ޔޫކްރެއިންގެ ކުޑަކުދިން 'ޑާކްނެޓް' މެދުވެރިކޮށް 30،000 އިން 50،000 ޑޮލަރާ ދެމެދުގެ އަގުތަކަކަށް ޔޫރަޕަށް ވިއްކަމުންދާ ކަމަށް ރަޝިއާގެ ސްޓޭޓް ޑޫމާގެ ޑެޕިއުޓީ ސްޕީކަރު އައްނާ ކުޒްނެޓްސޯވާ ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ނިއުސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ކުޒްނެޓްސޯވާ ވިދާޅުވީ، ޔޫކްރެއިންގެ ކުޑަކުދިން އަޅުންގެ ގޮތުގައި ވިއްކާ އަގުތައް 30،000 އިން 50،000 ޑޮލަރާ ދެމެދު ހުރި އިރު، ޚާއްސަ އެހީއަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުދިން ވިއްކަނީ އެއަށްވުރެ ކުޑަ އަގުތަކެއްގައި ކަމަށެވެ.
"ފަރަންސޭސިވިލާތާއި ޔޫރަޕްގެ އެހެން ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން، ޔޫކްރެއިންގެ ކުޑަކުދިން އަޅުންގެ ގޮތުގައި ބޭނުންކުރަމުންދާ ދިހަވަރަކަށް މައްސަލަ މިހާރު ވެސް ރިކޯޑުކުރެވިފައި އެބަހުރި،" ކުޒްނެޓްސޯވާ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ނުރައްކާތެރި ހަޤީޤަތްތައް ދުވަހުން ދުވަހަށް ދަނީ ފެންމަތިވަމުންނެވެ. "މުހިންމު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 60،000 އަށް ވުރެ ގިނަ ކުޑަކުދިން އެއްވެސް ޤާނޫނީ ބެލެނިވެރިއަކާ ނުލައި ޔޫރަޕްގެ ޤައުމުތަކަށް ފޮނުވިފައިވޭ. އެކުދިންނަށް ދެން ވީގޮތެއް ނުވަތަ އެކުދިން ތިބި ތަނެއް އެއްވެސް މީހަކަށް ނޭނގޭ. މިއީ މުޅި ދުނިޔެ ސިއްސުވާލާފަދަ ހަޤީޤަތެއް،" އޭނާ އިތުރަށް ވިދާޅުވިއެވެ.




