2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއެކު އެމެރިކާގެ އިގްތިސާދަށް 20 ބިލިއަން ޑޮލަރު ވަދެފައިވާ ކަމަށް ބޭންކް އޮފް އެމެރިކާ (ބީއޯއެފްއޭ) އިން ބުނެފިއެވެ. މިއާއެކު މުބާރާތް ބޭއްވި ސިޓީތަކުގެ އިގްތިސާދަށް ބޮޑު ދިރުމެއް ލިބި، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އާންމުން ހަރަދުކުރި މިންވަރު އެންމެ ބޮޑަށް އިތުރުވި ދުވަސްވަރަށް މި ދުވަސްވަރު ވަނީ ވެފައެވެ.
ބީއޯއެފްއޭގެ ސީއީއޯ ބްރަޔަން މޮއިނިހަން ވިދާޅުވީ، މުބާރާތުގެ ސަބަބުން އުފެދުނު 40 ބިލިއަން ޑޮލަރުގެ އާ އިގްތިސާދީ ހަރަކާތްތަކުގެ ދެބައިކުޅައެއްބައި ވަނީ އެމެރިކާއަށް ލިބިފައެވެ. އަދި މި ފައިދާ ވަނީ ހަމައެކަނި ސްޓޭޑިއަމްތަކުގެ ކިއުތަކަށް އެކަންޏެއް ނޫނެވެ. މަހަކު 400 ބިލިއަން ޑޮލަރަށްވުރެ ގިނައިން ޚަރަދުކުރާ އެ ބޭންކުގެ 70 މިލިއަން ކަސްޓަމަރުން ހަރަދުކުރި މިންވަރު ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 5 އިންސައްތައާއި 6 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވެފައެވެ.
"ކެންސާސް ސިޓީ ފަދަ މުބާރާތް ބޭއްވި ސިޓީތަކަށް ބަލާއިރު، އެހެން ސިޓީތަކަށްވުރެ ހަރަދުކުރުން އަވަސްކަން ފާހަގަކުރެވޭ،" މޮއިނިހަން ވިދާޅުވިއެވެ. "އެހެންކަމުން މީގެ ސަބަބުން ސީދާ ދަނޑުމަތީގެ އިގްތިސާދީ އަސަރުތަކެއް ފެންނަމުންދޭ. އަދި އެ ހަރަދުތައް މި ދަނީ އާންމު ވިޔަފާރިތަކަށް . އެއީ ބާ ތަކާއި ރެސްޓޯރެންޓްތަކަށް. ހަމައެކަނި ސްޓޭޑިއަމްގައި ތިބި މީހުންނަކަށް ނޫން." އޭނާ ސާފުކޮށްދެއްވިއެވެ.
އެމެރިކާގެ އާންމުން ޚަރަދު ކުރާ މިންވަރު އިތުރުވެ 2022 ވަނަ އަހަރަށް ފަހު ދިރުމެއް އައިސްފައި ވެއެވެ. ޖޫން މާހު ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން ކުރި ޖުމުލަ ހަރަދު ވަނީ އަހަރުން އަހަރަށް 6.3 އިންސައްތަ އިތުރުވެފައެވެ. އަދި ތެލުގެ ޚަރަދުތައް އުނިކުރުމުން އެ އަދަދު އުޅެނީ 5.6 އިންސައްތައިގައެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކުން ވެސް ދައްކަނީ މިފަދަ މަންޒަރެކެވެ. ޖޫން މާހު އެމެރިކާގެ ރީޓޭލް އަދި ކާބޯތަކެތީގެ ހިދުމަތްތަކުގެ ވިޔަފާރި ވަނީ ކުރީ އަހަރަށްވުރެ 6.7 އިންސައްތަ އިތުރުވެފައެވެ. އަދި ދެވަނަ ކުއާޓަރުގެ ވިޔަފާރި ވަނީ 2025 ވަނަ އަހަރަށްވުރެ 6.4 އިންސައްތަ އިތުރުވެފައެވެ. ވޯލްޑް ކަޕުގެ ސަބަބުން އެންމެ ބޮޑު ތަރުހީބެއް ލިބުނު ބާ ތަކާއި ރެސްޓޯރެންޓްތަކުގެ ހަރަދު ވަނީ ފާއިތުވި އަހަރަށްވުރެ 3.8 އިންސައްތަ އިތުރުވެފައެވެ.
