އާޖެންޓީގެ ކުޅުންތެރިން މާރާމާރީ ހިންގި މައްސަލަ ބަލަނީ

އާދީއްތަ ދުވަހު މެޓްލައިފް ސްޓޭޑިއަމްގައި ސްޕޭން އަތުން ބަލިވި ވޯލްޑް ކަޕް މެޗަށްފަހު، އާޖެންޓީނާ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ހައްދުފަހަނައަޅާފައިވާ އަމަލުތަކާ ގުޅިގެން ފީފާއިން އެ މައްސަލަ ބަލަން ފަށައިފިއެވެ.

މާރާމާރީ ހިނގަން މެދުވެރިވީ އާޖެންޓީނާގެ ކުޅުންތެރިއަކު ސްޕޭންގެ އެރިކް ގާސިއާގެ ކަރުގައި ހިފައި ބިމަށް ވައްޓާލުމުންނެވެ. އަދި އެކަމާ ދެކޮޅަށް ވާހަކަދައްކަން އައި ސްޕޭންގެ ގާވީ ވެސް ކޮއްޕާލައި ދަނޑުމައްޗަށް ވައްޓާލިއެވެ.

ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން އުފެދުނު ނަމަވެސް، ފަހުން ވަނީ މަސްލަހަތު ހަމައަކަށް އެޅިފައެވެ. އަދި 1-0 އިން މެޗު ކާމިޔާބުކޮށް ވޯލްޑް ކަޕް ތަށި ނެގުމަށްފަހު ސްޕޭނުން ވަނީ އުފާފާޅުކުރުން ކުރިއަށް ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން ފީފާއިން ހޯމަ ދުވަހު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، މެޗަށްފަހު ހިނގާދިޔަ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

"ސްޕޭން އާއި އާޖެންޓީނާ ކުޅުނު ވޯލްޑް ކަޕް ފައިނަލް މެޗުގެ ރިޕޯޓްތައް ދިރާސާކުރުމަށްފަހު، ފީފާގެ ޑިސިޕްލިނަރީ ކޯޑު (އެފްޑީސީ) ގެ 36 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، މެޗަށްފަހު ހިނގާދިޔަ ހާދިސާތަކުގައި ގަވާއިދާ ހިލާފުވެފައިވާ މިންވަރު ބެލުމަށް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ޑިސިޕްލިނަރީ އެންޑް އެތިކްސް ޕްރޮސެކިއުޓަރެއް އައްޔަންކޮށްފައެވެ،" ކުޅިވަރުގެ މައި އިދާރާއިން ނެރުނު ބަޔާނުގައިވެއެވެ. "ޕްރޮސެކިއުޓަރުގެ ރިޕޯޓް ނިމުމުން، އިތުރު ތަފްސީލު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ހާމަކުރާނެއެވެ."

މި ތަހުގީގުގެ ނަތީޖާއަކީ ކޮބައިކަމެއް އަދި ފީފާއިން ގޮތެއް ނިންމުމަށް ނަގާނީ ކިހާ މުއްދަތެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ދަނޑުމަތީގައި އާޖެންޓީނާއިން ދެއްކި ކުޅުމާއި، މެޗަށްފަހު ކުޅުންތެރިން އަމަލުކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ޓީމަށް އަމާޒުވެފައެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކުޅުންތެރިން ވަނީ މެޗަށްފަހު ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ސްޕޭންގެ ޓީމަށް ފުރަގަސްދީފައެވެ. އަދި މުބާރާތުގެ ގަވާއިދުގެ ދަށުން މީޑިއާއަށް މައުލޫމާތު ދޭންޖެހޭ "މިކްސްޑް ޒޯން" އިން ބޭރަށް ގޮސް، އާޖެންޓީނާ ކުޅުންތެރިން ވަނީ ނޫސްވެރިންނާ ބައްދަލުކުރުމުން ރެކިފައެވެ.

ހިއްސާ ކުރައްވާ!