ޓެލެގްރާމްގެ ބާނީ ޓެރަރިޒަމަށް ވާގިވެރިވިކަމަށް ތުހުމަތުކޮށް، ހައްޔަރުކުރުމުގެ އަމުރެއް ރަޝިޔާއިން ނެރެފި

މަޝްހޫރު މެސެޖިން އެޕްލިކޭޝަން "ޓެލެގްރާމް"ގެ ބާނީ ޕާވެލް ދޫރޯވް, ޓެރަރިސްޓް ހަރަކާތްތަކަށް ވާގިވެރިވާ ކަމަށް ތުހުމަތުކޮށް، އޭނާ ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ އެރެސްޓް ވޮރަންޓެއް ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ނެރެފިއެވެ.

އެފްއެސްބީން އިއުލާންކުރި ގޮތުގައި، ދޫރޯވްގެ މައްޗަށް ދައުވާކުރަނީ ރަޝިޔާގެ ޖިނާއީ ގާނޫނުގެ ދަށުން ޓެރަރިސްޓް ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ކުށުގައެވެ. އެ އޭޖެންސީން ބުނެފައިވަނީ މި މައްސަލަ އުފެދިފައިވަނީ ޓެލެގްރާމް މެދުވެރިކޮށް ހިންގާ ގިނަ އަދަދެއްގެ ޗެނަލްތަކާއި، ޗެޓްތަކާއި، ބޮޓްތައް ނައްތާލުމަށް އެ އެޕްލިކޭޝަނުން ދެކޮޅުހެދުމާ ގުޅިގެން ކަމަށެވެ.

ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، މި ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ޔޫކްރޭނުގެ ސިއްރު ހިދުމަތްތަކުންނާއި ޓެރަރިސްޓް އަދި ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުން ވަނީ ރަޝިޔާގެ އެތެރޭގައި ގެއްލުންދިނުމުގެ އަމަލުތައް އަދި، ޓެރަރިސްޓް ހަމަލާތައް ދީ މީހުން މެރުން އަދި މައުލޫމާތުގެ ރަސްމަގުގައި ފޭރުމާއި މަކަރާއި ހީލަތް ހިންގައި ރާވާއެވެ. މީގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ގެ ގިނަ ބަޔަކު މަރުވެ، ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެފްއެސްބީން ބުނެއެވެ.

މި ނިންމުމަކީ ރަޝިޔާގެ ސަރުކާރާއި އެންކްރިޕްޓްކޮށްގެން މެސެޖު ކުރެވޭ މި އެޕްލިކޭޝަނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމަށް އެޅުނު ބޮޑު ފިޔަވަޅެކެވެ. 2013 ވަނަ އަހަރު ތައާރަފްކުރި ޓެލެގްރާމަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1 ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ އެޕެކެވެ. ރަޝިޔާގެ ސަރުކާރުން އެ އެޕްގެ ނުފޫޒު ކުޑަކޮށް، ސަރުކާރުގެ މަދަދުލިބޭ އެހެން އެޕްތައް ކުރިއަރުވަން މަސައްކަތް ކުރިނަމަވެސް، ޓެލެގްރާމަކީ އެ ގައުމުގައި އަދިވެސް ވަރަށް މަގުބޫލު އެޕެކެވެ.

ރަޝިޔާއަށް އުފަންވި ދޫރޯވް ވަނީ މީގެ އަހަރުތަކެއް ކުރިން އެ ގައުމު ދޫކޮށް ގޮސްފައެވެ. އޭނާގެ އަތުގައި އެކުވި އަރަބި އިމާރާތް (ޔޫއޭއީ) އާއި ފްރާންސުގެ ސިޓިޒަންޝިޕް އޮވެއެވެ. މީގެ ކުރިން އޭނާ ވަނީ ރަޝިޔާގެ މަޝްހޫރު ސޯޝަލް ނެޓްވޯކް "ވީކޮންޓެކްޓޭ" އުފައްދައި، ސަރުކާރުގެ ފިއްތުންތަކާ ހުރެ އެ ނެޓްވޯކް ދޫކޮށްލާފައެވެ. ފަހަކަށް އައިސް އޭނާ ދިރިއުޅެމުންދަނީ ދުބައިގައެވެ.

ފްރާންސުގެ ތަހުގީގުކުރާ އިދާރާތަކުންވެސް ވަނީ ޓެލެގްރާމް މެދުވެރިކޮށް ހިންގާ ގައިރުގާނޫނީ ހަރަކާތްތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ މައްސަލަތަކެއް ބަލާފައެވެ. ނަމަވެސް ދޫރޯވް ވަނީ އެ ތުހުމަތުތައް އަބަދުވެސް ދޮގުކޮށްފައެވެ.

މީގެ ކުރިން ނެރުނު ބަޔާންތަކުގައި ދޫރޯވް ސިފަކުރެއްވި ގޮތުގައި، ރަޝިޔާއިން އެޕާ ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ސިޔާސީ މަގުސަދެއްގައި، އަމިއްލަ ސިއްރުތައް ހިފެހެއްޓުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ހިންގާ ކަންކަމެވެ.

މި ފިޔަވަޅަކީ 2022 ވަނަ އަހަރު ޔޫކްރޭންގައި ފެށި އޮޕަރޭޝަންތަކަށް ފަހު، އިންޓަނެޓްގެ މުއާމަލާތްތަކާއި އޮންލައިން ޕްލެޓްފޯމްތަކުގެ މައްޗަށް އޮންނަ ކޮންޓްރޯލް ވަރުގަދަކުރުމަށް މޮސްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!