ފުޅީގައި ބަންދު ކުރި މެސެޖު 53 އަހަރު ފަހުން ލިބިއްޖެ

ސާފުކުރުމުގެ މަސައްކަތެއްގެ ތެރެއިން ފެނުނު ކުޑަކުޑަ ފުޅިއަކާއި، އޭގެ ތެރޭގައި އޮތް 53 އަހަރުވީ މެސެޖަކުން ވަނީ އެތައް ބައެއްގެ ހިތްތައް އަތުލާފައެވެ. މިއީ ހަމައެކަނި ފުޅިއެއް ކަނޑަށް ދޫކޮށްލުމުގެ ވާހަކައެއް ނޫނެވެ. މިއީ ގެއްލިގެންދިޔަ ޒުވާން އުމުރެއްގެ ހަނދާންތަކާއި، އޯގާތެރިކަމުގެ ގުޅުންތައް އަލުން ގުޅުވައިދިން ހައިރާންކުރަނިވި ވާހަކައެކެވެ.

އެމެރިކާގެ ނިއުޖާސީގެ ވެޓްލޭންޑް ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ ކޯފައުންޑަރު، ޖޯން ކޯޓަރމަން އެ ސަރަހައްދު ސާފުކުރަމުން ދަނިކޮށް، އޭނާގެ ލޮލުގައި އަޅައިގަތީ އާދައިގެ ކުޑަ ފުޅިއެކެވެ. އޭގެ ތެރޭގައި އޮތީ ބާވެ ރީނދޫވެފައިވާ ކަރުދާސްކޮޅެކެވެ.

އެ ކަރުދާސްކޮޅުގައި ލިޔެފައިވާ ގޮތުން، އެ ފުޅި ކަނޑަށް ދޫކޮށްލާފައިވަނީ މީގެ 53 އަހަރު ކުރިން، 1973 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ. އޯޝަން ސިޓީގެ އައްސޭރިފަށުން ކަނޑަށް ދޫކޮށްލި މި ފުޅި ފެންނަ މީހަކު އެ މެސެޖު އޭނާގެ ގެޔަށް ރައްދުކޮށްދިނުމަށް، އޭރު އުމުރުން އެންމެ 9 އަހަރުގެ ކުޑަކުޑަ ލޯރީ ބްލެއަރ ވަނީ އެދިފައެވެ. މިއީ ބެލެވޭ ގޮތުގައި އެ ކުއްޖާ ކުޅެން އުޅެނކޮށް ކުރި މަޖާކަމެކެވެ.

ޖޯން ކޯޓަރމަން މި މެސެޖުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޙިއްޞާކުރީ ލޯރީ ބްލެއަރ ހޯދުމުގެ މަޤުޞަދުގައެވެ. ދުވަސްތަކެއް ވުމަށްފަހު މި ޕޯސްޓު ގޮސް ވާޞިލުވީ ލޯރީގެ ދައްތަ، އެލިސަން ސްޕެންސަރަށެވެ.

އެލިސަން ހަނދާނުން ކިޔައިދިން ގޮތުގައި، އެ ދުވަހު އެ މެސެޖު ލިޔުނީ އޭނާއެވެ. އެއީ އޭރު ލޯރީއަށްވުރެ އެލިސަންގެ އަތުލިޔުން ރީތިވުމުން، ލޯރީ އެދިގެން އެލިސަން ލިޔެދިން ލިޔުމެކެވެ.

"އަޅުގަނޑުގެ ދައްތައަކީ ވަރަށް އުފެއްދުންތެރި، މަޖާ މިޒާޖެއްގެ އަދި ސަމާސާ ކުރުމުގެ ރޫޙު ވަރަށް ވަރުގަދަ ކުއްޖެއް،" އިންޓަވިއުއެއްގައި އެލިސަން ބުންޏެވެ.

ނަމަވެސް، މި ވާހަކަ ނިމިގެންދިޔައީ ހިތާމަވެރި ޙަޤީޤަތަކާ އެކުއެވެ.
ލޯރީ ބްލެއަރ ވަނީ 2019 ވަނަ އަހަރު ކެންސަރު ބަލީގައި ނިޔާވެފައެވެ. އެހެންނަމަވެސް، މި ހޯދުމުގެ ތެރެއިން ޖޯން ކޯޓަރމަންއަށް ފާހަގަވި އަޖައިބުކުރަނިވި އަނެއް ކަމަކީ، ލޯރީގެ އުފަން ދުވަހަކީ އޭނާގެ ވެސް އުފަން ދުވަސް ކަމަށްވުމެވެ. މިއީ ޤުދުރަތުގެ ވަރަށް ހައިރާންކުރަނިވި އިއްތިފާގެކެވެ.

މިހާރު އެ ޒަމާންވީ މެސެޖު ވަނީ އެލިސަންއާ ޙިއްޞާކޮށްފައެވެ. އޭނާ ރާވާފައިވަނީ ލޯރީގެ ހަނދާނުގައި އެ މެސެޖު ފްރޭމްކޮށް ގޭގެ ފާރުގައި ހަރުކުރުމަށެވެ.

ފަސް ދަހަރު ފަހުން ފެނުނު މި ކުޑަ ފުޅިން، މާޒީގެ ފޮނި ހަނދާންތަކެއް ވަނީ މިއަދު އަލުން ދިރުވާފައެވެ.

ހިއްސާ ކުރައްވާ!