ބޭންކް އޮފް އެމެރިކާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖޫން މާހު އެއާލައިން އަދި މުނިފޫހިފިލުވުމުގެ ހަރަދުތައް ވަނީ ދެގުނައަށް އިތުރުވެފައެވެ. އަދި އަންނަައުނުގެ ވިޔަފާރި 7 އިންސައްތަ އަދި އާންމު މުދަލުގެ ވިޔަފާރި 5 އިންސައްތަ އިތުރުވިއެވެ. ބީއޯއެފްއޭގެ ރިޕޯޓުގައި ބޭރު ގައުމުތަކުން އައި ފަތުރުވެރިން ކުރި ޚަރަދު ހިމަނާފައިނުވާތީ، މުޅި އިގްތިސާދަށް ކުރި އަސަރު މިއަށްވުރެ މާ ބޮޑުވާނެއެވެ.
ނިއުޔޯކް/ނިއުޖާޒީ ހޯސްޓް ކޮމިޓީން ބުނި ގޮތުގައި، ހަމައެކަނި ޖޫން މާހު ސަޕޯޓަރުން ވަނީ 1.2 ބިލިއަން ޑޮލަރު ހަރަދުކޮށްފައެވެ. މިއިން މުޅި އިގްތިސާދަށް 2.1 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނުއިރު، ޓެކްސްގެ ގޮތުގައި 228 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
މުބާރާތް ބޭއްވި ސިޓީތަކުގެ ރެސްޓޯރެންޓްތަކުގެ ހަރަދު ފުރަތަމަ ހަފްތާތަކުގައި 2 އިންސައްތަ އިތުރުވި ނަމަވެސް، މުބާރާތް ނުބާއްވާ ސިޓީތަކުގައި ބަދަލެއް ނާދެއެވެ. އަދި މިއިން ބޮޑު ބައެއް ހަރަދުކޮށްފައިވަނީ އާމްދަނީ މަދުން ލިބޭ އާންމުންނެވެ
ކެންސާސް ސިޓީގެ ކޮޓަރި ކުލިން ލިބުނު އާމްދަނީ 90 އިންސައްތަ އިތުރުވިއިރު، ސެން ފްރަންސިސްކޯގައި އެ އަދަދު ވަނީ 55 އިންސައްތައަށް އުފުލިފައެވެ.
ބޮސްޓަން "ސްކޮޓްލޭންޑްގެ ސަޕޯޓަރުން މުޅިން ފުރާލި" ނަމަވެސް، ކަންސާސް ސިޓީގައި ކުޅުނު އޮސްޓްރިއާ އާއި އަލްޖީރިއާގެ މެޗަށް ބެލުމުން، އެފަދަ ގައުމުތަކުން އަންނަ ސަޕޯޓަރުން މަދުވުމުން ބޮޑަށް ބަރޯސާވާންޖެހުނީ އެ ސިޓީގެ އާންމުންގެ މައްޗަށެވެ.
އާންމުން ހަރަދުކުރި މިންވަރު އިތުރުވި ނަމަވެސް، ވަޒީފާގެ މާކެޓް އޮތީ މަޑުޖެހިފައެވެ. ޖޫން މަހު އިތުރުވީ އެންމެ 57،000 ވަޒީފާއެވެ. އަދި ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިން 61،000 ވަޒީފާ ވަނީ މަދުވެފައެވެ.
މިއާއެކު، ވޯލްޑް ކަޕުގެ ސަބަބުން 40،000 ވަޒީފާ އިތުރުވާނެ ކަމަށް ގޯލްޑްމަން ސެކްސްއިން ކުރި ލަފާކުރުންތަކާ ހިލާފަށް ވަޒީފާގެ މާކެޓަށް ބޮޑު ބަދަލެއް ނާދެއެވެ.
އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންގެ ތެރެއިން ވަޒީފާ ބަދަލުކުރި މީހުންގެ މުސާރަ 12 އިންސައްތަ އިތުރުވި ކަމަށް ބީއޯއެފްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އެ މީހުން ކާޑުތަކުން ކުރި ޚަރަދު ވަނީ 4.8 އިންސައްތަ އިތުރުވެފައެވެ.
އޮފިޝަލުން މިހާރު މަސައްކަތް ކުރަމުންދަނީ މި އިގްތިސާދީ ދިރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ.
ބޮސްޓަންއިން ވަނީ 2031 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ރައީސް ޓްރަމްޕް ވެސް ވަނީ ކުރިއަށް އޮތް އަހަރުތަކުގައި އެމެރިކާއިން އަލުން ވޯލްޑް ކަޕަށް ބިޑްކުރުމުގެ ޚިޔާލު ފާޅުކުރައްވާފައެވެ.
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކުރިއަށްދިޔައީ ޖޫން 11 އިން ފެށިގެން އާދީއްތަ ދުވަހުގެ ފައިނަލް މެޗުގެ ނިޔަލަށެވެ. ފައިނަލް މެޗުގައި ސްޕޭނުން ވަނީ 1-0 އިން އާޖެންޓީނާ ބަލިކޮށްފައެވެ. މި މުބާރާތް ބޭއްވީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގެ 16 ސިޓީއެއްގައެވެ.

