ޖުލައި މަހުގެ 16 އިން 22 އަށް ސައުދީ އަރަބިއްޔާގައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންތަކެއްގައި، ގާނޫނާ ހިލާފަށް އެ ގައުމުގައި އުޅެމުންދިޔަ 14,970 މީހަކު ހައްޔަރުކޮށްފިއެވެ.
ސައުދީ މިނިސްޓްރީ އޮފް އިންޓީރިއާ އިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ:
- ރެސިޑެންސީ ގާނޫނާ ހިލާފުވި 7,437 މީހުން
- ބޯޑަރު ސެކިއުރިޓީ ގާނޫނާ ހިލާފުވި 3,991 މީހުން
- ލޭބަރ ގާނޫނާ ހިލާފުވި 3,542 މީހުން
މީގެ އިތުރުން، ގާނޫނާ ހިލާފަށް ސައުދީއަށް އެތެރެވާން އުޅުނު 1,626 މީހަކު ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި 62 އިންސައްތަ އަކީ އިތިއޯޕިއާގެ ރައްޔިތުންނެވެ. އަދި 37 އިންސައްތަ އަކީ ޔަމަނުގެ ރައްޔިތުން ކަމަށާއި، ބާކީ 1 އިންސައްތަ އަކީ އެހެނިހެން ގައުމުތަކުގެ މީހުން ކަމަށް އެމިނިސްޓްރީން ބުނެއެވެ.
އަދި ގާނޫނާ ހިލާފަށް ގައުމުން ފުރަން އުޅުނު 33 މީހަކާއި، ގާނޫނާ ހިލާފަށް އުޅޭ މީހުންނަށް އެހީތެރިވެ، ވަޒީފާ ދީ، ހިޔާވަހިކަން ފޯރުކޮށްދިން 18 މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ސައުދީ މިނިސްޓްރީން އިތުރަށް ބުނީ، މިހާރު 30,546 މީހަކަށް ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި މިހާތަނަށް 13,251 މީހަކު ގައުމުން ފޮނުވާލާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ގާނޫނާ ހިލާފަށް ސައޫދީއަށް އެތެރެވާ މީހުންނަށް އެހީތެރިވާ ފަރާތްތަކަށް 15 އަހަރުގެ ޖަލު ހުކުމަކާއި، 1 މިލިއަން ސައުދީ ރިޔާލާ ހަމައަށް ޖޫރިމަނާކުރުމުގެ އިތުރުން، އެކަމަށް ބޭނުންކުރާ އުޅަނދުތައް ހިފެހެއްޓުމުގެ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވަނީ އިންޒާރުދީފައެވެ.
މިފަދަ ކަންކަން ރިޕޯޓް ކުރުމަށް އާންމުންނަށް ގޮވާލާފައިވާއިރު، ރިޕޯޓް ކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކުރެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން އެއްވެސް ގާނޫނީ ޒިންމާއެއް ނަގަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ޔަގީންކޮށްދެއެވެ.





