރިކާގެ އިސް އޮފިޝަލަކު އެކްސިއޯސްއަށް ބުނެފައިވަނީ، ރައީސް ޓްރަމްޕް އަދިވެސް ބޭނުންވަނީ އީރާނަށް "އަދަބުދިނުމުގެ" ހަމަލާތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެމެރިކާއިން މަސްރަހު ހޫނުކޮށް، އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރަމުން ދާއިރުވެސް، އީރާނުން ދަނީ ސަރަހައްދީ ހަމަޖެހުމަށް އިސްކަންދެމުންނެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ހޯމަ ދުވަހު ކަށަވަރުކޮށްދެއްވި ގޮތުގައި، މެދުވެރިން މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކަށް އީރާނުން އިހުތިރާމްކުރާނީ، އެމެރިކާގެ އުދުވާންތައް ހުއްޓުވައި ގައުމީ މަސްލަހަތު ހިމާޔަތްކުރެވޭނެ މިންވަރެއްގެ މައްޗަށެވެ.

ހިއްސާ ކުރައްވާ!