އަންސާރުﷲ ޖަމާއަތުން ވަނީ ސައުދީ އަރަބިއްޔާގެ ޖާޒާން އަދި ޔަންބުޢުގައި ހުންނަ އާރަމްކޯ ކުންފުނީގެ މުހިންމު ތަންތަނަކަށް އަމާޒުކޮށް، ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލްތަކާއި، ކްރޫޒް މިސައިލްތަކާއި، ޑްރޯންތައް ބޭނުންކޮށްގެން ހަމަލާތަކެއް ދީފިއެވެ. މިއީ ޔަމަނުގެ 3 ގަވަރނޭޓެއްގައި ހުރި ޙޫޘީންގެ މަރުކަޒުތަކަށް ވައިގެ ހަމަލާތަކެއް ދިންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިން ރައްދު ހަމަލާތަކެކެވެ.
ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީއު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި، އިތުރު ފިޔަވަޅުތައް އެޅުމަށް އެ ޖަމާއަތުން ފަސްނުޖެހޭނެ ކަމަށެވެ. އަދި "ވަށާލުމަށް ވަށާލުމުން އަދި ހަމަލާތަކަށް ހަމަލާތަކުން ރައްދު ދިނުމުގެ" އުސޫލު ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދީ ސިވިލް ޑިފެންސުން ވަނީ ޖާޒާން ސަރަހައްދުގައި އެއްފަހަރު، އަދި ޔަންބުޢު ގަވަރނޭޓްގައި ތިން ފަހަރު އިންޒާރުގެ ރަނގަބީޅު ޖަހާފައެވެ. ފަހުން އެ ފަރާތުން ބުނެފައިވަނީ ނުރައްކާ ފިލައިގޮސްފައިވާ ކަމަށެވެ.
ސައުދީން ކުރިއަށްގެންދާ ކަމަށް ޙޫޘީން ބުނާ "ވަށާލުން" ނުވަތަ ބްލޮކޭޑާ ދެކޮޅަށް ސައުދީއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޙޫޘީން ދެމުން އަންނަތާ ހަފުތާތަކެއް ވެއްޖެއެވެ. އެގޮތުން، މި ޖުލައި މަހުގެ 13 ވަނަ ދުވަހު ސައުދީގެ އަބްހާ އެއާޕޯޓަށް ވެސް އެ ޖަމާއަތުން ހަމަލާ ދީފައިވެއެވެ.
މިއަދު ހޮނިހިރު ދުވަހު ޔަމަނުގެ ރަސްމީ ޓީވީން ބުނެފައިވަނީ މައުރިބް އަދި އަލްޖައުފް ގަވަރނޭޓްގައި ހުރި ޙޫޘީންގެ މަރުކަޒުތަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ މިސައިލް އުފައްދާ މަރުކަޒުތަކާއި، ހަތިޔާރު ގުދަންތަކަށެވެ. އަދި މި ހަމަލާތަކުގައި މިސައިލް އުފައްދާ ތަޖުރިބާކާރުން ނާއެކު ޙޫޘީންގެ ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ހަމަލާތައް ދިނީ ކޮން ފަރާތަކުން ކަމެއް އެ ޓީވީން ހާމަކޮށްފައެއް ނުވެއެވެ.
ޔަމަނުގެ ދެ އަސްކަރީ އޮފިޝަލަކު ވިދާޅުވީ، ޔަމަނުގެ ސަރުކާރުގެ ވައިގެ ސިފައިން މައުރިބް އަދި އަލްޖައުފްގައި ހުރި ޙޫޘީންގެ މިސައިލް ލޯންޗް ޕެޑްތަކަށް ހަމަލާދީފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ޔަމަނުގެ ރިޔާސީ ލީޑަޝިޕް ކައުންސިލްގެ މެމްބަރު ސުލްޠާން އަލްއަރާދާ ވަނީ މައުރިބްގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދިފާއީ ވަޒީރު ލެފްޓިނެންޓް ޖެނެރަލް ޠާހިރު އަލްއަޤީލީ އާއި، ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ސަޣީރު ބިން އަޒީޒް އަދި އަރަބި ކޯލިޝަންގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ފާރިސް އައްޝަމާރީ ބައިވެރިވެވަޑައިގެންނެވިއެވެ.
އަންސާރުﷲ ޖަމާއަތަކީ ޔަމަނުގެ ބާޣީ ޖަމާއަތެކެވެ. ޔަމަން އޮތީ އަހުލީ ހަނގުރާމައެއްގެ ތެރޭގައެވެ.






