ނަތަންޔާހޫ މަމްދާނީއަށް ގޮންޖަހައިފި

ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގި ޔަހޫދީ މޭސްތިރި ނަތަންޔާހޫ ހައްޔަރުކުރުމަށް ނިއުޔޯކްގެ މޭޔަރު ޒަހްރާން މަމްދާނީ ގޮވާލައްވާފައި ވަނިކޮށް، ސެޕްޓެމްބަރު މަހު ނިއުޔޯކަށް ޒިޔާރަތް ކުރާނެ ކަމަށް ނަތަންޔާހޫ ބުނެފިއެވެ.

"ފޮކްސް ނިއުސް" ޗެނަލަށް ދިން ބަސްދީގަތުމެއްގައި ނަތަންޔާހޫ ބުނީ، "އަހަރެން ނިއުޔޯކަށް ދާނަން. ނިއުޔޯކްގެ އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ހިތްހަމަނުޖެހުން އުފައްދާ، ނަފްރަތު ފަތުރާ މި އިންތިޚާބުކުރެވުނު އޮފިޝަލްގެ ކުރިމަތީގައި އަހަރެން ހަގީގަތް ހާމަކުރާނަން،" ކަމަށެވެ.

2024 ވަނަ އަހަރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރާ ގުޅިގެން، ނަތަންޔާހޫއަށް ނިއުޔޯކުން "މަރުހަބާ ނުކިޔާ" ކަމަށް މިދިޔަ ހަފްތާގައި މޭޔަރު މަމްދާނީ އިއުލާން ކުރައްވާފައިވުމުން، ނަތަންޔާހޫ ވަނީ މަމްދާނީއަށް ބަހުގެ ހަމަލާތައް އަމާޒު ކޮށްފައެވެ. ނަތަންޔާހޫ ބުނެފައި ވަނީ މަމްދާނީއަށް ތާއީދުކުރާ ފަރާތްތައް "ނިއުޔޯކްގެ ޔަހޫދީންނާ ދެކޮޅަށް" މަގުތަކަށް ނެރެމުންދާ ކަމަށާއި، މި ވާހަކަތަކަކީ ނަފްރަތާއި ދޮގު ފެތުރުމަށް އޭނާ ކުރައްވާ ކަމެއް ކަމަށެވެ.

ނަތަންޔާހޫ ވަނީ އޭނާގެ ޖާސޫސީ އިދާރާއަށް މަމްދަނީ އާ ދެކޮޅަށް ލިބެން ހުރި ހުރިހައި މައުލޫމާތެއް ސެޕްތެމްބަރުގެ ދަތުރުގެ ކުރިން އެއްކުރުމަށް އަންގާފައި ކަމަށް ޔަހޫދީ މީޑިއާ ބުނެއެވެ.

ނަތަންޔާހޫ ވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ "ނާޖާއިޒު ފައިދާ ނަގާ، ހަރާން ނުބައި ޖަމިއްޔާއެއް" ކަމަށް ސިފަކޮށްފައެވެ. އަދި އެއީ އެމެރިކާއާ އިސްރާއީލުވެ މަސްއޫލުވެރިންނާ ދެކޮޅަށް ހެދި ތަނެއް ނޫން ކަމަށް ބުނެ، އެފްރިކާގައި ހިނގާ ކަންކަމާ މެދު އެ ކޯޓުން ސަމާލުކަން ނުދެނީ ކީއްވެތޯ ސުއާލު އުފައްދާފައެވެ.

21 ޖުލައިގައި އާންމުކުރި ވީޑިއޯ ބަޔާނެއްގައި މަމްދާނީ ވަނީ ނަތަންޔާހޫ ހައްޔަރުކުރުމުގެ ގާނޫނީ ބާރު އޭނާގެ ސިޓީ ސަރުކާރަށް ލިބިގެން ނުވާކަން އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް، ނަތަންޔާހޫއަކީ "ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ މުޖުރިމެއް" ކަމަށް ސިފަކުރައްވައި، ކޯޓުގެ އަމުރު ތަންފީޒުކޮށް އޭނާ ހައްޔަރުކުރުމަށް ޓްރަމްޕްގެ އިދާރާއަށް މަމްދާނީ ގޮވާލައްވާފައިވެއެވެ.

ނަތަންޔާހޫ ނިއުޔޯކަށް ދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމަށެވެ.

ހިއްސާ ކުރައްވާ!